އިނގިރޭސީ ޕްރިމިއާ ލީގުގައި މި ސީޒަނުގެ އެންމެ އަވަސް ގޯލު ޖަހައި ރެކޯޑު ހެދި ވަގުތު އެންފީލްޑު ދަނޑުގައި ދިވެހިރާއްޖޭގެ ބްރޭންޑިން "ވިޒިޓް މޯލްޑިވްސް" އަނެއްކާ ވެސް ވިދާލައިފިއެވެ.
ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅެފައިވަނީ ބްރައިޓަންއެވެ. ފަސޭހަކަމާއެކު ލިވަޕޫލް މޮޅުވި މެޗުގައި އެ ކުލަބުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ މެޗުގެ 46 ވަނަ ސިކުންތުގަ އެވެ. ހޫގޯ އެކިޓެކޭ ޖެހި މި ގޯލު ދިމާވީ "ވިޒިޓް މޯލްޑިވްސް"ގެ ބްރޭންޑިން ދަނޑުގައި ދިއްލާލާފައިވާ ވަގުތެއްގަ އެވެ.
ޑެސްޓިނޭޝަން ޕާޓްނާޝިޕެއްގެ ދަށުން ރާއްޖޭގެ "ވިޒިޓް މޯލްޑިވްސް" އާއި ލިވަޕޫލާ ދެމެދު އެއްބަސްވުން ގާއިމްކޮށްފައިވަނީ މިއަހަރުގެ މާޗު މަސް ތެރޭގަ އެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރާ މި ބްރޭންޑު އެންފީލްޑުގެ އެލްއީޑީ ބޯޑުތަކާއި ޑިޖިޓަލް ސްކްރީންތަކުގައި ލިވަޕޫލްގެ ކޮންމެ ހޯމް މެޗެއްގައި ދައްކާނެ އެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިންނަށް ހުރި ތަފާތު ފުރުސަތުތަކާއި، ލަގްޒަރީ ރިޒޯޓުތައް މުޅި ދުނިޔެ އަށް ދައްކާލެވޭނެ އެވެ.
ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި ތަފާތު ގޮތްގޮތަށް ރާއްޖޭގެ ބްރޭންޑިން ދައްކާލުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން ނިމިދިޔަ މަހު 10 ބަހަކުން ރާއްޖޭގެ އިސްތިހާރުކުރުމަށް މި ލެޑް ބޯޑުތައް ވަނީ ބޭނުންކޮށްފަ އެވެ.
ލިވަޕޫލާއެކު ގާއިމްކުރެވުނު ޕާޓްނާޝިޕުގެ ދަށުން އެ ކުލަބުގެ ލެޑްބޯޑުތަކާއި ސޯޝަލް މީޑިއާގެ އެކި ކެމްޕެއިންތަކާއި ޕޯސްޓުތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ އެކި ފުރުސަތުތަކެއް އަންނަނީ ހޯދަމުންނެވެ. 180 ގައުމެއްގައި ދައްކާ މެޗުތަކުގެ ޒަރިއްޔާއިން އެތައް ބަޔަކަށް ރާއްޖެ އިޝްތިހާރުވެގެންދާނެއެވެ.