ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަލްމާން ޚާން އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ތެލަންގާނާގައި ވަރަށް ބޮޑު ޕްރޮޖެކްޓެއް ހިންގައި، އެ ކަމަށް އިންވެސްޓްކުރަން ނިންމައިފިއެވެ.
ސަދަން އިންޑިއާގެ ތެލަންގާނާގައި ސަލްމާން ތަރައްގީކުރަން ނިންމާފައިވަނީ ޓައުންޝިޕަކާ އެކު ވަރަށް ވަރުގަދަ ފިލްމު ސްޓޫޑިއޯއެކެވެ. މި ޕްރޮޖެކްޓާ ބެހޭ މަޝްވަރާތައް އެ ސިޓީގެ ޗީފް މިނިސްޓަރު ރެވާންތު ރެޑީއާ އެކު މި އަހަރުގެ އޮކްޓޯބަރު މަސް ތެރޭ ކުރެވިފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓްގެ ހުރިހާ ކަމެއް ވެސް ކުރިއަށްދާނީ ސަލްމާން ޚާންގެ އަމިއްލަ ކުންފުނި ސަލްމާން ޚާން ވެންޗާސް ޕްރައިވެޓް ލިމިޓެޑް (އެސްކޭވީ)ގެ ބެލުމުގެ ދަށުންނެވެ. އެގޮތުން، ސަލްމާންގެ ކުންފުނިން 10،000 ކްރޯޑު ރުޕީސް (1113 މިލިއަން ޑޮލަރު) މި ޕްރޮޖެކްޓަރަށް ހޭދަކުރަން ވަނީ ނިންމާފައެވެ.

ސަލްމާން ޚާން ތެލަންގާނާ ސްޓޭޓްގެ ޗީފް މިނިސްޓަރު ރެވާންތު ރެޑީއާ އެކު--ފޮޓޯ/ފިލްމުފެއަ
މި ޓައުންޝިޕް ޕްރޮޖެކްޓާ އެކު އެ ސިޓީގެ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި ބޯހިޔާވަހިކަމާއި ވިޔަފާރިއާއި މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅުންހުރި އެތައް ވަސީލައްތަކެއް އާއްމުންނަށް ފޯރުކޮށްދެވޭނެ މަގުފަހިވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.
ހަމައެއާއެކު މި ޕްރޮޖެކްޓްގެ ދަށުން ތަރައްޤީކުރާ ފިލްމު ސިޓީގެ މަސައްކަތް ސަލްމާން ޚާން ވަރަށް ގާތުން ބަލާނެ ކަމަށާއި އެ ސްޓޫޑިއޯ ތަރައްޤީ ކުރުމަށް ރޭވިފައިވަނީ ޕޯސްޓް-ޕްރޮޑަކްޝަނަށް ބޭނުންކުރާ މި ޒަމާނުގެ އެންމެ ފަހުގެ ވަސީލަތްތައް ހިމެނޭހެން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި ވިޝުއަލް އެފެކްޓްސް (ވީއެފްއެކްސް) ޚިދުމަތްތަކާއި އޯޓީޓީ ޕްލެޓްފޯމްތަކަށް ކޮންޓެންޓްތައް އުފައްދާ ޕްރޮޑަކްޝަނާ ގުޅުންހުރި ޚިދުމަތް ހިމެނޭނެ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
ސަލްމާންގެ އިސްނަގައިގެން ކުރިއަށްގެންދަން ނިންމި މި ޕްރޮޖެކްޓްގެ ސަބަބުން ތެލަންގާނާ ސްޓޭޓްގެ ވަރަށް ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތަކެއް ލިބުމުގެ މަގުފަހިވެ، ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޗީފް މިނިސްޓަރު ރެވާންތު ރެޑީ ވަނީ ވިދާޅުވެފައެވެ.