ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ކަނޑުގެ މައްސަލައިގައި ފޮނުއްވި ސިޓީފުޅު, އަނބުރާ ގެންނަވަން ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
މިހާރު ކުރިއަށްދާ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވަނީ, ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި، ނިމިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ޞަރަޙައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލު ކުރައްވަން, ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލު ދެއްވައިފައެވެ.
އެގޮތުން ރައީސް ވިދާޅުވީ ޗާގޯސް ނުވަތަ ފޯޅަވަހީގެ ތާރީޚެއް ރާއްޖެއަށް އޮތް ކަމަށާއި، އެއީ އޭރުވެސް މިހާރު ވެސް ދިވެހީން މަހަށް ނުކުމެ ތިބޭ ސަރަހައްދެއް ކަމަށެވެ. ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް، ރާއްޖޭން 18 ޖަނަވަރީ 2026ގައި އިނގިރޭސިވިލާތަށް އިއުތިރާޒު ހުށަހަޅައިފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިޓްލޮސްއިން މައްސަލަ ނިންމާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް ކަމަށެވެ. އެއީ މިދިޔަ ސަރުކާރުން ދޫކޮށްލި ސަރަހައްދެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ކަނޑުގެ ސަރަހައްދު ހޯދަން ގާނޫނީ ގޮތުން މަސައްކަތް ކުރަން ބަންޑާރަ ނައިބަށް އަންގަވައިފައިވާނެ ކަމަށާއި، އެ މައްސަލަ ދިރާސާ ކުރި ކޮމިޓީގެ ރިޕޯޓު މިދިޔަ މަހު 22ގައި އެ މަނިކުފާނަށް ހުށަހަޅައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކެބިނެޓުން މިހާރު ވަނީ އެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ފަށައިފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން, ޞާލިޙް، މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަވަން ނިންމެވި ކަމަށް ރައީސް އިއުލާން ކުރެއްވެވިއެވެ.
ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އިޔާދަ ނުކުރެވޭ ގެއްލުން ލިބިފައިވާތީ، އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް، ގާނޫނީ ފިޔަވަޅު އަޅަން ކޮމިޝަން އޮފް އިންކުޔަރީއެއް ހަދަން ނިންމައިފައިވާކަން ވެސް ރައީސް އިއުލާންކުރެއްވެވިއެވެ.