ވަންޕްލަސް 15އާރް ރަސްމީކޮށް ލޯންޗުކޮށްފި

ވަންޕްލަސް 15އާރް ރަސްމީކޮށް ލޯންޗުކޮށްފި: މި ފޯނު އާންމުކޮށް ވިއްކަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ---

ޓެކްނޮލޮޖީގެ ދުނިޔޭގައި ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ ސްމާޓް ފޯން ވަންޕްލަސް 15އާރް ރަސްމީކޮށް ލޯންޗް ކޮށްފިއެވެ.

ޗައިނާގެ ބާޒާރަށް ޚާއްސަކޮށްގެން ނެރުނު "އޭސް 6ޓީ" އާއި މި ފޯނުގެ ގިނަ ސިފަތައް އެއްގޮތް ނަމަވެސް، ބައިނަލްއަޤްވާމީ މާކެޓަށް ނެރުނު މި ފޯނުގައި މުހިންމު ބައެއް ތަފާތުތައް ހިމެނެއެވެ. ޚާއްސަކޮށް ފޯނުގެ ބެޓެރީއާއި ކެމެރާއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

މި ފޯނުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ބަދަލަކީ ބެޓެރީއެވެ. ޗައިނާ މޮޑެލްގައި 8,300 މިލީއެމްޕަޔާގެ ބެޓެރީއެއް ހިމެނޭއިރު، 15އާރްގައި ހިމެނެނީ ސިލިކަން-ކާބަން އެނޯޑް ބޭނުންކޮށްފައިވާ 7,400 މިލީއެމްޕަޔާގެ ބެޓެރީއެކެވެ.

މިއީ ވަރުގަދަ ބެޓެރީއެއް ނަމަވެސް، ޗައިނާ މޮޑެލްއަށްވުރެ ސައިޒު ކުޑައެވެ. އަދި ޗާޖުކުރުމުގެ ސްޕީޑަށް ބަލާއިރު، މި ފޯނަށް ލިބެނީ 80 ވޮޓުގެ ވަޔާޑް ޗާޖިން ސަޕޯޓެވެ. މިއީ އޭސް 6ޓީގެ 100 ވޮޓާ އަޅާބަލާއިރު ކުޑަ ތަފާތެކެވެ.

https://sun.mv/215276

ފޯނުގެ ކެމެރާ ނިޒާމަށް ބަލާއިރު، ކުރިމަތީގައި އިންނަ ސެލްފީ ކެމެރާ ވަނީ 16 މެގަޕިކްސެލްއިން 32 މެގަޕިކްސެލްއަށް މަތިކޮށް، ފެންވަރު ރަނގަޅުކޮށްފައެވެ.

ފޯނުގެ ފަހަތުގައި ހިމެނެނީ އޯއައިއެސް ހިމެނޭ 50 މެގަޕިކްސެލްގެ މައި ކެމެރާއަކާއި 112 ޑިގްރީގެ ފީލްޑް އޮފް ވިއު ލިބޭ އަށް މެގަޕިކްސެލްގެ އަލްޓްރާވައިޑް ލެންސެކެވެ.

ސޮފްޓްވެއާގެ ގޮތުން މި ފޯނު ނެރެފައިވަނީ އެންޑްރޮއިޑް 16 އަށް ބިނާކޮށްފައިވާ އޮކްސިޖަން އޯއެސް 16 އާއި ވަންޕްލަސްގެ އޭއައި ފީޗާތަކާ އެކުގައެވެ.

ފޯނުގެ އެހެނިހެން މައިގަނޑު ސިފަތަކަށް ބަލާއިރު، މިއީ 165 ހާޓްޒްގެ ރިފްރެޝް ރޭޓް ލިބޭ 6.83 އިންޗީގެ އެމޮލެޑް ސްކްރީނެއް ހިމެނޭ ފޯނެކެވެ. ގޮރިލާ ގްލާސް 7އައިއިން ރައްކާތެރިކޮށްފައިވާ މި ސްކްރީނާއެކު، ފޯނުގެ ޕާފޯމަންސް ދަމަހައްޓަނީ ސްނެޕްޑްރެގަން 8 ޖެން 5 ގެ ޕްރޮސެސާއިންނެވެ.

މީގެ އިތުރުން 12 ޖީބީގެ ރެމް އާއި 512 ޖީބީއާ ހަމައަށް ސްޓޯރޭޖް ލިބޭ މި ފޯނަކީ ފެނާއި ހިރަފުހުން ރައްކާތެރިވުމަށް އައިޕީ69ކޭ ފެންވަރުގެ ރޭޓިން ލިބިފައިވާ ފޯނެކެވެ.

ވަންޕްލަސް 15އާރްގެ 12ޖީބީ/256ޖީބީ މޮޑެލްގެ އަގު ފެށެނީ 699 އެމެރިކާ ޑޮލަރުންނެވެ. އަދި އިންޑިއާގެ ބާޒާރުގައި މި މޮޑެލްގެ އަގަކީ 47,999 ރުޕީސްއެވެ. މިއަދު ޕްރީ-އޯޑަރަށް ހުޅުވާލާފައިވާ މި ފޯނު އާންމުކޮށް ވިއްކަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

ޖެނުއަރީ 21 ގެ ކުރިން އޯޑަރުކުރާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓްތަކާއި، ޗާޖަރު އަދި ހެޑްސެޓް ފަދަ އިތުރު ހަދިޔާތައް ލިބޭނެ ކަމަށް ވަންޕްލަސްއިން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު