ތިނަދޫގެ ދާއިރާތައް ކަނޑައަޅަން ވެސް "އޮޅުވާލި ލިސްޓް" ފޮނުވި ކަމަށް ބުނެ އީސީއަށް

ގދ. ތިނަދޫ: ލޯކަލް ކައުންސިލް އިންތިޚާބަށް ތިނަދޫ ސިޓީ ކައުންސިލްގެ ދާއިރާތަށް ކަނޑައެޅީ، އެ ރަށަށް ސިޓީއެއްގެ ދަރަޖަ ހޯދަން އޭރު ބޭނުންކުރި އޮޅުވާލާފައި އޮތް ލިސްޓު ކަމަށް ބުނެ ޝަކުވާ ހުށަހަޅައިފި -- (ފޮޓޯ/ ޔާމިންފޮޓޯގްރާފާ)

ލޯކަލް ކައުންސިލް އިންތިޚާބަށް ތިނަދޫ ސިޓީ ކައުންސިލްގެ ދާއިރާތަށް ކަނޑައެޅީ، ތިނަދޫއަށް އޮޅުވާލައިގެން ސިޓީއެއްގެ ދަރަޖަ ވެސް ހޯދުމަށް ހުށަހެޅި އާބާދީގެ ލިސްޓަށް ބަލައިގެން ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ޝަކުވާ ހުށަހަޅައިފިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ތިނަދޫ ސިޓީއަކަށް ހެއްދެވީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި, މިދިޔަ އަހަރުގެ އޮގަސްޓް 30 ގައެވެ. ފަހުން މި ސަރުކާރުން ވެސް ނިންމީ އެކަން އެގޮތަށް ބާއްވާށެވެ.

އީސީގެ ރައީސް މުހައްމަދު ޒާހިދަށް އެޑްރެސްކުރައްވައި ތިނަދޫގެ އާއްމު ރައްޔިތަކު ހުށަހެޅި އެ ސިޓީގައި އޭނާ ބުނެފައި ވަނީ ތިނަދޫ ސިޓީއަކަށް 2023 ވަނަ އަހަރުގެ އޮގަސްޓު މަހު ހަދާފައި ވަނީ ތިނަދޫ ކައުންސިލުން މަކަރާއި ހީލަތުން އޮޅުވާލައިގެން ހަދާފައިވާ 10،150 މީހުންގެ ލިސްޓަކަށް ބަލައިގެން ކަމަށެވެ. އަދި އެފަދައިން ކަން ކޮށްފައި ވަނީ ރާއްޖޭގެ އާބާދީ ބަލަހައްޓަމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން އެ އަދަދަށް ތިނަދޫގައި މީހުން ރަޖިސްޓްރީ ވެފައި ނުވާ ކަމަށާއި، ތިނަދޫގެ އާބާދީއަކީ 8،000 ހަމަނުވާ އާބާދީއެއް ކަމަށް ބުނެބުނެ އޮއްވައި ކަމަށް އެ ސިޓީގައި ފާހަގަކުރިއެވެ.

ފަހުން އެނގި ކަށަވަރުވި ގޮތުގައި 10،150 މީހުންގެ ލިސްޓުގައި މަރުވެފައިވާ އެތައް ބަޔަކާއި، ރަށްވެހިކަން އެހެން ރަށްރަށަށް ބަދަލުކޮށްފައިވާ އެތައް ބަޔަކާއި، ރަށުގެ ރަޖިސްޓްރީގައި ދުވަހަކުވެސް ނުޖައްސާ އެހެން ރަށްރަށުގެ އެތައް ބަޔަކާއި، އެކަކު ދެ ގެއެއްގައި ރަޖިސްޓްރީ ޖެހުމުގެ އިތުރުން ނަމަށް ނުވަތަ އައިޑީ ކާޑު ނަންބަރަށް ކުޑަ ބަދަލެއް ގެނެސްގެން އެކަކުގެ ނަން ތަކުރާރުކޮށްފައިވާ އެތައް ބަޔަކު އެ ލިސްޓުގައި ހިމެނޭ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި މަކަރާއި ހީލަތުން އާބާދީ އޮޅުވާލައި، ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން މައްސަލަ ފުލުހުން ވެސް ތަހުގީގުކުރަމުންދާއިރު، އެކަމުގައި ތިނަދޫގެ އެތައް ބަޔަކު ބަޔާން ދީފައިވެއެވެ.

ކަން އެހެން އޮއްވައި ލޯކަލް ކައުންސިލް އިންތިޚާބުގެ ދާއިރާ ކަނޑައަޅައި، އީސީން ތިނަދޫގެ އާބާދީ ކަމަށް އިއުލާނުކޮށްފައިވާ 10،453 މީހުންގެ އާބާދީއަކީ ތިނަދޫ ސިޓީ ކައުންސިލުން މަކަރާއި ހީލަތުން އޮޅުވާލާފައިވާ އާބާދީއެއް ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ. އަދި ޔަގީންވާ ކަމަކީ އެ އަދަދަށް ތިނަދޫގައި މީހުން ރަޖިސްޓްރީވެފައި ނުވާކަން ކަމަށް އޭނާ ބުންޏެވެ.

މިއަހަރުގެ ނޮވެމްބަރު ހައެއްގައި ވެސް ޑީއެންއާރުގެ ހިސާބުތަކުގައި ވަނީ ތިނަދޫގައި ތިބީ 4،126 ފިރިހެނުންނާއި 4،068 އަންހެނުންނާއެކު ޖުމްލަ 8،194 މީހުންކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ދާއިރާތައް ކަނޑައެޅުމުގައި އީސީން ބަލާފައިވާ އާބާދީއަކީ ތިނަދޫގެ ރަޖިސްޓްރީގައި ނުވާ 2،200 މީހުން ހިމަނައިގެން ކަނޑައަޅާފައިވާ އާބާދީއަކަށްވާތީ، ދާއިރާތައް ކަނޑައެޅި އާބާދީގެ އަދަދު އެއްގޮތަކަށް ވެސް ސައްހައެއް ނުވާނެކަން ޔަގީންވާ ކަމަށް ވަނީ ބުނެފައެވެ.

އެ ސިޓީގައި އެ މީހާ ބުނި ގޮތުގައި އެ ލިސްޓާ އެއްގޮތަށް ވޯޓުލާން ޖެހިއްޖެނަމަ، އެކަކު ދެ ދާއިރާގެ ދެ ފޮއްޓަށް ވޯޓު ލާންޖެހިދާނެއެވެ. އަދި އެއީ ޚުދު އޭނާއަށް ވެސް ވާނެ ގޮތްކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އެ ލިސްޓާ އެއްގޮތަށް ވޯޓު ލާން ޖެހިއްޖެނަމަ އެކަކު ދެ ދާއިރާއެއްގެ ދެ ފޮއްޓަށް (އަޅުގަނޑަށް ވެފައިވާ ގޮތަށް) ވޯޓު ލާންޖެހި، މާކުރީއްސުރެ މަރުވެ ވަޅުލާފައިވާ މީހުން ވެސް ކަށްވަޅުން ތެދުވެ ވޯޓު ލާން ޖެހި، ވުޖޫދުގައި ނެތް ނުވަތަ ރަށަށް ނިސްބަތްނުވާ ނުވަތަ އިންސާނުންގެ ސޫރައިގައި ލޮލަށް ނުފެންނަ އެތައް ބަޔަކު ވޯޓުލާން ޖެހިދާނެ ކަމުގެ ބިރުވެރިކަން އެބައޮތް،

މިފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ރަށްރަށުގެ ނުވަތަ ސިޓީތަކުގެ ކައުންސިލް މެންބަރުންގެ އަދަދު ކަނޑައަޅަންޖެހޭނީ އާބާދީއަށް ބަލައިގެންނެވެ. މިހާރު އޮންނަ ގޮތުންނަމަ:

  • 2،000 މީހުންނަށްވުރެ ކުޑަ އާބާދީތަކަށް - ތިން ކައުންސިލަރުން
  • 2،000 މީހުންނަށްވުރެ ބޮޑު އާބާދީތަކަށް - ފަސް ކައުންސިލަރުން
  • ސިޓީތަކުގައި 10،000 އާއި 25،000 އާ ދެމެދުގެ އާބާދީތަކަށް - ހަތް ކައުންސިލަރުން
  • ސިޓީތަކުގައި 25،000 އާއި 50،000 އާ ދެމެދުގެ އާބާދީތަކަށް - 11 ކައުންސިލަރުން

އެކަން ފާހަގަކޮށް އެ ސިޓީގައި ބުނީ ކައުންސިލްތަކުން ފޮނުވާ އަބާދީގެ ލިސްޓަށް ބަލައި، ޑީއެންއާރުން އެ ލިސްޓު ވެރިފައިނުކޮށް، ނުވަތަ ޑީއެންއާރުގެ އާބާދީ ލިސްޓަށް ބެލުމެއްނެތި ކައުންސިލަރުންގެ އަދަދާއި، ސިޓީތަކުގެ ކައުންސިލަރުންގެ ދާއިރާތައް ކަނޑައެޅުމަކީ ކުރެވިގެންވާނެ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.

