އަންނަ އަހަރުގެ އެކަޑަމީ އެވޯޑްސްގެ އެންމެ މޮޅު ބޭރު ފީޗާ ފިލްމު ކެޓަގަރީއަށް އިންޑިއާއިން ހުށަހެޅި ފިލްމު "ހޯމްބައުންޑު"، އެ ކެޓަގަރީއަށް ޝޯޓްލިސްޓްވެ ފިލްމު ނޮމިނޭޓްވުމުގެ އުއްމީދު ބޮޑުވެއްޖެއެވެ.
ފިލްމު "ހޯމްބައުންޑް" އަކީ އިންޑިއާގެ ކުޅަދާނަ ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއަށް ޑައިރެކްޓަރު ނީރަޖް ގިއަވަން އުފައްދައިދިން ފިލްމެކެވެ.
އަމިއްލަ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އާއިލާއަށް ހޯދައިދިނުމުގެ ބޭނުމުގައި ދެ އެކުވެރިއަކު ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ ދަތުރު ދައްކުވައިދިން މި ފިލްމަކީ ވަރަށް ގިނަ ބައެއްގެ ތައުރީފު މުޅި ފިލްމުގެ ކާސްޓުންނަށާއި ޕްރޮޑަކްޝަން ޓީމަށް ލިބުނު ފިލްމެކެވެ.
އެގޮތުން ފިލްމު ސިނަމާތަކަށް ގެނައުމުގައި ފިލްމު ޕްރިމިއާކުރި ބޭރުގެ ވަރަށް ގިނަ ފެސްޓިވަލްތަކުގައި ވެސް "ހޯމްބައުންޑް"އަށް ދިޔައީ ތައުރީފުގެ ބަސްތައް އޮހެމުންނެވެ.

ފިލްމު "ހޯމްބައުންޑް"ގެ ކާސްޓުން -- ފޮޓޯ/ ބޮލީވުޑްހަންގާމާ
ހޮލީވުޑްގެ މަގުބޫލު ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު މާޓިން ސްކޮސީސް އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެފައިވާ ފިލްމު "ހޯމްބައުންޑް" އޮސްކާ އެވޯޑަށް ޝޯޓް ލިސްޓުވުމާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވަނީ ޕްރޮޑިއުސަރު ކަރަން ޖޯހަރު އަދި ޑައިރެކްޓަރު ނީރަޖްއަށް މަރުހަބާ ކިޔާފައެވެ.
އޮސްކާގެ އެންމެ މޮޅު ބޭރު ފީޗާ ފިލްމު ކެޓަގަރީއަށް މި އަހަރު 15 ފިލްމެއް ވަނީ ޝޯޓް ލިސްޓް ކުރެވިފައެވެ.
އޭގެތެރޭގައި އާޖެންޓީނާގެ "ބެލެން"، ބްރެޒިލްގެ "ދަ ސީކްރެކްޓް އޭޖެންޓް"، ފްރާންސްގެ "އިޓް ވޯޒް ޖަސްޓް އޭން އެކްސިޑެންޓް"، ޖަރުމަންގެ "ސައުންޑް އޮފް ފޯލިން"، އިރާގުގެ "ދަ ޕްރެޒިޑެންޓްސް ކޭކް"، ޖަޕާންގެ "ކޮކޫހޯ"، ޖޯޑަންގެ "އޯލް ދެޓްސް ލެފްޓް އޮފް ޔޫ"، ނޯވޭގެ "ސެންޓިމެންޓަލް ވެލިއުސް"، ފަލަސްތީނުގެ "ޕަލަސްޓައިން 36"، ދެކުނު ކޮރެއާގެ "ނޯ އަދާ ޗޮއިސް"، ސްޕެއިންގެ "ސިރަތު"، ސްވިޓްޒަލޭންޑްގެ "ލޭޓް ޝިފްޓް"، ޓައިވާންގެ "ލެފްޓް ހޭންޑެޑް ގާލް" އަދި ޓިއުނީޝިއާގެ "ދަ ވޮއިސް އޮފް ހިންދު ރަޖަބް"އެވެ.
ފިލްމު "ހޯމްބައުންޑް"ގެ މުހިއްމު ތަރިންގެ ތެރޭ އިޝާން ހައްތަރު، ވިޝާލް ޖެތުވާގެ އިތުރުން ބަތަލާ ޖާންވީ ކަޕޫރު ހިމެނެއެވެ.