ދާދިފަހުން އަލަތު ދަރިފުޅު ވިހެއި ބޮލީވުޑްގެ ބަތަލާ ކިއާރާ އަދުވާނީ އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުމެއްޖެއެވެ.
ކިއާރާ ވަނީ އެކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ވެސް ހާމަކޮށްފައެވެ. އަމިއްލަ ރަސްމީ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ކިއާރާ ބުނެފައި ވަނީ ކުރިއަށް މި ފެށި ދަތުރު މާ ވަރުގަދަވާނެ ކަމަށާއި އެދަތުރު ފަށަން ތައްޔާރަށްހުރި ކަމަށެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ހޯމަ ދުވަހު ކިއާރާ ޝޫޓިންގްއަށް ނުކުމެ އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ. މިއީ ދަރިފުޅު ސަރާޔާ ލިބުނުފަހުން ކިއާރާ އާއްމުންގެތެރެއިން ފެނުނު ފުރަތަމަ ފަހަރު ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ބަތަލާ ކިއާރާ އަދުވާނީ މިފަހުން ފިލްމު ޝޫޓިންއެއްގެތެރޭގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
އެކްޓަރު ސިދާތް މަލްހޯތުރާގެ އަންހެނުން އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ އޮގަސްޓް މަހު ގެނެސްދިން ފިލްމު "ވޯ 2"އިންނެވެ.
ކިއާރާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރުގެ މާޗް މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު "ޓޮކްސިކް"އިންނެވެ. މި ފިލްމަކީ މަޝްހޫރު "ކޭޖީއެފް"ގެ އެކްޓަރު ޔަޝްގެ ފިލްމެކެވެ.
ކިއާރާގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ޑައިރެކްޓަރު ސިދާތު ޕީ މަލްހޯތުރާ އުފައްދާ "ކަމަލް އޯރް މީނާ" އަދި ފިލްމު "ޑޮން 3" ހިމެނެއެވެ. މީގެއިތުރުން ބަތަލާ ވަނީ މެޑްޑޮކް ފިލްމްސްގެ ޕްރޮޖެކްޓަކަށް ސޮއިކޮށްފައި ކަމަށްވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ކިއާރާ ފިލްމު "ޑޮން 3"އިން ފެންނާނެ ކަމަށް ބުނެފައިވާއިރު ބަތަލާ ބަލިވެއިނުމާ ގުޅިގެން އެ ފިލްމު ދޫކޮށްލާފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފައެވެ. ނަމަވެސް އެކަން މިހާތަނަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.