އޮޑީގެ ތާރީޚީ ބޮޑު ކާމިޔާބީ، ވަރުގަދަ ގުޅުމަކާއެކު ބުރަ މަސައްކަތުގެ ނަތީޖާ

މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޮޑި ސްޕޯޓްސް ކުލަބަށް ރައީސުލްޖުމްހޫރިއްޔާ ޓްރޮފީ ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން އޮޑި ސްޕޯޓްސް ކުލަބު ހޯދުމަކީ ކުޑަ ކަމެއް ނޫނެވެ. ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކުރި ފުރަތަމަ އަހަރު ހޯދި މި ބޮޑު ކާމިޔާބީގެ ފަހަތުގައި ބުރަ މަސައްކަތްތަކަކާއި ފޮނި އުންމީދުތަކެއްވެއެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން އޮޑިން ހޯދީ ފައިނަލުގައި ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 6-5 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ޕްރެޒިޑެންޓްސް ކަޕް 2026 ފައިނަލުގައި އޮޑިއާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ ފައިނަލަށް މާޒިޔާ ދަތުރުކުރީވެސް ޕެނަލްޓީގައެވެ. އެއީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.

އެންމެފަހުން ޕްރެޒިޑެންޓްސް ކަޕު ކުޅުނީ 2023 ގައެވެ. އެފަހަރު މާޒިޔާއިން ޗެމްޕިއަންކަން ހޯދީ ކުލަބު އީގަލްސްގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ. ނަމަވެސް މިފަހަރު މާޒިޔާއަށް ޕެނަލްޓީގައި އޮޑީގެ މައްޗަށް ކުރިނުހޯދުނެވެ.

ޕްރެޒިޑެންޓްސް ކަޕް 2026 ގެ ފައިނަލުގައި މާޒިޔާއާ އޮޑި ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ދިވެހި ފުޓުބޯޅައިގެ ތަޖުރިިބާކާރުން ދެކޭގޮތުގައި މުޅި އޮޑި ޓީމުގެ ފަރާތުން މި ސީޒަނުގައި ފެނިގެންދިޔައީ އެއްބައިވަންތަކަމާ އެކުވެރިކަމުގެ ލާމަސީލު ރޫހެކެވެ. އެ ޓީމުގެ އެންމެ ރަނގަޅު އިންވެެސްޓްމަންޓެއްގެ ގޮތުގައި ފެނިގެންދިޔައީ ސްޕެއިންގެ ކޯޗު އަންޑްރޭސް ގާސިއާއެވެ. އޭނާގެ ކުޅުމުގެ ޕްލޭނާއި ޓީމު ގޮވައިގެން ގެންގުޅުނު ސިސްޓަމަކީ މި ރާއްޖެއަށްވެސް ނަމޫނާ ސިސްޓަމެކެވެ.

ހަމައެކަނި ކުޅުންތެރިންނެއް ނޫނެވެ. އޮފިޝަލުންނާ ކުލަބުގެ މެމްބަރުންނާއެކު އޮޑީގައި އޮތީ ބަދަހި ގުޅުމެކެެވެ. ފުރަތަމަ ޑިވިޝަނާ ކުރިމަތިލި އަލަތު އަހަރު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ މަގާމު ހޯދުމަކީވެސް ވަކި ކުޑަކަމެއް ނޫނެވެ.

ކޯޗު އަންޑްރޭސް ގާސިއާއަކީ ކޮންމެ މެޗަކަށް ވަރުގަދައަށް ތައްޔާރުވާ ބުރަ ކޯޗެކެވެ. އޭނާ މިކަމަށް ދިން ސަމާލުކަމަކީ ރާއްޖޭގެ އެހެން ކޯޗުންނަށްވެސް ނަމޫނާއެކެވެ.

"މިއީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް. އަހަރެމެން މިއައީ ވަރަށް ވަރުގަދައަށް ފައިޓު ކުރަމުން، އަދި މިއަދު އަހަރެމެން މިވަނީ ފައިޓް ކާމިޔާބުކޮށްފައި،" މެޗަށްފަހު ކޯޗު ބުންޏެވެ.

އޮޑި ސްޕޯޓްސް ކުލަބުގެ ސްޕެއިން ކޯޗު މުބާރާތުގެ ޓްރޮފީ އުފުލާލަނީ-- ފޮޓޯ: އޮޑި

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުން ފުރަތަމަ މާޒިޔާއިން ލީޑު ނަގައިދިނަ ލަނޑު ޖެހީ ނާއިޒް ހަސަން (ދާދު) އެވެ. އޭގެ ދިހަ މިނެޓުފަހުން އޮޑީގެ ބިދޭސީ ފޯވާޑް ކިއާނޫ ފޮނުވާލި ބޯޅައިން އެޓީމު ނަތީޖާ ހަމަހަމަކުރިއެވެ.

މިއީ މިއަހަރުގެ ފުޓުބޯޅަ ސީޒަނުގައި މާޒިޔާގެ ފުރަތަމަ ބައްޔެވެ. މިދެޓީމު ކުޅުނު ލީގު ކަޕު ފައިނަލާއި ދިވެހި ޕްރިިމިއާ ލީގުގެ ހުރިހާ ކުރިމަތިލުމެއްވެސް ކާމިޔާބުކުރީ މާޒިޔާއިންނެވެ.

އޮޑީގެ މި ފެށުމަކީ ދިވެހި ފުޓުބޯޅައިގަ ތާރީހީ ކަމެކެވެ. އަލަތު ސީޒަނުގައި މިވަރުގެ ކާމިޔާބީއެއް ހޯދުމަކީ ފަސޭހަކަމެއް ނޫންނަމަވެސް އޮޑިން ސާބިތުކޮށްދިނީ ވަރުގަދަ އަޒުމަކާއެކު ޓީމެއްގެ ގޮތުގައި ކުރިމަތިލައިފިނަމަ ތަފާތު ދެއްކިދާނެކަމެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ. ޖުމްލަ ތިން ލަނޑާއެކު މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒުވާން ކުޅުންތެރިޔާ އަޙްޒަމް ރަޝީދެވެ. އޭނާއަކީ 18 އަހަރުގެ ކުޅުންތެރިއެކެވެ.

މުބާރާތުގެ ޓޮޕް ސްކޯރާ އަދި އެންމެ މޮޅު ކުޅުންތެރިޔާއަށް އިނާމުދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދެއްވީ ޝަރަފްވެރި މެހެމާނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ. މީގެއިތުރުން ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިއުއާއި ވުޒާރާގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު