މީހުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ތަފާތު ދެ މައްސަލައެއްގައި ހައްޔަރުކޮށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރި ދެ މީހަކު، އެ ދެ މީހުންގެ ދިފާއުގައި، ފައިސާ ނަގައިދިނީ އުމުރުން ދުވަސްވީ މީހަކަށް ކަމަށް ބުނެފިއެވެ.
ކްރިމިނަލް ކޯޓަށް ހާޒިރުކުރި މީހުންގެ ތެރެއިން އެކަކަކީ އުމުރުން 24 އަހަރުގެ މުޙައްމަދު ނާއިޝް ނަބީލެވެ. އޭނާ ހައްޔަރުކުރީ، މީހެއްގެ މީސްމީޑިއާ އެކައުންޓުތައް ހެކުކޮށް، އެ މީހާގެ އެކައުންޓުތަކުން 279،000 އަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައަކާ ގުޅިގެންނެވެ.
އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ ފަހުކޮޅު ކަމަށްވާއިރު އޭނާގެ ބަންދަށް ފުރަތަމަ ޖެހީ ހަތް ދުވަހެވެ. އެ މުއްދަތު ހަމަވުމުން އިއްޔެ އަލުން ކޯޓަށް ހާޒިރުކުރިއެވެ.
އިއްޔެ ބަންދު ޖެހި މީހުންގެ ތެރޭގައި، ފޭސްބުކް މާކެޓް ޕްލޭސްގައި ބަންކު ބެޑެއް ވިއްކާނެ ކަމަށްބުނެ އޮޅުވާލައިގެން ފައިސާ ހޯދައި, އެ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކޮށްގެން ނެގި މައްސަލައިގައި ހައްޔަރުކުރި ބިދޭސީއެއް ހިމެނެއެވެ. އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ޙަސަނެވެ.
އެ ދެ މީހުން ވެސް ބަންދު މަޖިލީހުގައި ބުނީ އުމުރުން ދުވަސްވީ މީހަކު ފައިސާ ނަގައިދޭން އެދުމުން ފައިސާ ނަގައިދިނީ ކަމަށާޢި އެފަދަ ކަމެއް ދިމާވެދާނެކަން ކުރިން ނޭނގޭ ކަމަށެވެ.
ފުލުހުން ބުނީ، އޭގެ ތެރެއިން ޙަސަނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށާއި، އޭނާ އެ ފައިސާ ނެގީ ވޯކް ޕާމިޓް އޮންނަ މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ކަމަށެވެ.
އެ ދެ މައްސަލައިގައި ގާޟީ އާމިނަތު އަޒްލިފާ އަމުރުކުރެއްވީ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖެހުމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.
ފުލުހުން ބުނީ ސްކޭމްކޮށްގެން ހޯދާ ފައިސާ ބިދޭސީންގެ އެކައުންޓަށް ޖަމާކުރުވައި، ދައުރުކުރުވަމުންދާ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ވަނީ ފާހަގަކުރެވިފައި ކަމަށެވެ. ބިދޭސީ މަސައްކަތްތެރިއެއްގެ މިފަދަ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ މޯލްޑިވްސް އިމިގްރޭޝަނާ އެ މީހަކު ހަވާލުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.