ބޮޑުތަކުރުފާނުމަގުގެ ބާޒާރުމަތީ ސަރަހައްދު ތަރައްގީކުރުމަށްޓަކައި ވަގުތީގޮތުން ބަދަލުކުރި އުޅަނދުފަހަރާއި މުދާ އެ ސަރަހައްދަށް އަލުން ބަދަލުކޮށް، ބޯޓް ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތްދޭން ފަށައިފިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ބާޒާރުމަތީ ސަރަހައްދުގައި ހުރި އުޅަނދުފަހަރާއި މުދާތައް ބަދަލުކުރީ މަރުކަޒީ ބޭންކު އެމްއެމްއޭ ޖެޓީ ސަރަހައްދަށާއި ހުޅުމާލޭ ޕެޓްރޯލް ޖެޓީ ސަރަހައްދަށެވެ.
ބާޒާރުމަތީ މަގުގެ ބޮޑު ބައެއް ނިންމައި މިހާރު ބޭނުން ކުރަން ފަށާފައިވާއިރު, އުޅަނދުފަހަރު މާލޭގެ އުތުރު ހާބަރުގެ ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑަށް، ނުވަތަ 'އޭ ޒޯން'އަށް ބަދަލުކުރަން މިހާރު ވަނީ ފަށައިފައެވެ.
އެމްޕީއެލުން ބުނީ، މިހާރު ކުރަމުން އަންނަނީ، މީގެ ކުރިން މާލޭގެ އުތުރު ހާބަރުގެ ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑުން ލިބެން ނެތް ކަރަންޓާއި ފެނުގެ ޚިދުމަތް ބޯޓް ފަހަރަށް ދިނުމުގެ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިއްޔާތައް ބޭނުންކުރަން ފަށާފައިވާ ކަމަށްވެސް އެމްޕީއެލުން ބުންޏެވެ.
އެ ކުންފުނިން ބުނީ، އަންނަ ހަފުތާގައި މާލޭ އުތުރު ހާބަރުގެ ހުޅަނގު ފަރާތު ތޮށިގަނޑު، ނުވަތަ 'ބީ ޒޯން'އަށް އުޅަނދުފަހަރު ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ނޯތު ހާބަރު ސަރަހައްދުގައި އުޅަނދުފަހަރު --- ފޮޓޯ: އެމްޕީއެލް
ފާހަގަކުރެވޭ ގޮތުގައި، މާލޭގެ މަސްމާރުކޭޓާ ހަމައިން ބާޒާރުމަތީ ފިހާރަތަކާ ހަމައަށް އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދުގައި އެއްކޮށް ތާރުއަޅައި ނިންމާލައި އެ ސަރަހައްދު އާންމުންނަށް ހުޅުވާލީ މިދިޔަ ހަފުތާގައެވެ.
އެ މަސައްކަތްކުރި އެމްޓީސީސީން ބުނީ، ބާޒާރުމަތި ސަރަހައްދުގައި 260 މީޓަރުގައި ތާރު އަޅައި، މަގުގެ ފުޅާމިން 14 މީޓަރަށް ފުޅާކޮށްފައިވާ ކަމަށެވެ. އަދި, ބަނދަރުގެ އެއްގަމު ތޮށި ގާތްގަނޑަކަށް ހަ މީޓަރު ބޭރަށް ޖައްސައި އެ ސަރަހައްދު އެއްކޮށް ތަރައްގީކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަތޮޅު ފިހާރަތަކާއި ލޯކަލް މާރުކޭޓު ހުންނަ ބާޒާރުމަތި ސަރަހައްދު ތަރައްގީކުރަން ފެށީ މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މަސް މާރުކޭޓާއި އެއް ނަންބަރު ފާލަމާ ދެމެދު އޮންނަ ސަރަހައްދު ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަހު ތިން މަސްދުވަހަށް ފަހުން ހުޅުވައިލީ މިދިޔަ ޑިސެންބަރު މަހުގެ މެދުތެރޭގައެވެ.
އެ ސަރަހައްދުގައި ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ފަސޭހަވާނެހެން، ހަތަރު ލޭނަަށް މަގު ފުޅާކޮށް، މަގުގެ ދެ ފަރާތުގައިވާ ދުވާރު ވަނީ ފުޅާކޮށްފައެވެ.

ތާރު އަޅައި ތަރައްގީކުރި ބާޒާރުމަތި ސަރަހައްދު --- ފޮޓޯ: އެމްޓީސީސީ
މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަކުގެ ދަށުން ރަށުގެ ވަށައިގެންވާ ބައެއް ހިސާބުތަކުގައި ތާރު އަޅާފައިވާއިރު، އެހެން ބައެއް ސަރަހައްދުތަކުގައި އަދިވެސް އޮންނަނީ ގާ އަތުރައިފައެވެ. ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހެވެ.
މި މަޝްރޫއުގެ ދަށުން ކާނިވާ ކައިރި ހުންނަ ފެރީ ޓާމިނަލުން ފެށިގެން މަސް މާރުކޭޓު ސަރަހައްދާ ހަމައަށް 830 މީޓަރުގައި ތާރު އަޅައި، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އެ ސަރަހައްދުގައި ތާރު އަޅައި ނިމޭއިރު، ފެން ހިންދާ ނިޒާމެއް ވެސް ގާއިމުކުރެވޭނެތީ ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނިން އޭރު ބުންޏެވެ.
ގާތްގަނޑަކަށް 144.5 މިލިއަން ރުފިޔާއަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ އެއް އަހަރާއި ތިން މަހުން ނިންމާ ގޮތަށެވެ.
މީގެ އިތުރުން މާލޭގެ އެތެރޭގެ މަގުތައް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރެވޭތޯ ވެސް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.