"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" ބާއްވައި ރާއްޖޭގެ އެންމެ މޮޅު އެތުލީޓުން ހޮވައި، އެ ފަރާތްތަކުގެ އަގު ވަޒަންކޮށްފިއެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި ކޮށްދެއްވައި، އެންމެ މޮޅު އެތުލީޓުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
އޮލިމްޕިކް ކުޅިވަރުތަކުގެ ކެޓަގަރީން ރާއްޖޭގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ކާމިޔާބުކުރީ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީއެވެ. މިއީ ދީމާ މި ޝަރަފުވެރި އެވޯޑު ވިދިވިދިގެން ހޯދި ތިންވަނަ އަހަރެވެ.
ދީމާ އަކީ އޮލިމްޕިކްސްގެ ކޮލިފައިން މަރުހަލާއެއްގެ ޗެމްޕިއަންކަން ހޯދައި، އޮލިމްޕިކްސްގެ ވާދަވެރި މަރުހަލާއަކުން ފުރުސަތު ހޯދި ހަމައެކަނި ދިވެހި އެތުލީޓެވެ. މި ކެޓަގަރީން ދެވަނަ އައިޝަތު މާޖިދާ ހޯދިއިރު، ތިންވަނަ ލިބުނީ ފާތިމަތު ޖޫޒާން ޒަރީރަށެވެ.
އޮލިމްޕިކް ކުޅިވަރުތަކުން އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދެވެ. މި ކެޓަގަރީގެ ދެވަނަ މަގާމު ވޮލީބޯޅަ ތަރި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ހޯދިއިރު، ތިންވަނަ ލިބުނީ ފެތުންތެރިޔާ މުހައްމަދު ރިހާން ޝިހާމަށެވެ.
އޮލިމްޕިކް ނޫން ކުޅިވަރުތަކުގެ ކެޓަގަރީން އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ބޮޑީބިލްޑަރު އަޒްނީން ރަޝީދެވެ. މި ކެޓަގަރީން ދެވަނަ ޝާހީން އިބްރާހިމް ދީދީ ހޯދިއިރު، ތިންވަނަ ހޯދީ އަހްސަން ރަޝީދެވެ.
އޮލިމްޕިކް ނޫން ކުޅިވަރުތަކުން އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދީ ނެޓްބޯޅަ ކުޅުންތެރިޔާ އީމާ އަބްދުއްސައްތާރެވެ.
މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. މިއަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންފައިވަނީ، މޫސާ މަނިކު އަދި، މުޙައްމަދު ނަދީމަށެވެ.