ގޯޓު ވަށައިގެން ސިޔާސީ މީހުން، ބޮޑު އަގުގައި ޓިކެޓު ނެގި މީހުން ރަތަށް

މެސީ ނުފެނުމުން ސަޕޯޓަރުން ހަމަނުޖެހުން ހިންގަނީ--

ދުނިޔޭގެ ފުޓުބޯޅައިގެ މިޖީލުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާކަމަށް ގިނަބަޔަކު ހެކިވާ އާޖެންޓީނާގެ ލިއޮނަލް މެސީ އިންޑިއާއަށް ކުރި ދަތުރުން ފެނިގެންދިޔައީ ބޮޑު އަގުގައި ޓިކެޓު ގަނެގެން މެސީ ހަމަލޮލަށް ދެކުމަށް ކަލްކަތާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމަށް ވަދެފައިވާ އާންމުންނަށް މެސީ ވަށައިގެން އެނބުރު އެ ގައުމުގެ ސިޔާސީ މީހުންނެވެ.

މެސީ ހަމަލޮލަށް ދެކިލަން އިންޑިއާގެ އާންމުންނަށް ޓިކެޓު ވިއްކާފައިވަނީ ބޮލަކަށް 12000 ރުޕީސް، ނުވަތަ ޑޮލަރުން ބަލާނަމަ 132 އެއްހާ ޑޮލަރުގެ މަގުންނެވެ. މުޅި ސްޓޭޑިއަމް ފުރާލާފައިވާއިރު، މީގެތެރޭގައި ކައިވެނި ހަފުލާ ދޫކޮށް އެތަނަށް ދިޔަ މީހުންނާއި، ބޮޑެތި ލޯނު ނަގައިގެން ވަޒީފާއާއި އާއިލާ ގުރުބާންކޮށްގެން އެތަނަށް ދިޔަ މީހުން ހިމެނެއެވެ. އަދި އެ ދުވަހު ކައިވެނިކުރަން އުޅުނު ދެމަފިރިން ވެސް އެތަނަށް ދިޔައެވެ.

އިންޑިއާގެ ސޯލްޓް ލޭކް ސްޓޭޑިއަމުގައި މެސީ--

ސަލާމަތީ ފިޔަވަޅު ކިތަންމެ ވަރުގަދަވި ނަމަވެސް މުޅި މި އިވެންޓު މެނޭޖުކުރުމުގައި ފެއިލްވެފައިވާކަން އެ ސްޓޭޑިއަމަށް ވަދެފައިވާ އިންޑިއާގެ ސަޕޯޓަރުން ބުނެއެވެ. އެގޮތުން މުޅި އިވެންޓަކީ ބޮޑު ސްކޭމެއްގެ ގޮތުގައި އެ ރައްޔިތުން ގަބޫލުކުރެއެވެ.

"އަހަރެެމެން މިތަނަށް އައީ ސިޔާސީ މީހުންގެ މޫނު ބަލާކަށް ނޫން، މެސީ ވަށައިގެން ހުސް އެމީހުންގެ ދަރިންނާއި އާއިލާ މީހުން، އަހަރެމެން ބޮޑު އަގުދީގެން ޓިކެޓު ގަތީ މިތަނަށް މެސީ ހަމަލޮލަށް ދެކެން، އެކަމަކު މިޖެހުނީ ސިޔާސީ މީހުން ބަލަން، މެސީ ހަމަލޮލަށް ވެސް ނުފެނޭ، މި ހަރަކާތަކީ ބޮޑު ސްކޭމެއް" އިންޑިއާގެ ނޫހަކަށް އާންމުންގެ ތެރެއިން މީހަކު ބުނެފައިވެއެވެ.

މެސީގެ މި ޓުއާގެ ފުރަތަމަ މަންޒިލު ކަމަށްވާ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމަށް ޖުމްލަ 80،000 ޓިކެޓު ވަނީ ވިއްކާފައެވެ. އެއީ މުޅި ސްޓޭޑިއަމުގެ ކެޕޭސިޓީއެވެ. ނަމަވެސް ހީކުރިގޮތާ ހިލާފަށް މުޅި އިވެންޓު އަތަށް ގޮވުމާއެކު އެ ގައުުމުގެ ފުލުހުން ވަނީ އިވެންޓު އޮގަނައިޒަރު ހައްޔަރުކޮށްފައެވެ.

