ޖަލުން އަންނަ ސްކޭމް ކޯލް ހުއްޓުވަން، އޮންލައިންކޮށް ރިޕޯޓުކުރަން އެދިއްޖެ

މިނިސްޓަރު އަލީ އިހުސާން، މާފުށީ ޖަލަށް ޒިޔާރަތް ކުރެއްވުން: ޖަލުން އަންނަ ސްކޭމް ކޯލް ހުއްޓުވަން، އޮންލައިންކޮށް ރިޕޯޓުކުރަން ވަނީ އެދިފައި -- ފޮޓޯ/ ހޯމް މިނިސްޓްރީ

ޖަލު ބަންދުގައި ތިބެ، މީހުންނަށް އޮޅުވާލައިގެން ފައިސާ އަތުލުމަށް ކުރާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ޓަކައި، އެފަދަ ކޯލްތައް އޮންލައިންކޮށް ރިޕޯޓް ކުރުމަށް ހޯމް މިނިސްޓްރީން މިއަދު އެދިއްޖެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު, ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، މީހުންނަށް އޮޅުވާލައިގެން ފައިސާ އަތުލުމަށް ކުރާ ސްކޭމް ކޯލްތައް އާންމުކޮށް ގައިދީންގެ ފަރާތުން އަންނަ ކަމަށާއި އެހެންވެ، ޖަލަށް ފޯނު ފަދަ މަނާ ތަކެތި ވެއްދުން ހުއްޓުވަން ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ގައިދީން އެކި މީހުންނަށް ގުޅައި ގާނޫނާއި ގަވައިދާ ޚިލާފު އަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ އެފަދަ ކޯލްތައް ރިޕޯޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން އެކަމަށް ވަންގަވްގެ ލިންކެއް ހަމަޖައްސައިފައިވާ ކަމަށާއި، ޖަލުތަކުން ކުރާ ކޯލެއް ކަމަށް ޝައްކުކުރެވޭނަމަ، އެ ލިންކަށް ވަނުމަށްފަހު ގުޅި ނަންބަރުގެ މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ޖަލުން ސްކޭމް ކުރުން ހުއްޓުވުމަށް، ފޯނުން ނުގުޅޭ ގޮތް ހަދަން ޖޭމަރު ހަރުކުރުމަކީ އެހެން ބައެއް ގައުމުތަކުގައި ކުރާ ކަމެއް ކަމަށްވާއިރު، އެކަން ނުކުރަނީ ކީއްވެގެންތޯ "ސަން"އިން ވަނީ ހޯމް މިނިސްޓްރީއާ ސުވާލުކޮށްފައެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު މިދިޔަ ސެޕްޓެމްބަރު މަހު "ސަން"އަށް ވިދާޅުވީ ޖަލުގައި ޖޭމަރު ހަރުކުރުމުން މާފުއްޓާއި އެ ރަށް ކައިރީ އޮންނަ ހިސާބުތަކުގެ ސިގްނަލް ވެސް ކެނޑޭ ކަމަށެވެ. އެހެންވެ، އާ ބޮޑީ ސްކޭނާއެއް ގެނެސްގެން ހަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/211587

އެހެންނަމަވެސް އެ ދާއިރާގެ ފަންނީ ބޭފުޅުން ވަނީ، ބޭނުން ހިސާބަކަށް ދޫކޮށްފައި ހުންނަ ފްރެކުއެންސީ ބްލޮކްކުރެވޭ ގޮތަށް، އެކިވަރުގެ ޖޭމަރު ހުންނަކަން ފާހަގަކޮށްފައެވެ. އެގޮތަށް، ޖަލުގެ ވަކި ހިސާބަކަށް ރޭންޖު ކެނޑޭ ގޮތަށް ވެސް ޖޭމަރު ހަރު ކުރެވޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެއެވެ.

ޖަލުން ކުރާ ސްކޭމް ކޯލްތަކާ ގުޅުވައި ކުރެވޭ ބޮޑު ތުހުމަތެއް އޮވެއެވެ. އެއީ ފޯނު ވައްދައިދިނުމުގެ ފަހަތުގައި ތިބެނީ ޖަލު ބަލަހައްޓަން ތިބޭ އޮފިސަރުންނާއި އެ މީހުންގެ ވެރިންކަމެވެ. އެކި ބްރޭންޑްގެ ފޯނު ވައްދައި ދެނީ އެކި އަގުތަކަށް ކަމަށާއި މިއީ ބައެއް އޮފިސަރުން ވަރަށް ބޮޑު ނަފައެއް ހޯދާ ކަމެއް ކަމަށް ތުހުމަތުކުރެއެވެ.

މި ތުހުމަތަށް ބާރު ލިބޭ ހެކިތަކެއް މީގެ ކުރިން ހާމަ ކުރެއްވީ މިނިސްޓަރު އިހުސާނެވެ. ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން އެކި ފަހަރު މަތިން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައިގައި ޖުމުލަ 18 ޖަލު އޮފިސަރުން ހިމެނޭ ކަމަށް ވިދާޅުވީ, މިދިޔަ ޖޫން މަހު ފުލުހުންގެ ހިންގި ޚާއްސަ އޮޕަރޭޝަނަކަށް ފަހުގައެވެ. އެ ޖަލު އޮފިސަރުންގެ ފޮޓޯއާއެކު ވަނަވަރު ވެސް ހާމަ ކުރެއްވިއެވެ. އަދި ހެކި ހުރުމުން ދައުވާ ވެސް އުފުލިއެވެ.

މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދަން ހިންގާ ސްކޭމުތަކުގެ ސަބަބުން އެތައް ބަޔަކު ބުރަ މަސައްކަތުން ހޯދާފައިވާ އެތައް މިލިއަން ރުފިޔާއެއް ފޭރިގެންފައި އެބަހުއްޓެވެ.

comment ކޮމެންޓް