ތެޔޮ ކޮންޓްރޯލްކުރާ ސްވިޗަށް މައްސަލައެއް ދިމާވެ އެއާ އިންޑިއާގެ ބޯޓެއް ގްރައުންޑްކޮށްފި

އެއާ އިންޑިއާގެ ބޯޓެއް. އެ އެއާލައިންގެ ބޯޓެއްގެ ތެޔޮ ކޮންޓްޜޯލު ކުރާ ސްވިޗެއްގައި މައްސަލައެއް ދިމާވެ ބޯޓެއް ވަނީ ގްރައުންޑްކޮށްފައި. ފޮޓޯ/ގެޓީ

ތެޔޮ ކޮންޓްރޯލުކުރާ ސްވިޗެއްގައި މައްސަލައެއް އުޅޭހެން ހީވާ ކަމަށް ޕައިލެޓް ރިޕޯޓު ކުރުމުން އެއާ އިންޑިއާގެ ބޮއިންގް 787-8 ޑްރީމްލައިނާ ޖެޓެއް ގްރައުންޑްކޮށްފިއެވެ.

އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ އިންޑިއާގެ އޭވިއޭޝަން ރެގިއުލޭޓަރަށް އަންގާފައިވާ ކަމަށާއި ޕައިލެޓްގެ ކަންބޮޑުވުންތައް އިސްކަންދޭ އުސޫލުން ޗެކް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް މިގެންދަނީ އެއާ އިންޑިއާއާ ގުޅިގެން، އެމީހުން މި މައްސަލަ ރިވިއު ކުރަން ތާއީދު ކުރޭ." ބޮއިންގްގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

އެ މައްސަލައިގެ ތަފްސީލެއް އެއާލައިނުން ހާމަކޮށްފައެއްނުވެއެވެ.

ނަމަވެސް ރޮއިޓާސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މައްސަލަ ޕައިލެޓަށް ފަހަގަވީ ލަންޑަނުން ފުރައިގެން ގޮސް އިންޑިއާގެ ބެންގަލޫރަށް ޖެއްސުމުންނެވެ.

އެ މައްސަލައާ ގުޅިގެން އެއާ އިންޑިއާއިން ވަނީ ބޮއިންގް ޑްރީމްލައިނާ މަތިންދާބޯޓުގެ ފިއުލް ސްވިޗްތައް އަލުން ޗެކް ކުރަން ފަށާފައެވެ.

އޭވިއޭޝަން ކޮންސަލްޓަންޓް އަދި ކުރީގެ އެއާ އެކްސިޑެންޓް އިންވެސްޓިގޭޓަރު ޓިމް އެޓްކިންސަން ބީބީސީއަށް ވިދާޅުވިގޮތުގައި ބޮއިންގް ބޯޓުތަކުގެ ތެޔޮ ކޮންޓްރޯލް ކުރާ ސްވިޗްތައް ޑިޒައިނަށް އިތުބާރު އެބައޮތެވެ.

މިދިޔަ އަހަރު ޖޫން މަހު ވެއްޓުނު އެއާ އިންޑިއާ ބޯޓު. ފޮޓޯ/ގެޓީ

އެ ބޯޓު ގްރައުންޑް ކޮށްފައި މިވަނީ މިދިޔަ ޖޫން މަހު ހިނގި ހާދިސާއެއްގައި އެއާ އިންޑިއާގެ ބޯޓެއް ވެއްޓި އެކަކު ފިޔަވައި އެ ބޯޓުގައި ތިބި އެންމެން މަރުވި ހާދިސާގެ ތަހުގީގު ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

އެ ފަހަރު ވެއްޓުނީ އިންޑިއާގެ އަހުމަދުއާބާދުން ލަންޑަނަށް ދަތުރުކުރި އެއާ އިންޑިއާ ބޮއިން 787-8 ޑްރީމްލައިނާ އުުދުހެން ފެށިތާ މިނިޓެއް ވެސް ނުވަނީހެވެ.

އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރަމުން އަންނައިރު ދެތިން މަސް ތެރޭގައި އެންމެ ފަހުގެ ރިޕޯޓެއް ނެރޭނެ ކަމަށް ބެލެވެއެވެ.

މިދިޔަ ޖުލައި މަހު ނެރުނު ރިޕޯޓެއްގައި އެ އިދާރާއިން ބުނެފައިވާ ގޮތުގައި ބޯޓުގެ ތެޔޮ ކޮންޓްރޯލު ކުރާ ސްވިޗްތައް 'ރަން' އިން 'ކަޓް އޮފް' ޕޮޒިޝަނަށް ބަދަލުވުމުން ބޯޓުގެ އިންޖީނުތައް ނިވުނީ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށްވީ ސަބަބު މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.

ބޮއިންގް މަތިންދާބޯޓުތަކުގެ ފިއުލް ކޮންޓްރޯލް ސްވިޗްތަކަކީ ރައްކާތެރިި ސްވިޗްތަކެއް ކަމަށް އެ ރިޕޯޓު އާންމުކުރުމުން އެމެރިކާގެ އޭވިއޭޝަން ރެގިއުލޭޓަރުން ބުނެފައިވެއެވެ.

comment ކޮމެންޓް