އަހަރު ނިމުމުގެ ކުރިން މީޑިއާތަކަށް ފައިސާ ދޫކުރުމަށް މަސައްކަތް އެބަ ކުރަން: މީޑިއާ ކޮމިޝަން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބައެއް މެންބަރުން: މިމަހު މީޑިއާތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން-- ފޮޓޯ: މީޑިއާ ކޮމިޝަން

މަސައްކަތް ކުރަމުން އަންނަނީ މި އަހަރު ނިމުމުގެ ކުރިން މީޑިއާތަކަށް ފައިސާ ދިނުމަށް ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފިއެވެ.

ދައުލަތުގެ ބަޖެޓުން 18 މީޑީއާއަކަށް ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރާނެކަން އިއުލާނުކުރީ 29 އޮކްޓޯބަރުގައެވެ. ނަމަވެސް އެ ފައިސާ ދޭން ނިންމި ގޮތަށް ޝަކުވާކުރަން ފެށުމުން, އެ ނިންމުން ޔޫތު މިނިސްޓްރީން ބާތިލުކުރީ ޖެހިގެން އައި ދުވަހެވެ.

އެއަށްފަހު އެ މަސައްކަތް މަތިކުރީ މި ސަރުކާރުގައި ވަރަށް ފަހުން އުފެއްދި މީޑިއާ ކޮމިޝަނަށެވެ.

މީޑިއާ ކޮމިޝަންގެ ނައިބު ރައީސް ޒަމްއަތު އަހްމަދު ވަހީދު "ސަން"އަށް ވިދާޅުވީ މަސައްކަތްކުރަމުން އަންނަނީ ޔޫތު މިނިސްޓްރީއާ ގުޅިގެން އަހަރު ނިމުމުގެ ކުރިން ފައިސާ ހަވާލުކުރުމަށް ކަމަށެވެ.

ނަމަވެސް މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާއި، އެ ކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

https://sun.mv/213337

އަމިއްލަ 18 މީޑިއާއަކަށް ފައިސާ ދޫކުރާނެ ކަމަށް މީގެ ކުރިން ޔޫތު މިނިސްޓްރީން އިއުލާނުކުރިއިރު، އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެގޮތުން، އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު، ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެއެވެ.

އެ ލިސްޓު އާންމު ކުރުމާ އެކު ބައެއް މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މީހުންގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ.

އެއީ، މީޑިއާތަކުގެ ލިސްޓު އެކުލަވާލާފައިވަނީ ކުރު މުއްދަތެއްގައި ބަލަންޖެހޭ ވަރަށް ނުބަލާ ކަމަށާއި، މީޑިއާތަކަށް ފައިސާ ދޫކުރުމުގައި އެ މީޑިއާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށާއި ކުރާ މަސައްކަތަށް ބަލަންޖެހޭނެ ކަމަށް ބުނެއެވެ.

އެގޮތުން، ބައެއް ކުދިކުދި މީޑިއާތަކަށް ފައިސާ ލިބޭކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރިއެވެ.

އޭގެ ފަހުން ޔޫތު މިނިސްޓްރީން ބުނީ، އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމާ ބެހޭ އުސޫލު އެކުލަވާލީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ކުރިން ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފާގެ މަތިން ކަމަށެވެ.

އެކަމަކު، އާ މީޑިއާ ކޮމިޝަން އުފެދުމުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ކަންކަން މިނިވަންކަމާ އެކީ ކުރުމަށް އެންމެ އެކަށީގެންވަނީ އެ ކޮމިޝަން ކަމަށް ދެކޭކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް