ވޭޕް މަނާކުރި ފަހުން އަތުލި އެންމެ ބޮޑު ޝިޕްމެންޓްގެ އަގު 2.7 މިލިއަން ރުފިޔާއަށް އަރާ

ފުލުހުން މީގެ ކުރިން ހިފެހެއްޓި ވޭޕްތަކެއް: ވޭޕް މަނާކުރި ފަހުން އަތުލި އެންމެ ބޮޑު ޝިޕްމެންޓްގެ އަގު 2.7 މިލިއަން ރުފިޔާއަށް އަރާ -- ފޮޓޯ/ ފުލުހުން

މިދިޔަ އަހަރުގެ ނޮވެންބަރު މަހު، ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރި ފަހުން އަތުލި ވޭޕްގެ އެންމެ ބޮޑު ޝިޕްމެންޓުގެ އަގު 2.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން މިއަދު ބުނެފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ، ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި، ގާނޫނާއި ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް އެ މުއައްސަސާއަށް ފާހަގަކުރެވިގެން މިދިޔަ ބުރާސްފަތި ދުވަހު ޚާއްސަ އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

އެ އޮޕަރޭޝަންގައި ބަލައިފާސްކުރި ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނުނު ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެގޮތުން ޖުމްލަ 10،800 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ އެ ތަކެތީގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެއީ މިދިޔަ އަހަރުގެ ނޮވެންބަރު 15ގައި ވޭޕް އެތެރެކުރުން މަނާކުރި ފަހުން ހިފެހެއްޓި އެންމެ ބޮޑު ޝިޕްމެންޓް ކަމަށެވެ.

ކަސްޓަމްސްއިން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކަސްޓަމްސްއިން ބުނީ އެ ތާރީޚުގެ ފަހުން މިހާތަނަށް 66،000އަށް ވުރެ ގިނަ ވޭޕް އަތުލައިގެންފައިވާ ކަމަށެވެ.

ރާއްޖޭގައި ވޭޕް މަނާކޮށް، އީ-ސިނގިރޭޓާއި ވޭޕް އެތެރެކުރުމާއި ބޭނުންކުރުމަށް ވެސް އަދަބު ކަނޑައަޅައިފައިވެއެވެ. އެގޮތުން ކުޑަކުއްޖަކަށް އެފަދަ އެއްޗެއް ވިއްކައިފިނަމަ، އެ ފަރާތެއް 50،000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. އެފަދަ މައްސަލަތަކުގައި ނިމުނު އޮކްޓޫބަރު މަހުގައި ވަނީ، 35 މީހަކު 226،000 ރުފިޔާގެ ބޮޑު ޖޫރިމަނާއެއް ކޮށްފައެވެ.

comment ކޮމެންޓް