ދުނިޔޭގެ އެންމެ ބައިބޯ އެއް ގައުމު ކަމަށްވާ އިންޑިޔާގެ ހަތަރު ސްޓޭޓަކަށް މެސީ ކުރާ ދަތުރުގައި ސަލާމަތީ ކަންތައްތައް ވަރަށް ބޮޑަށް ވަނީ ވަރުގަދަކޮށްފައެވެ. ގިނަ ބަޔަކަށް މެސީ ނުފެނިގެން އުޅޭ ސަބަބަކީ ވެސް އޭނާ ދުށުމަށް ބައެއް މީހުން ސަލާމަތީ ސަފުތައް ތޮރުފާލާފައި ވަންނަމުންދާތީ އެވެ.

މިކަމާހުރެ ބައެއް ސަޕޯޓަރުން މިހާރު ވަނީ މެސީގެ ދަތުރު އޮގަނައިޒްކުރި ފަރާތްތައް އަތުލައިގަންނަން ދިމާކޮށްފައެވެ. ބައެއް ސަޕޯޓަރުންވަނީ އިވެންޓްގެ ބައެއް އޮގަނައިޒަރުން ހިފަހައްޓާފައެވެ. އެއީ ކަލަކަތާގެ 80000 މީހުންގެ ސޯލްޓްލޭކް ސްޓޭޑިއަމު ފުރެންދެން ޓިކެޓް ވިއްކާފައި އިވެންޓްގެ ރާވާފައިވާ ގޮތުގެ ފެންވަރު ދަށްވުމާއި މެސީގެ ހަރަކާތްތައް ނުފެނުމުންނެވެ.

"އަހަރެން ވަރަށް ގިނަ ފައިސާ ހަރަދުކޮށްގެން ޓިކެޓް ނެގީ. އެކަމަކު މެސީ އެއް ނުފެނުނު. މެސީ ފެންނަނީ ފިލްމްސްޓާރުންނާއި ކުޅިވަރު ތަރިންނަށް އެކަނި. ދެން ޕޮލިޓީޝަނުންނަށް. މިއީ ވަރަށް ބޮޑު މައްސަލައެއް. އަހަރެން އައީ އެ މީހުން ބަލާކަށްނޫން. އަހަރެންނަށް މެސީ ފެންނަން ޖެހޭނެ. އަދި އަހަންނަށް މީގެ ބަދަލު ވެސް ދޭން ޖެހޭނެ،" ކަލްކަތާގެ ސަޕޯޓަރަކު ބުންޏެވެ.

މެސީ ހަމަލޮލަށް ނުފެނުމުން އިންޑިއާގެ ސަޕޯޓަރުން ހަޅުތާލުކުރަނީ--

އިންޑިއާގައި ކަލްކަތާއާއި ގޯއާއަކީ ފުޓްބޯޅައިގެ މަގުބޫލުކަން ބޮޑު ދެ ސްޓޭޓެވެ. މެސީ ވަނީ އިއްޔެ ކަލްކަތާގައި ކުޑަކުދިންނާއި ހާއްސަ މެޗެއް ވެސް ކުޅެފައެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކާހުރެ އިވެންޓްތައް ރާވާފައިވާވަރަށް ކުރެ މާކުރިން ނިންމާލާތީ ސަޕޯޓަރުން ވަނީ ދަނޑުގެ ގޮނޑިތައް ވެސް ދަނޑަށް އުކާލައި ހަމަނުޖެހުން ހިންގާފައެވެ.

މި ދަތުރުގައި މެސީއާއެކު އާޖެންޓީނާގެ ޑިޕައުލް އާއި އުގުރުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް ވެސް ބައިވެރިވެއެވެ.

comment ކޮމެންޓް