ރާއްޖޭގައި އެކުލަވާލި ކެންސަރު ބަލީގެ ދަފުތަރުގައި ވޭތުވެދިޔަ އަށް އަހަރު 1،900 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވިއިރު، ގިނައީ އަންހެނުން ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކުރި ކެންސަރު ބަލީގެ ރިޕޯޓުގައި ބުނީ، ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު އަހަރަކު މިލިއަނަކަށްވުރެ ގިނަ މީހުންނަށް ކެންސަރު ޖެހި، ލައްކައަކަށް ވުރެ ގިނަ މީހުން މަރުވާ ކަމަށެވެ.
ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން 2020ވަނަ އަހަރު ނެރުނު ރިޕޯޓާ ހަވާލާދީ އެޗްޕީއޭއިން ބުނީ، ކެންސަރު ޖެހިގެން ރާއްޖޭން ނިސްބަތުން 17 ޕަސެންޓު މީހުން މަރުވާ ކަމަށެވެ.
ރާއްޖޭގެ ކެންސަރު ބަލީގެ ދަފުތަރުގައި 2017ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 1،900 އަށް ވުރެ ގިނަ މީހުން ކެންސަރު ޖެހިގެން ރަޖިސްޓްރީކޮށްފައިވާކަން ހާމަކޮށް އެޗްޕީއޭއިން ބުނީ، ކެންސަރު ޖެހިގެން ރަޖިސްޓްރީކުރި މީހުންގެ ނިސްބަތަށް ބަލާއިރު 57 ޕަސެންޓު މީހުންނަކީ އަންހެނުން ކަމަށާއި 43 ޕަސެންޓު މީހުންނަކީ ފިރިހެނުން ކަމަށެވެ.
މި ދަފުތަރަށް ބަލާއިރު، ފިރިހެނުންގެ ތެރޭ އެންމެ ގިނައީ ފުއްޕާމޭ، ޕްރޮސްޓޭޓް، ބޮޑު ގޮހޮރު، ބަނޑާއި ފުރަމޭގެ ކެންސަރު ކަމަށާއި، އަންހެނުންގެ ތެރޭ އެންމެ ގިނައިން ފެންނަނީ އުރަމަތި، ބޮޑު ގޮހޮރު، ފުއްޕާމޭ، ރަހިމުގެ ދޮރަށްޖެހޭ އަދި ތައިރޮއިޑް ކެންސަރު ކަމަށް، އެ އިދާރާއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ، ކެންސަރުން ރައްކާތެރިވުމަށާއި ބަލި އަވަހަށް ދެނެގަތުމަށާއި ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އުރަމަތީގެ ކެންސަރު ދެނެގަތުމަށް މެމޯގްރަފީގެ ޚިދުމަތާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ދެނެގަތުމަށް ސްކްރީންކުރުމުގެ ޚިދުމަތް ހުރިހާ ހޮސްޕިޓަލުތަކުން ދެމުން އަންނަ ކަމަށެވެ.
ކެންސަރު ޖެހުމަށް ގިނައިން މަގުފަހިވަނީ ނުރަނގަޅު ސިއްހީ އާދަތަކުގެ ސަބަބުން ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމާއި، ސިއްހަތަށް ގެއްލުންވާ ކާނާ ކެއުމާއި، ގަވައިދުން ކަސްރަތުނުކުރުން ހިމެނޭ ކަމަށެވެ. އެއާއެކު ކެންސަރު ބަލިން ރައްކާތެރިވުމަށް އެޅޭނެ ބައެއް ފިޔަވަޅުތައްވެސް އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.
އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުނުކުރުމާއި ދުމުން ރައްކާތެރިވުމާއި، ދުފުމާއި ދުރުހެލިވުމާއި، ކެއުމުގައި މޭވާއާއި ތަރުކާރީ ވީހާވެސް ގިނައިން ބޭނުންކުރުމާއި، ކެއިންބުއިމުގައި ޕްރޮސެސްކޮށްފައި ހުންނަ ކާނާގެ ބާވަތްތައް މަދުކުރުން ހިމެނެއެވެ.
ކެންސަރަކީ އިންސާނާގެ ހަށިގަނޑުގެ ސެލްތައް އޭގެ ގުދުރަތީ ނިޒާމުން ބޭރުވެ، އާދަޔާ ޚިލާފަށް އަދި ކޮންޓްރޯލެއް ނެތި އިތުރުވާން ފެށުމުން ޖެހޭ ބައްޔެކެވެ. މިގޮތަށް އިތުރުވާ ސެލްތަކުގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކާއި ގުނަވަންތަކަށް ގެއްލުންވެއެވެ. މިއީ ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށްވެސް ޖެހިދާނެ ބައްޔެކެވެ.
މި ބަލި ދުރާލާ ދެނެގަނެ ފަރުވާ ނުލިބިއްޖެނަމަ ނުވަތަ ފަރުވާއިން ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ހަށިގަނޑުގެ އެހެން ބައިތަކަށް ނުވަތަ ގުނަވަންތަކަށް ބަލި ފެތުރިގެންދެއެވެ.