މާލޭގައި އުޅޭ މީދާ ގިނަވެ، މާލޭގެ އެކި ތަންތަނުގައި މީދާ ބޭސް ބަހައްޓަން މާލޭ ސިޓީ ކައުންސިލުން މިދިޔަ މަހު ކުރިއަށްގެންދިޔަ ޕްރޮގްރާމުގެ ތެރެއިން 80 މީދާ މަރުވެފައިވާ ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
މާލޭގައި މީދާ ގިނަވެ، މީދާ މެރުމުގެ ހަރަކާތެއް ސިޓީ ކައުންސިލުން ފެށީ މިދިޔަ މަހު 16 ގައެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން އެދުނު މައުލޫމާތުތައް ފޯރުކޮށްދެމުން ސިޓީ ކައުންސިލުން މިއަދު ބުނީ، އެ ޕްރޮގްރާމްގެ ދަށުން 49 ތަނެއްގައި މީދާ ބޭސް ބަހައްޓާފައިވާ ކަމަށެވެ. މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ބެހެއްޓި މީދާ ބޭސްތަކުގެ ސަބަބުން 80 މީދާ މަރުވެފައިވާ ކަމަށް ވެސް އެ ހިސާބުތަކުގައިވެއެވެ.
މީދާ މަރަން 2019 ވަނަ އަހަރުން ފެށިގެން ޚަރަދުކުރީ ޖުމުލަ 31،978.40 ރުފިޔާއެވެ. އެއީ، މީދާ ބޭސް ގަންނަން ޚަރަދުކުރި 30،596 ރުފިޔާއެއްގެ އިތުރުން އެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތަށް ބޭނުންވާ ބެނާ ޕްރިންޓްކުރަން ޚަރަދުކުރި 1،382.40 ރުފިޔާއެވެ.
ސިޓީ ކައުންސިލުން ބުނީ، ހާމަކުރި ޚަރަދުގެ ތެރޭގައި މީގެ ކުރިން 2019 ވަނަ އަހަރުން ފެށިގެން މީދާ ބޭސް ގަންނަން ކުރި ޚަރަދުތައް ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މި ޕްރޮގްރާމް ފެއްޓުމުގެ ކުރިން ގަތް މީދާ ބޭސް ޓައްޕުތަކެއް ހިމެނެއެވެ.
އަދި، މައުލޫމާތު ހޯދަން އެދުނު މުއްދަތާ ހަމައަށް މަރުވީ 80 މީދާ ކަމަށްވިޔަސް، އެ އަދަދު މިހާރު 110 އަށް އަރާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އެ ހަރަކާތް ފައްޓަވައިދެއްވަމުން ޑިސެންބަރު 16ގައި މާލޭގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މި ހަރަކާތް މާރުކޭޓު ސަރަހައްދުގައި ފެށުނު ކަމުގައި ވިޔަސް، ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި މި ހަރަކާތް ކުރިއަށް ދާނެ ކަމަށެވެ.
އެ ގޮތުން، ހަރަކާތުގައި އުޅޭނީ ކައުންސިލްގެ މުވައްޒަފުން ކަމަށާއި މީދާ މަރަން އެކި ތަންތަނަށް ބޭސް އަޅާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. މި ހަރަކާތުގެ ސަބަބުން މާލޭގެ ސާފުތާހިރުކަން އިތުރުވެ، މީދަލާ ހެދި އާންމުންނަށް ކުރިމަތިވާ އުނދަގޫތައް ކުޑަވާނެ ކަމަށް ބެލެވޭކަން ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް، މި ހަރަކާތުގެ ތެރެއިން މީދާ މަރުވުމުން، އެ މީދާތައް ނެގުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ވެސް ސިޓީ ކައުންސިލުންނެވެ.
އެ ކައުންސިލުން ބުނި ގޮތުގައި، މި ހަރަކާތަކީ މާލެ ސިޓީ ކައުންސިލްގެ ހެލްތް ޕޮލިސީގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތުގައި މޭޔަރު ޢާޒިމްގެ އިތުރުން ބައެއް ކައުންސިލަރުންނާއި ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެޑިޓަރުގެ ނޯޓު: މި ޚަބަރު ފުރަތަމަ ޝާއިއުކުރިއިރު، މީދާ މެރުމުގެ ޕްރޮގްރާމަށް 31،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރި ކަމަށް ލިޔެވިފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. އެއީ، 2019 ވަނަ އަހަރުން ފެށިގެން މީދާ ބޭސް ގަންނަން ކުރި ޚަރަދެވެ.