ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން, މަސްވެރިންނަށް ބޭންކުގެ ފައިނޭންސިން ޚިދުމަތްތަކަށް ފަސޭހައިން އެދި ހުށަހެޅޭ ގޮތަށް ފަރުމާކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމް، "މަސްވެރިޔާ" ޕޯޓަލް މިރޭ އިފްތިތާހުކޮށްފިއެވެ.
ރ. ދުވާފަރުގައި މިރޭ އޮތް މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއެވެ.
ބޭންކުން ބުނީ މަސްވެރިޔާ ޕޯޓަލްއިން މަސްވެރިކަމުގެ ދާއިރާގެ މީހުންގެ ދިރިއުޅުމާއި, އުންމީދުތައް ހާސިލްކުރުމަށް އެހީތެރިވުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ އިސްލާމިކް ފައިނޭންސިންގެ ތެރޭގައި ގިނަ ޕްރޮޑަކްޓްތަކެއް މިހާރު ހުންނާނެ ކަމަށެވެ. އެގޮތުން މި ޕްލެޓްފޯމް މެދުވެރިކޮށް، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓާކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ މަސްވެރިންނަށް އިސްލާމީ ފައިނޭންސިން ޚިދުމަތްތަކަށް އެދި މިހާރު ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
މަސްވެރިންނަށް މިހާރު އެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ ފައިނޭންސިން ސްކީމްތަކަކީ:
- ގެދޮރު ގަތުމަށް
- ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް
- މަތީ ތައުލީމު ހާސިލުކުރުމަށް
- އުޅަނދު ބަނުމާއި މަރާމާތުކުރުމަށް
- ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށް
- ލުއި ފައިނޭންސިން. މި ފައިނޭންސިންއަކީ މަސްވެރިކަމަށް ބޭނުންވާ ސާމާނު ގަތުން ނުވަތަ އިތުރު އެކި ބޭނުންތަކަށް ދޫކުރެވޭ ފައިނޭންސިންއެއް.
ބޭންކުން ތައާރަފުކުރި މި ފައިނޭންސިން ސްކީމާއެކު މަސްވެރިންނަށް އެއްވެސް އިކުއިޓީއެއް ނުވަތަ އަމިއްލައަށް ޚަރަދުކުރަންޖެހޭ ބައި އަދި ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ ޚާއްސަ ފެސިލިޓީއެއް ވެސް ވަނީ ތައާރަފްކޮށްފައެވެ. މި ފައިނޭންސިންއަށް ފައިސާ އަނބުރާ ދެއްކުމުގެ ތާވަލު ހަމަޖައްސަނީ މަސްވެރިކަމުން ލިބޭ އާމްދަނީއަށް އަންނަ ބަދަލުތަކަށް ބަލައިގެން ކަމަށް ވެސް ބޭންކުން ބުންޏެވެ.
މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް، ދަރިންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދިނުމަށް، ރާއްޖޭގެ ބޭންކަކުން ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސިންއަށް ހުށައެޅޭނެއެވެ. އެގޮތުން ތައުލީމު ހާސިލު ކުރުމަށް ހިނގާ ޚަރަދުގެ 90 އިންސައްތައާއި ހަމައަށް ބޭންކް މެދުވެރިކޮށް މާލީ އެހީ ހޯދޭނެއެވެ. މި އެހީ ދޫކުރަނީ، 2.5 އިންސައްތައިގެ ޕްރޮފިޓް މާޖިންގައެވެ.
މީގެއިތުރުން އޮޑިފަހަރު ބަނުމާއި ގަތުމާއި މަރާމާތު ކުރުމަށް ޖުމުލަ 70 އިންސައްތައާ ހަމައަށް ފައިނޭންސް ހޯދޭނެއެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހޭނީ ހަތް އަހަރު ތެރޭގައެވެ.
ހަމައެއާއެކު މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ކާޑު ޚިދުމަތްތައް ވެސް ވަރަށް އަވަހަށް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ މަސްވެރިންނަށް މާލީ ޚިދުމަތްތަކަށް ވާސިލުވުމަށް ލުއިފަސޭހަ މަގެއް ހޯދައިދިނުމަށް މި އަހަރުގެ ކުރީކޮޅު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއެކު ވާނީ އެއްބަސްވެފައި ކަމަށެވެ. އެގޮތުން މަސްވެރިޔާ ޕޯޓަލް އިފްތިތާހުކުރުމަކީ މަސްވެރިކަމުގެ ސިނާއަތަށް އެހީތެރިވެ، މާލީ ހައްލުތަކަށް ފަސޭހައިން ވާސިލުވެވޭނެ ޒަމާނީ އިންތިޒާމެއް ހަމަޖައްސައިދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ދާއިރާއަކަށްވެސް އެންމެ ބޭނުންތެރި މާލީ ހައްލުތައް ފޯރުކޮށްދިނުމަށް،" ޝަރީފް ވިދާޅުވިއެވެ.
ބޭންކުން ބުނި ގޮތުގައި މަސްވެރިޔާ ޕޯޓަލްއަކީ ބޭންކުން މަސްވެރިންނަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ރަމްޒެކެވެ.
މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ޖަމާކޮށްދެމުންދާކަން ބޭންކުން ފާހަގަކުރިއެވެ.