މަސްވެރިކަން ކުރިއަރުވަން މިދިޔަ ސަރުކާރުގައި ފަށައިފައިވާ މަޝްރޫއުތައް އަވަހަށް ނިންމަން މިދިޔަ ފަސް އަަހަރުގެ ދައުރުގައި ވެރިކަން ކުރެއްވި އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ގޮވައިލައްވައިފިއެވެ.
މަސްވެރިންގެ ދުވަހާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޞާލިހު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމަން ޖެހޭ ކަމަށެވެ.
އެގޮތުން މިދިޔަ ސަރުކާރުގައި ހިންގަން ނިންމައި، ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތައް ލަސްނުކޮށް ނިންމުމަށް މިހާރުގެ ސަރުކާރަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެ މަޝްރޫއުތަކަކީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގިނަ ކަންތައްތަކަށް ރަނގަޅު ބަދަލުތަކެއް ގެނެސްދޭނެ މަޝްރޫއުތަކެއް ކަމަށް ވިދާޅުވިއެވެ.
އެއާއެކު ޞާލިހު ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނާއި މަސްވެރި އާއިލާތަކަށާއި، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އަރިސް ކުރައްވައިފައެވެ.
މިދިޔަ ސަރުކާރުގައި މަސްވެރިކަމުގެ ދާއިރާގެ ތަރައްގީއަށް ކުރި ބައެއް މަސައްކަތްތަކުގެ ތެރޭ، މަސް ކިރުވަން މަސްވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަން ބައެއް ބޯޓުފަހަރު ވަނީ މިފްކޯއަށް ގެނެސްފައެވެ. މީގެ އިތުރުން އައިސްޕްލާންޓުތައް ތަރައްގީކުރުން ފަދަ ކަންކަން ކުރިއަށް ގެންދިޔައެވެ.