ސުޖާތާ އިސްތިއުފާދެއްވުމުން، ސަރުކާރުން އެދުނު ގޮތަށް ދެން ޕެންޝަން ފަންޑުގެ މުއާމަލާތް ކުރިއަށް ނުގެންދެވޭނެ: ޒަރިޔަންދު

މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ޒަރިޔަންދު: ވިދާޅުވީ ދެން ސަރުކާރުން ބޭނުންވާ ގޮތަށް ޕެންޝަން ބޯޑުގެ މުއާމަލާތް ކުރިއަށް ނުގެންދެވޭނެ ކަމަށް --- ފޮޓޯ/ ޕީއެންއެފް

ސަރުކާރުން އެދުނު ގޮތަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރަން އެ އޮފީހުގެ ބޯޑުން ނިންމާފައިވަނިކޮށް, ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ޙަލީމް އިސްތިއުފާދެއްވުމަށްފަހު، އެ މުއާމަލާތް ދެން ކުރިއަށް ނުގެންދެވޭނެ ކަމަށް، މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިސްމާޢީލް ޒަރިޔަންދު މިއަދު ވިދާޅުވެއްޖެއެވެ.

ސުޖާތާ އިސްތިއުފާދެއްވީ ސަރުކާރުން ބޭނުންވިގޮތަށް، ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރަން މިހާރު އޮތް ޕެންޝަން އޮފީހުގެ ބޯޑުން ފާސްކޮށްފައިވަނިކޮށް މިއަދެވެ.

https://sun.mv/217558

މަރުކަޒީ ބޭންކު، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން އުޅުމުން އެ ކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން, ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަޙްމަދު އިނާޒާއި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޙައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާދެއްވައިފައެވެ.

އެކަމަށް އިޝާރާތްކުރައްވައި 'އެކްސް'ގައި ޒަރިޔަންދު ލިޔުއްވި ޕޯސްޓެއްގައިވަނީ، ޕެންޝަން ބޯޑުގެ ސީއީއޯއާއި ބޯޑުގެ ބޭފުޅުން އިސްތިއުފާދެއްވުމުގެ ސަބަބުން، ޕެންޝަން އޮފީހުގެ ބޯޑުގެ މަސައްކަތް ހުއްޓި، ސަރުކާރުން އެދުނު ގޮތަށް ޕެންޝަން ފަންޑުގެ ފައިސާ އިންވެސްޓްކޮށް ސަރުކާރުގެ ބޮންޑަކަށް ބަދަލުކުރުމުގެ މުއާމަލާތް ނުހިނގާނެ ކަމަށެވެ.

"އަދި [ބޮންޑުގެ ގޮތުގައި] އެ ފައިސާ ދޫކުރުމަކީ ޕެންޝަން އޮފީހުގެ 2023ވަނަ އަހަރު އާންމުކުރި އިންވެސްޓްމެންޓް ޕްރިންސިޕަލްތަކާ ދެކޮޅު ނިންމުމެއް،" މާލީ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޒަރިޔަންދު ލިޔުއްވާފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުން އެދުނު ގޮތަށް ޕެންޝަން ފަންޑުގެ ފައިސާ އިންވެސްޓްކޮށް ސަރުކާރުގެ ބޮންޑަކަށް ބަދަލުކުރުމުގެ މުއާމަލާތަކީ ފައިސާ ޗާޕް ކުރުން ކަމަށާއި މިކަމުގެ ސަބަބުން ޕެންޝަން ފަންޑަށާއި ގައުމުގެ އިގްތިސާދަށް ވެސް ވާނީ ގެއްލުން ކަމަށް މާލީ ބައެއް ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ޕެންޝަން އޮފީހުން ހިންގަން އުޅޭ މުއާމަލާތާ ގުޅިގެން ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަނިކޮށް އިއްޔެ ނެރުނު ބަޔާނެއްގައި އެ އޮފީހުން ބުނެފައިވަނީ، ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ރިޓާން ނުވަތަ ފައިދާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ "ޑުއަލް ކަރަންސީ" ޓްރެޒަރީ ބޮންޑެއްގައި 2.4 ބިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ކަމަށެވެ.

ޕެންޝަން އޮފީހުން ބުނި ގޮތުގައި މި މުއާމަލާތުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުމަކީ، ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެން ދިއުމެވެ. މީގެ އިތުރުން، މިހާރު ހުރި ބައެއް ޓްރެޒަރީ ބިލްތައް ދިގު މުއްދަތުގެ ބޮންޑުތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބި، ޕޯޓްފޯލިއޯގެ އެވަރެޖް ޑިއުރޭޝަން ދިގުވެ، ލިބޭ ފައިދާ އިތުރުވެގެންދާނެ ކަމަށް ވެސް ފާހަގަކުރެއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން, ޕެންޝަން އޮފީހުގެ ބޯޑުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވި ސަރުވަޝް ވިދާޅުވީ އޭނާގެ އިސްތިއުފާގެ ސިޓީގައި ވެސް ބަޔާންކުރި އެއް ވާހަކައަކީ ޕެންޝަން އޮފީހުން ހިންގަން އުޅޭ މުއާމަލާތަކީ، މާކެޓް ޓްރާންސެކްޝަންއެއް ކަމަށްވާނަމަ އެކަމުގައި މައްސަލައެއް ނެތްކަން ކަމަށެވެ.

މައްސަލައަކަށް ވަނީ މިއީ އެމްއެމްއޭ ބައިވެރިވާ ހިސާބުން މާކެޓް ޓްރާންސެކްޝަނަކަށް ނުވާތީކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެމްއޭއިން ފައިސާ ނެރުނީމާ، ފައިސާގެ ސަޕްލައި އިތުރުވަނީކަމަށާއި އެ ކަން ބެލެވޭނީ ވެސް ފައިސާ ޗާޕުކުރުމުގެ ގޮތުގައިކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ދިވެހި ފައިސާ ދައުރުވާލެއް އިތުރުވެ, ތަކެތީގެ އަގުތައް އުފުލުމަކީ ވުން ގާތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދެލައްކައެއްހާ މީހުން ކޮންމެ މަހަކު ފައިސާ ލަމުން އަންނަ ޕެންޝަން ފަންޑާ ސަރުކާރުން ބޭނުންވާ ގޮތަށް ކުޅުމުގެ ފުރުސަތު ދިނުމަކީ ބޮޑު ނުރައްކަލެއް ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް