ކަންބޮޑުވުމާއެކު މައުސޫމް: ސަރުކާރުން ޓޫރިޒަމަށް ވަދެގެން އެ ސިނާއަތް ޚަރާބުވާނެ، ފައިދާއެއް ނެތް

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

ސަރުކާރުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަނުމުން އެ ސިނާއަތް "ޚަރާބުވާނެ" ކަމަށާއި އެ ކަމުން އެއްވެސް ފައިދާއެއް ނެތް ކަމަށް ވިދާޅުވެ، މިދިޔަ އެމްޑީޕީ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި، ޑރ. އަބްދުﷲ މައުސޫމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ކުރިއަށް އޮތް ތިން އަހަރު ތެރޭ މަދުވެގެން 10 ރިސޯޓް ސަރުކާރުން ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކު ހިއްސާދާރަކަށް ހަދައި، ބޭރު ފައިސާ އެކައުންޓަށް ޖަމާ ކުރަން ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

އެ މަނިކުފާނު އަންދާޒާ ކުރެއްވި ގޮތުގައި، 2030 ފެށިގެން ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު 400 ޑޮލަރު ލިބޭނެއެވެ.

https://sun.mv/217596

އެ ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ޑރ. މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތަށް ސަރުކާރުން ވަންނަކަން އިއުލާނުކުރިއިރު، ފައިދާވާ ގޮތަށް ސަރުކާރު ކުންފުންޏެއް ވެސް ނުހިންގޭ ކަމަށެވެ.

ރާއްޖޭގެ ރިސޯޓެއް: ސަރުކާރުން ޓޫރިޒަމަށް ވަދެގެން އެ ސިނާއަތް ޚަރާބުވާނެ ކަމަށް މައުސޫމް ވަނީ ވިދާޅުވެފައި --- ފޮޓޯ/ ބުކިން ޑޮކް ކޮމް

މިގޮތުން، ރައްޔިތުން ދައްކާ ޓެކްސްތައް ހަމަހަމަ ކަމެއް ނެތި، އިސްރާފުތަކެއްގެ ތެރެއިން ވަކި ބަޔަކަށް ލިބޭކަން މައުސޫމް ފާހަގަކުރެއްވިއެވެ.

މިހާރުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހާލަތަށް ވެސް އޭނާ ވަނީ އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، ފަތުރުވެރިކަން ކުރާ ރަށްތަކުން ސަރުކާރަށް ދައްކާ ގްރީން ޓެކުހުން އެކަނި ވެސް އިސްރާފު ނުކުރާނަމަ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފުރިހަމައަށް ކަންކަން ކޮށްދެއްވޭނެ ކަމަށް މައުސޫމް ގަބޫލުކުރައްވައެވެ.

ރައްޔިތުން މަސައްކަތް ކޮށްގެން ދެއްތޯ ޓެކްސް މި ދައްކަނީ. އެ ގްރީން ޓެކްސްގެ ހައްގު މިންވަރު ރަށު ރައްޔިތުންނަށް ނުލިބޭ. ރަށުގެ ކުނި މެނޭޖެއް ރަނގަޅަކަށް ނުކުރެވޭ. އެ ވެސް ކައުންސިލް ބޮލުގައި ޒިންމާ އަޅުވާފައި އެއްވެސް ފައިސާ ނުދީ، ބަޖެޓެއް ނުދޭ. މިކަހަލަ ގޮތަކަށް ކަންތައް ދާއިރު އަލަށް ވިޔަފާރިއެއް ފަށައިގެން އެ ކަންތައް ވެދާނެ ކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު

އޭނާ ވަނީ، ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތަށް ވަންނާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިހާތަނަށް އައިއިރު، ފަތުރުވެރިކަމަށް އެތައް އަހަރެއް ފުރުނީ، އަމިއްލަ މީހުންގެ މަސައްކަތުން ކަމަށާއި ސަރުކާރުން އޮތީ ކަންތައްތަކަށް ފަހިކޮށްދޭ ބައެއް ގޮތުގައިކަން މައުސޫމް ފާހަގަކުރެއްވިއެވެ.

އެ ސިނާއަތުގައި ދުނިޔޭގެ އެވޯޑުތައް ހޯދައި، ނަން މަޝްހޫރު ފަތުރުވެރިކަމަކަށް ވީ، ސަރުކާރުން އެ ކަމުގެ ތެރެއަށް ނުވަންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް އޮތްހާ ވެސް އެއްޗަކީ ޓޫރިޒަމް. އަޅުގަނޑުމެންނަށް މި ލިބޭ ޑޮލަރެއް މި ލިބެނީ ޓޫރިޒަމުން. އޭގެ ތެރެއަށް ސަރުކާރުން ވަދެފިއްޔާ ޓޫރިޒަމް ގަޑުބަޑުވާނެ. ޓޫރިޒަމް ޚަރާބުވާނެ. އެ ކަމުން ރައްޔިތަކަށް ވާނެ ހެވެއް ނެތް. ރާއްޖެއަށް ވެސް ސަރުކާރުގެ މާލިއްޔަތަށް ވެސް ލިބޭނެ ހެވެއް ނެތްކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު

ސަރުކާރުގެ އަންދާޒާ ހިސާބުކުރައްވައި، މައުސޫމް ވިދާޅުވި ގޮތުގައި، ކޮންމެ ރައްޔިތަކަށް ފައިސާ ދޭނަމަ، ކޮންމެ ރިސޯޓަކުން ސާފު ފައިދާއަށް މަހަކަށް 13 މިލިއަން ޑޮލަރު ނެރެން ޖެހެއެވެ.

މި ކަމާ ގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

comment ކޮމެންޓް