މާލޭގެ މަސްމާރުކޭޓު ބޮޑު އަގުގައި ކުއްޔަށް ދޫކޮށްފައިވާ މައްސަލައިގެ އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓަރަށް 9.5 މިލިއަން ޑޮލަރު ނުދެއްވިއްޖެނަމަ، މާރުކޭޓު އަޅާ ތަން 25 އަހަރަށް ގެއްލޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މާލެ މަސް މާރުކޭޓާ ގުޅޭ އޮޑިޓު ރިޕޯޓު އާންމުކޮށް، އާޒިމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެ ތަން ތަރައްގީ ކުރުމަށް ދީފައި ވަނީ މާލެ ސިޓީ ކައުންސިލަށް ބޮޑެތި ގެއްލުންތަކެއް ވާނެ ގޮތަށް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މަސް މާރުކޭޓު އަޅަން ފުރަތަމަ އެއްބަސްވުން ހަދާފައި އޮތީ 6.1 މިލިއަން ޑޮލަރަށް ނަމަވެސް، ފަހުން އެ އެއްބަސްވުން އޮތީ 9.6 މިލިއަން ޑޮލަރަށް އެހެން ބަޔަކާ ހަވާލުކޮށްފައެވެ. ތިން ވަނަ ފަހަރަށް އަގަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެ އެއްބަސްވުމުގައި އޮތް ގޮތަށް މަސް މާރުކޭޓުގެ މަސައްކަތް ކުރިއަށް ގެންގޮސްފިނަމަ، އެ ކައުންސިލަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ވާނެކަން ފާހަގަކުރެވިފައިވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
އެހެންވެ، އެ އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތްތައް ސިޓީ ކައުންސިލުން ކުރާކަން އާޒިމް ފާހަގަކުރެއްވިއެވެ.

މަސް މާރުކޭޓު: އާޒިމް ވިދާޅުވީ، ވިދާޅުވީ، މަސް މާރުކޭޓު އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ތިން ވަނައަށް ހެދިފައި ކޮންޓްރެކްޓުގައި އޮތް 9.5 މިލިއަން ޑޮލަރު ނުދެވިއްޖެއްޔާ އެ ޕްރޮޖެކްޓު އެއީ [ކޮންޓްރެކްޓަރުންގެ] ތަނެއްގެ ގޮތުގައި ބަދަލުވެ، 25 އަހަރަށް އެމީހުންނަށް އެތަން ލިބުނީ. މާނައަކީ މަސް މާރުކޭޓު އަޅަން ހުރި ތަން އަޅުގަނޑުމެންނަށް ގެއްލި ލޯކަލް މާރުކޭޓު އަޅަން ހުރި ތަން ގެއްލި 25 އަހަރު ވަންދެން އެއްވެސް ކަމެއް ނުކުރެވިދާ ގޮތަށް ފަރުމާކުރެވިފައިވާ ކޮންޓްރެކްޓެކޭ [އެއީ]މާލޭގެ މޭޔަރު އާދަމް އާޒިމް
މޭޔަރު ވިދާޅުވީ، އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރު މާލޭގެ މަސްމާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު އޮތީ ކޮމިޝަންކޮށް, ކައުންސިލުން ބިޑަށް އިއުލާނުކޮށް، އިވެލުއޭޓުކޮށް، ވަކި ބަޔަކާ މަސައްކަތް ހަވާލުކޮށްފައެވެ. އެގޮތުން އޭރު އޮތީ 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ނަމަވެސް ނޮވެމްބަރު 17، 2023ގައި މޭޔަރުކަމުގެ ގޮނޑި ހުސްވެ، އެ މަގާމާ އާޒިމް ހަވާލުވެވަޑައިގަތުމުގެ ކުރިން، އެ ދެމެދުގައި އެ އެއްބަސްވުން އުވާލައި، މުޅިން އެހެން ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި 3.5 މިލިއަން ޑޮލަރު އިތުރުކޮށް، އެ މަސައްކަތް 9.5 މިލިއަން ޑޮލަރަށް އަގު ބޮޑުކޮށް އެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ގާސިމެވެ.
އައު އެއްބަސްވުމެއްގައި ސޮއިކުރަން ޖެހުނު ގޮތާއި، އަގަށް 3.5 މިލިއަން ޑޮލަރު އިތުރުކުރަން ޖެހުނު ގޮތް، ތަކުރާރުކޮށް އެދުނު ނަމަވެސް ނަސީރު އޮޅުންފިލުވައިދީފައި ނެތްކަން މިދިޔަ އޮގަސްޓުމަހުގެ 20 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ ޖަލްސާގައި މޭޔަރު ވިދާޅުވިއެވެ.
އެ ކަން ބަލަން ލީގަލް ސެކްޝަންގެ ވެރިޔާ ކައުންސިލުގެ ޖަލްސާއަށް ހާޒިރުކުރަން އެދުނު ތިން ޖަލްސާއެއް ކޯރަމް ހަމަނުވެގެން ކެންސަލްވި މައްސަލަ ބޮޑުވިއެވެ. އަދި، ބައެއް މައްސަލަތައް އެޖެންޑާކުރުމުން، ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލްގައި ކޯރަމް ހަމަނުވެގެން އެ ބައްދަލުވުންތައް ނުބޭއްވޭ މައްސަލަ ވެސް ބޮޑުވެފައިވެއެވެ.