މިދިޔަ މަހުގެ 26ގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި, ލިބުނު ގެއްލުންތަކަށް ފަރުވާ ދެނިކޮށް ނިޔާވި, ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު ރާއްޖެ ގެންނަން ނިންމައިފިއެވެ.
ވަރަށް ބޮޑަށް ފިހުމުގެ ސަބަބުން, ތައިލޭންޑްގެ ބެންކޮކުން ފަރުވާ ދެމުން ދަނިކޮށް, މިދިޔަ ބުރާސްފަތި ދުވަހު ނިޔާވީ, ސްޓެލްކޯގެ ސްޕަވައިޒަރެއްގެ މަގާމުގައި ހުރި, އަޙްމަދު އަޒްމީލް (ޗީފް), 43, އެވެ. އޭނާ ސްޓެލްކޯގައި މަސައްކަތް ކުރާތާ 21 އަހަރަށް ވުރެން ގިނަ ދުވަސް ވަނީ ވެފައެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އާއިލާގެ އެދުމުގެ މަތިން, އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެނައުމަށް ހަމަޖައްސަން ޖެހޭ ހުރިހާ އިންތިޒާމެއް އެ ކުންފުނިން ހަމަޖައްސައި ދެމުން އަންނަ ކަމަށެވެ.
ލަފާ ކުރެވޭ ގޮތުގައި މާދަމާ ނުވަތަ އަންގާރަ ދުވަހު އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެނެވޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އަޒްމީލްގެ އަތްބަކާއި ދެ ކުދިން ތިބެއެވެ. އޭނާގެ އަނބިމީހާ މިހާރު ވެސް އިނީ ބަލިވެއެވެ. އެ އާއިލާ ދިރިއުޅެމުން އަންނަނީ ހުޅުމާލޭގައެވެ.
ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި އަޒްމީލްގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.