އިމުގެ މައްސަލައިގައި ތައިލެންޑާއި ކެމްބޯޑިއާ ބޯޑަރުގައި ބަދަލު ކުރި ހަމަލަތަކާ ގުޅިގެން އެތައް ހާސް ބަޔަކު އެ ސަރަހަދު ދޫކޮށް ދާން ފަށައިފިއެވެ.
އިސްވެ ހަމަލާ ދިން ކަމަށް ދެ ގައުމުންވެސް ތުހުމަތުކުރާއިރު، މިއީ ޖުލައި މަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން ދެ ގައުމުގެ ދެމެދުގައި ހިނގި އެންމެ ސީރިއަސް ކުރިމަތިލުމެވެ.
ތައިލެންޑްގެ ބޮޑުވަޒީރު އަނޫޓިން ޗާންވިރަކުލް ވިދާޅުވި ގޮތުގައި އޭނާގެ ގައުމުން އަނިޔާވެރިކަން އިސްކުރަން ބޭނުން ނޫން ނަމަވެސް އެ ގައުމުގެ އިސްތިގުލާލު ދެމެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ބޭނުންކުރާނެއެވެ.
ކެމްބޯޑިއާގެ ކުރީގެ ލީޑަރު ހަން ސެން ވިދާޅުވީ ތައިލެންޑު ސިފައިން ބަދަލު ހިފުމަށް މަސައްކަތްކުރާ ކަމަށެވެ.
މެއި މަހުން ފެށިގެން ދެ ގައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވުމުން 40އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިމްޕޯޓް މަނާކޮށް ދަތުރުފަތުރުތައް ވަނީ މަނާކޮށްފައެވެ.
ހޯމަ ދުވަހު ދިން ހަމަލާތަކުގެ ސަބަބުން ތައިލެންޑް ސިފައިންގެ މީހަކާއި ކެމްބޯޑިއާގެ ހަތަރު އާންމުން މަރުވެފައިވާއިރު، ގާތްގަނޑަކަށް ދިހަވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށް ދެ ފަރާތުގެ އޮފިޝަލުން ބުނެއެވެ.
އާދީއްތަ ދުވަހުން ފެށިގެން އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ތައިލެންޑްގެ ފަސް ޕްރޮވިންސެއްގެ ގާތްގަނޑަކަށް 650 ސްކޫލެއް، ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކުރަން އަންގާފައިވާ ކަމަށް ތައިލެންޑްގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

ބޯޑަރު ސަރަހައްދުން ނުކުމެގެން ދާން ތައްