މަޑުއޭކޭގެ ދެ ލަނޑާއެކު އާސެނަލުން ބްރޫޖް ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުލަބު ބްރޫޖް ބަލިކޮށް އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރަށުންބޭރުގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އާސެނަލް ވަނީ ލީގުގެ ފުރަތަމަ ފިޔަވަހީގައި ކުޅުނު ހަ މެޗުން ލިބުނު 18 ޕޮއިންޓާއެކު އެއްވަނައިގައި ތިން ޕޮއިންޓަށް ލީޑު ފުޅާކޮށްފައެވެ.

އާސެނަލާ ޖެހިގެން ތާވަލުގެ ދެވަނައިގައި އޮތީ ބަޔާން މިއުނިކެވެ. އެއީ ޖުމްލަ 15 ޕޮއިންޓާއެކު އެވެ.

މި ނަތީޖާއާއެކު އާސެނަލަށް ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ.

މެޗުގައި އާސެނަލުން ލީޑުނެގީ މެޗުގެ 25 ވަނަ މިނިޓުގައެވެ. މިއީ މާޓިން ޒުބިމެންޑީ ތަނަވަސްކޮށްދިން ފުރުސަތަކުން ނޮނީ މަޑުއޭކާ ޖެހި ލަނޑެކެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި މަޑުއޭކޭ ވަނީ ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު ޖެހުމަށް އެހީތެރިވެދިނީ ފުރަަތަމަ ލަނޑު ޖެހުމަށްވެސް މަގު ތަނަވަސްކޮށްދިން މާޓިން ޒުބިމެންޑީއެވެ.

އާސެނަލުގެ ތިންވަނަ ލަނޑަކީ މެޗުގެ 56 ވަނަ މިނިޓުގައި ގެބްރިއެލް މާޓިނޭލީ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މުޅި މެޗުގައިވެސް ގިނަބައެއްގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ އާސެނަލް އެކަޑަމީގައި މޮޅު ކުޅުމެއް ދައްކަމުން އަަންނަ 16 އަހަރުގެ މާލީ ސަލްމަންއަށް ފުރުސަތު ދިނުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު