ރަމަޟާން މަހަކީ އެހެން މަސްތަކާ ޚިލާފަށް ދިރިއުޅުމުގެ ވަރަށް ގިނަ އާދަތަކަށް ބޮޑު ބަދަލެއް އަންނަ މައްސަރެކެވެ.
އޭގެ ތެރޭގައި ކެއިން ބުއިމަށް އަންނަ ބަދަލުތަކުގެ އިތުރުން އެންމެ ބޮޑު ބަދަލެއް އަންނަނީ ނިދުމަށެވެ. ގިނަބަޔަކު ރޭގަނޑުގެ ބޮޑު ބައެއް ރޭ އަޅުކަންތަކުގައި ހޭދަކުރާއިރު ހާރު ކެއުމަށް ހޭލުމަށްފަހު އަނެއްކާވެސް ހެނދުނު ވަޒީފާއަށް ދިއުމަށް ހޭލުން ގިނަ ބަޔަކަށް ބުރަވެއެވެ. އެހެންވެ ހަފްތާ ފެށުމާއެކު ހަފްތާގެ ބަންދަށް އިންތިޒާރުކުރާ މީހުންވެސް އަޅުގަނޑުގެމެންގެ ތެރޭގައި މަދެއް ނޫނެވެ.
ރަމަޟާން މަހު ވެސް ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ނިދި ނުލިބުމުގެ ސަބަބުން މީހާގެ މޫޑު ގޯސްވެ، ބޮލުގައި ރިއްސުމުގެ އިތުރުން ވަޒީފާގެ މާހައުލުގައި ވެސް މަސައްކަތަށް ދޭންޖެހޭ އެންމެ ފުރިހަމަ އެއްބާރުލުމާއި ސަމާލުކަން ނުދެވުމަކީ ވެސް ގިނަ ބަޔަކު ތަޖުރިބާކުރާ ކަމެކެވެ.
މިކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ނިދުމަށް ކުރިން ގެންގުޅުނު ތާވަލު ރަމަޟާން މަސް އައުމުން އެއްކޮށް ބަދަލުކޮށްލެވިދާނެއެވެ.
ސައުދީ އަރަބިއްޔާގެ ސިއްހަތާބެހޭ ވުޒާރާއިން މި މައުޟޫއަށް އާއްމުން ހޭލުންތެރި ކުރުމަށް ނެރުނު ލިޔުމެއްގައި ރޯދަ މަހު ހަށިގަނޑަށް ބޭނުންވާ ނިދި ފުރިހަމަ ގޮތުގައި ހޯދުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ވަރަށް ރަނގަޅަށް އަލިއަޅުވާފައިވެއެވެ. އެގޮތުން ރޯދަވީއްލުމަށްފަހު ހާރުކެއުމާ ދެމެދު އޮންނަ ވަގުތުތަކުގައި މަދުވެގެން ހަތަރު ގަޑިއިރު ނިދާލުމަށް ޕްލޭން ކުރެވިދާނެއެވެ.

ރޯދަ ވީއްލާ ވަގުތު ހަށިގަނޑަށް ފައިދާހުރި ކެއުމަކަށް އިންސާފު ކުރުމަކީ ވެސް ފަސޭޙައިން ނިދާލުމަށް މަގުފަހިވާނެ ކަމެއް-- ފޮޓޯ/ އިންޑިއަން އެކްސްޕްރެސް
ދުވާލުގެ ވަގުތުތަކުގައި ވެސް 15 ނުވަތަ 20 މިނެޓަށް ކުޑަ 'ނެޕެއް' ނެގުމަކީ ސިކުނޑިއަށް ލުއިކަމެއް ހޯދައި ލިބިފައި ހުންނަ ވަރުބަލިކަން ފިލުވާލުމަށް ކުރެވިދާނެ ކަމެކެވެ. ރަމަޟާން މަހު ނިދަން ބޭނުންވާ ވަގުތުތަކުގައި ކޮންމެ ދުވަހަކުވެސް އާދަވެގެން ނިދުމަކީ ހަށިގަނޑަށް ފުރިހަމަ ނިދި ހޯދައި ދިނުމަށް ކުރެވިދާނެ ކަމެކެވެ.
އެހެން މަސް މަހު އާދަވެގެން ބޯ ކެފެއިންގެ މާއްދާ އެކުލެވޭ ބުއިންތަކާ ރޯދަ މަހު ދުރުވުމަކީ ވެސް ފަސޭހަކަމާ އެކު ނިދާލަން އެހީތެރިވެދޭނެ ކަމެކެވެ. ޚާއްސަކޮށް ނިދުމުގެ ވަގުތާ ކައިރިކޮށް މިފަދަ ބުއިންތަކާ ދުރުވުމަށް އާދަކުރެވިދާނެއެވެ.
މީގެއިތުރުން ރޯދަވީއްލާ ވަގުތު ސިއްހަތަށް ފައިދާހުރި ކެއުންތައް ކެއުމުގައި ހިމަނާލަން އިސްކަންދީ، ތެޔޮ ކާނާ އަދި ފޮނި ކެއުންތަކުން ދުރުހެލިވުމަކީ ވެސް ނިދުމަށް ފަސޭހަވާނެ ކަންކަމެވެ.
ނިދަން އޮށޯންނަ ވަގުތަކީ މީހާއަށް ލިބިފައި ހުންނަ ވަރުބަލިކަން ފިލުވާލަދޭން އެހީތެރިވެދޭނެ ވަގުތަކަށްވާތީ އެކަމަށް ނިދާ ކޮޓަރި ފުރިހަމައަށް ތައްޔާރުކޮށްލުމަކީ ވެސް މުހިއްމު ކަމެކެވެ. އެގޮތުން ކޮޓަރީގެ އަލި މަޑުކޮށް މޮބައިލް ފޯން އަދި ޓީވީ ފަދަ ސްކްރީންތައް ބޭނުންކުރުމުން އެވަގުތު ދުރުހެލިވުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.