ދިރާގު "ނެޓްޕްރޮޓެކްޓް" ޚިދުމަތުގެ އެހީގައި މިދިޔަ ނޮވެންބަރު މަހު އެކަނި ވެސް ނުވަ މިލިއަނަށް ވުރެ ގިނަ ސެކިއުރިޓީ ތުރެޓުތައް ދެނެގަނެވި، ކަސްޓަމަރުންނަށް އެހީތެރިކަން ދެވިފައިވާ ކަމަށް ދިރާގުން މިއަދު ބުނެފިއެވެ.
ދިރާގުން ބުނީ، އިންޓަނެޓު މެދުވެރިކޮށް ހިންގާ ސްކޭމްތަކުން ރައްކާތެރިކަން، ދިރާގުގެ "ނެޓްޕްރޮޓެކްޓް" ޚިދުމަތުން ހޯދޭނެ ކަމަށެވެ.
އެ ޚިދުމަތާ ގުޅޭ ގޮތުން ދިރާގުން ބުނީ، ދިރާގު ނެޓްޕްރޮޓެކްޓަކީ ފޯނަށް އަންނަ މެސެޖުތަކާއި މީސްމީޑިއާގެ އެކި އެޕްތަކުން ފެންނަ ފިޝިން ލިންކުތަކަށް ފިތާލެވިގެން ލިބިދާނެ ގެއްލުމަކުން، ނުވަތަ އިންޓަނެޓު ބޭނުންކުރާއިރު ނުރައްކާތެރި ވެބްސައިޓްތަކުން ރައްކާތެރިވެ ތިބުމަށް ބޭނުންކުރެވިދާނެ ޚިދުމަތެއް ކަމަށެވެ.
އެގޮތުން ލިންކަކަށް ފިތާލުމުން، އެ ވެބްސައިޓަކީ ނުރައްކާތެރި ވެބްސައިޓަކަށް ވާނަމަ، ވެބްސައިޓު ލޯޑުވުމުގެ ކުރިން އެ ޚިދުމަތުން އެކަން ކަސްޓަމަރުންނަށް އަންގައި، ވަގުތުން ސަލާމަތްކޮށްދޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެެވެ.
އޭއައިގެ އެހީގައި ނުރައްކާތެރި ވެބްސައިޓްތަކުގެ މައުލޫމާތު އަބަދު ވެސް އަދާހަމަކުރާނެ ކަމަށް ދިރާގުން ބުންޏެވެ.
މީގެ އިތުރުން ދިރާގުން ބުނީ، ނެޓްޕްރޮޓެކްޓް ޚިދުމަތް ބޭނުންކޮށް ކުޑަކުދިންނާ ނުގުޅޭ ވެބްސައިޓުތަކާއި ކޮންޓެންޓު ދެނެގަނެ، އެފަދަ ސައިޓުތަކާއި ކޮންޓެންޓުތައް ބްލޮކްކޮށް، ވެބްސައިޓުތަކަށް ޓައިމް ލިމިޓު ވެސް ހަމަޖެއްސޭނެ ކަމަށެވެ.
މި ޚިދުމަތް ދިރާގު މޮބައިލް ކަސްޓަމަރުންނަށް މަހަކަށް އެންމެ 35 ރުފިޔާއަށް، އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މަހަކު އެންމެ 50 ރުފިޔާއަށް ދިރާގު އެޕް މެދުވެރިކޮށް އެކްޓިވޭޓްކޮށް، ޕޯޓަލް މެދުވެރިކޮށް މި ޚިދުމަތް ކަސްޓަމަރުން ބޭނުން ގޮތަކަށް ފަރުމާކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ސްކޭމްތަކުގެ މައްސަލަ ބޮޑުވެފައިވާއިރު، މިދިޔަ މަހު އެކަނި ވެސް އެފަދަ 165 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވެއެވެ. އެ މައްސަލަތަކުގައި މިދިޔަ މަހު 1.2 މިލިޔަން ރުފިޔާ ގެއްލިފައިވާ ކަމަށާއި އޭގެ ތެރެއިން 42 މައްސަލައިގެ ފައިސާ އެއްކޮށް ހޯދައި ދެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެއީ ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާއެވެ.
ރާއްޖޭގައި އާންމު ސްކޭމްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެވެނީ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކް ކޮށްގެން ހިންގާ ސްކޭމްތައް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެގޮތުން އާންމު ގޮތެއްގައި ފުލުހަށް ހުށަހަޅާ މައްސަލަތަކުގައި ފާހަގަކުރެވެނީ ވައިބާ އެކައުންޓް ހެކްކޮށްގެން، އެ މީހެއްގެ ކޮންޓެކްޓް ލިސްޓްގައި ހުންނަ މީހުންނަށް ފައިސާ ހޯދުމަށާއި، އެހީ ހޯދުމަށް، އެދި މެސެޖްކޮށްގެން ހިންގާ ސްކޭމްތައްކަން ފާހަގަކުރެއެވެ.