އޭޝިއަން ޓެލެކޮމް އެވޯޑްސްގައި، ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑު ދިރާގަށް

އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑު ދިރާގަށް -- ފޮޓޯ: ދިރާގު

މިއަހަރުގެ އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑު ދިރާގަށް ލިބިއްޖެއެވެ.

އޭޝިއަން ޓެލެކޮމް އެވޯޑަސްއަކީ މި ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.

ދިރާގަށް ލިބުނު އެވޯޑަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ، ހުރިހާ ގެއަކަށް، 100 ޕަސެންޓު ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހޯދާފައިވާ ކާމިޔާބީގެ މައްޗަށެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ރަޝީދު ވިދާޅުވި ގޮތުގައި އޭޝިއަން ޓެލެކޮމް އެވޯޑްސް 2026ގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެކެވެ. މިއީ އެންމެ މަތީ ފެންވަރުގެ ޑިޖިޓަލް ޚިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމަކާއި ހިތްވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަދު ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް ހައި ސްޕީޑް އިންޓަނެޓްގެ ދޮރު ވަނީ ހުޅުވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް އަދި ފަޚުރުވެރި ކާމިޔާބީއެއް. މި ފުރުސަތުގައި އަޅުގަނޑުމެންގެ ޚިދުމަތްތައް އިޚުތިޔާރުކޮށް ކުރައްވާ އިތުބާރަށް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ރަޝީދު

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށާއި، ރިސޯޓުތަކުގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްރަށަށް 100 އިންސައްތަ 4ޖީ ޚިދުމަތް ދިރާގުން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބިސީއަކަށް ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދީފައިވާއިރު ރާއްޖޭގެ އާބާދީގެ 73 އިންސައްތައަށް މިހާރު ދިރާގު 5ޖީގެ ޚިދުމަތް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދާދި ފަހުން ދިރާގަށް ވަނީ އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ 'ފާސްޓެސްޓް 5ޖީ ނެޓްވޯކް' އެވޯޑާއި 'ބެސްޓް 5ޖީ ނެޓްވޯކް' އަދި 'ބެސްޓް 5ޖީ ގޭމިން އެކްސްޕީރިއަންސް' އެވޯޑު މިދިޔަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރުގައި ލިބިފައެވެ.

ދިރާގުން ބުނި ގޮތުގައި އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދީ، ފާގަތި އަދި ޑިޖިޓަލް މުސްތަގުބަލެއް ބިނާކުރުމަށް މަގުފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް