ޑިޒްނީއިން އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމު "ޒޫޓޯޕިއާ 2" ރިލީޒްކުރިތާ އެންމެ 17 ދުވަސްތެރޭ ފިލްމަށް ލިބުނު އާމްދަނީގެ ޢަދަދު އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރުވެ ތާރީޚުން ޖާގަ ހޯދައިފިއެވެ.
މިދިޔަ މަހުގެ 26 ގައި ސިނަމާތަކަށް ގެނެސްދިން މި ފިލްމު ދުނިޔޭގެ އެކި ޤައުމުތަކުގައި ދައްކައިގެން މިހާތަނަށް ލިބުނު އާމްދަނީގެ ޢަދަދު މިހާރު 1.137 ބިލިއަން ޑޮލަރަށް އަރާފައިވާއިރު މި ފިލްމު އުފައްދާފައި ވަނީ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
"ޒޫޓޯޕިއާ 2" އަކީ 2016 ވަނަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ސީކުއަލްއެކެވެ. މި ފިލްމަކީ މި އަހަރުގެ މެއި މަހު ޑިޒްނީ ޕިކްޗަސްއިން ގެނެސްދިން "ލީލޯ އެންޑް ސްޓިޗް"އަށް މިއަހަރު އެ ސްޓޫޑިއޯއިން ގެނެސްދިން ފިލްމުތަކުގެތެރެއިން މިހާބޮޑު އާމްދަނީއެއް ލިބުނު ދެވަނަ ފިލްމެވެ.
"ލީލޯ އެންޑް ސްޓިޗް" ވެފައި ވަނީ ހޮލީވުޑްއިން މިހާތަނަށް ގެނެސްދީފައިވާ އެނިމޭޓެޑް ފިލްމުތަކުގެތެރެއިން ހަލުވިކަމާ އެކު ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމަށެވެ.

ފިލްމު "ޒޫޓޯޕިއާ 2"ގެ މަންޒަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ޑިޒްނީއިން މިދިޔަ އަހަރުން ފެށިގެން ގެނެސްދެމުން އަންނަ ފިލްމުތަކުން ބޮޑު އާމްދަނީއެއް އެ ސްޓޫޑިއޯއަށް ލިބެމުން އަންނައިރު އޭގެތެރޭގައި މިދިޔަ އަހަރު ގެނެސްދިން ފިލްމު "މޯނާ 2" ވެސް ހިމެނެއެވެ.
ދެހާސްތޭރަ ވަނަ އަހަރުން ފެށިގެން ޑިޒްނީއިން ބެލުންތެރިންނަށް ގެނެސްދިން ފިލްމުތަކުގެތެރެއިން ފަސް ފިލްމަށް އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރި ވަނީ ކުރެވިފައެވެ. އޭގެތެރޭގައި "ފްރޯޒަން"، "ފްރޯޒަން 2"، "މޯނާ 2"، "ޒޫޓޯޕިއާ" އަދި "ޒޫޓޯޕިއާ 2" ހިމެނެއެވެ.
ޑިޒްނީ ހޯދަމުން އަންނަ ކާމިޔާބީއާ ގުޅިގެން އެ ސްޓޫޑިއޯގެ ޗީފް ކްރިއޭޓިވް އޮފިސަރު ޖެރެޑް ބުޝް ބުނީ، އޭގެ ފަހަތުގައި ވަނީ ޑިޒްނީ ސްޓޫޑިއޯގައި މަސައްކަތްކުރާ ހުރިހާ ލެވެލްއެއްގެ މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށެވެ.
އެއިން ކޮންމެ މެމްބަރަކުވެސް މަސައްކަތްކުރަނީ ވަރަށް ކުރާ ހިތުން ކަމަށާއި ކޮންމެ ފިލްމަކަށް ވެސް އެމީހެއްގެ ސަތޭކަ ޕަސެންޓް ހިއްސާ ދޭ ކަމަށް ޖެރެޑް ވަނީ ބުނެފައެވެ. ފިލްމު "ޒޫޓޯޕިއާ 2" ޑައިރެކްޓްކޮށްފައި ވަނީ ވެސް ޖެރެޑް ބުޝް އަދި ބައިރޮން ހޮވާޑް ގުޅިގެންނެވެ.