އަދި ހަމައެހެންމެ ކޮންމެ ރަށަކުން ވެސް ގިނަ ކައުންސިލަރުން ތިބުމަށް ބޭނުންވާނެ ކަމަށާއި، ތިނަދޫ ކައުންސިލުން ހެދިހެން ނުވަތަ ތިނަދޫ ކައުންސިލުން ކުރި ކަންތައް ނަމޫނާއަކަށް ބަލައިގެން އާބާދީ އޮޅުވާލައިގެން ކައުންސިލަރުންގެ އަދަދު ގިނަވާނެ ގޮތަށް، އަދި ސަރުކާރުން ކައުންސިލްތަކަށް ދޭ ގްރާންޓް ވެސް އިތުރުވާނެ ގޮތަށް ކަންކަން ކުރުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އީސީން މިހާރު ކަން ކޮށްފައިވާ ގޮތުން ކައުންސިލްގެ ލިސްޓުގައި ހިމެނޭ ވޯޓު ލެވޭ އުމުރުގެ އެތައް ބަޔަކު ވޯޓުލާއިރު، ލިސްޓުގައި ނެތުމަކީ ހަމައެއް ލަމައެއް ނެތް، ވަރަށް ދޯހަޅިކޮށް ކުރާ، ޒިންމާދާރުކަންކުޑަ، ޑިމޮކްރަސީއާ ވެސް ޚިލާފު ކަމެއް،

އެހެންކަމުން ތިނަދޫ ސިޓީ ކައުންސިލުން މަކަރާއި ހީލަތުން އޮޅުވާލާފައިވާ އާބާދީގެ ލިސްޓުގެ ބަދަލުގައި، ޑީއެންއާރުގެ އާބާދީ ލިސްޓަށް ބަލައި، ދާއިރާތައް ކަޑައެޅުމަށް އެދި އެ ސިޓީގައި ވަނީ ޝަކުވާ ހުށަހަޅައިފައެވެ.

ރާއްޖޭގެ ސިޓީއެއްގައި މަދުވެގެން 10،000 މީހުންގެ އާބާދީއެއް އޮންނަން ޖެހެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، ހައިކޯޓަށް ދުސްތޫރީ މައްސަަލައެއް ވެސް ހުށަހެޅިއެވެ. އެއާއެކު، އެ މައްސަލަ ހުށަހެޅުއްވި އެންވަޔަރަންމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު ރާޣިބު މަގާމުން ވަކިކުރިއެވެ. އަދި ހައި ކޯޓުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

https://sun.mv/205400

މިދިޔަ އަހަރުގެ ޑިސެންބަރު އެކެއްގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ހިލްމީ ވަނީ، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ އޮޅުވާލައިގެން ކަމަށް ވިދާޅުވެ މަޖިލީހަށް މައްސަލައެއް ވެސް ހުށަހަޅުއްވައިފައެވެ.

އޭރު ސައުދުﷲ ތުހުމަތު ކުރެއްވި ގޮތުގައި މި ކަމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ތިނަދޫގެ މޭޔަރު، ސައުދު އަލީއެވެ. އެ ގޮތުން "ވިހާ މަރުވާ" މީހުންގެ ލިސްޓު އިދާރާތަކަށް މަހުން މަހަށް ފޮނުވަންޖެހޭއިރު، އެ ކަން ނުކޮށް އޮތީ، ސައުދު ކައުންސިލްގެ ރައީސްކަމުގައި ހުންނަވައިގެން ހައެއްކަ މަސްދުވަސް ވަންދެން އެ ލިސްޓު ނުފޮނުވައި ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ވަނީ އެ މައްސަލަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވެސް ހުށަހަޅުއްވައިފައެވެ. މީގެ އިތުރުން، ތިނަދޫގެ މައްސަލަ ތަހުގީގު ކުރުމަށް ޓަކައި މިއަހަރުގެ މެދުތެރޭ ފުލުހުންގެ ޓީމެއް ވެސް ގޮސް، ހަރަކާތްތެރިވި ކަމަށް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ. ފުލުހުންގެ ޓީމަށް ތިނަދޫގައި ހަރަކާތްތެރިވި ކަމަށް އެ މުއައްސަސާއިން ބުނި ނަމަވެސް، އެކަމުގެ އިތުރު ތަފުސީލެއް ހިއްސާނުކުރެއެވެ.

comment ކޮމެންޓް