މި ސަރުކާރުން މަސްވެރިންނަށް ފިލައިގެން ނުތިބޭނެ ކަމަށާއި، މައްސަލަތައް ހައްލު ކުރާނީ މަސްވެރިންނާ ގާތުން މަސައްކަތްކޮށްގެން ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބާއްވާ ޖަލްސާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރ. ދުވާފަރަށް ވަޑައިގެން، މަސްވެރިންނާ ވަނީ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި މަސްވެރިއަކު ވަނީ، އެ މީހުން ކަންބޮޑުވުންތައް ރައީސާ ހަމައަށް ގެންގޮސްދެވިފައިވާ ކަމަށާއި ނަމަވެސް، މިނިސްޓަރު ޝިޔާމަށް ދެެންނެވިފައިވާ ނުވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކައިފައެވެ.
އެ ވާހަކައަށް އިޝާރާތް ކުރައްވައި، މިނިސްޓަރު ޝިޔާމް ވިދާޅުވީ، މިނިސްޓަރާ ދޭތެރޭ އޮތް ނުތަނަވަސް ކަމެއް ވެސް ސީދާ އޭނާއަށް ދެންނެވުމުން ހައްލު ކުރަން ވަރަށް ފަސޭހަ ވާނެ ކަމަށެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ، ރައީސް ބޭނުންފުޅުވާ މިންވަރަށް މަސްވެރިންނާ ގާތުން މަސައްކަތް ނުކުރެވި އޮވެދާނެ ކަމަށެވެ.

ރައީސް މުއިއްޒާއި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ---- ފޮޓޯ/ ފިޝަރީސް މިނިސްޓަރު
އެގޮތުން، ވަރަށް ގިނަ ކަންބޮޑުވުންތައް މަސްވެރިން އެކި ގޮތްގޮތުން ހުށަހަޅާކަން ފާހަގަކުރައްވައި، ޝިޔާމް ވިދާޅުވީ، އޭގެތެރޭގައި ބޮޑެތި ކަންކަމާއި ކުދި ކަންކަން ވެސް ހިމެނޭ ކަމަށެވެ.
މިހާރު އިހުތިޖާޖު ކުރަމުން އަންނަ، ބޮޑު ކަންނެލި މަސްވެރިން މަސައްކަތް ކުރަނީ އަމިއްލަ ކުންފުނިތަކާ އެކީގައި ކަމަށްވާއިރު، އެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ވެސް ސަރުކާރުން މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަޅުގަނޑު ދޭން އޮތް ޔަގީންކަމަކީ އަޅުގަނޑުގެ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ވަޒީރުކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯ ތަންފީޒުކުރުމުގައި ބަލާނަން ވިހާވެސް ގާތުން ތި ބޭފުޅުންނާ އެކީ މަސައްކަތް ކުރެވޭތޯ... ޔަގީނުން ވެސް، އިރާދަކުރެއްވިއްޔާ ތި ބޭފުޅުންގެ ވާހަކަތަކަށް ފިލައިގެން ތިބެ މައްސަލަ ހައްލުކުރާކަން އަޅުގަނޑުމެން ނަހަދާނަންފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް
މަސްވެރިންނަށް ފިލައިގެން ސަރުކާރުން ނޫޅޭނެ ކަމަށް ޝިޔާމް ވިދާޅުވިއިރު، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްނަގައިގެން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.
އެ އިހުތިޖާޖުގައި ޔޫނިއަނުގެ ސެކެޓްރީ ޖެނެރަލް އަދި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން މީހުން ހައްޔަރުކޮށްފައިވާއިރު، އެ އިހުތިޖާޖުގެ ބައިވެރިން ވަނީ ޑިމާންޑުތަކަށް ހައްލު ނުހޯދޭ ނަމަ، ޝިޔާމް މިނިސްޓަރު ކަމުން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.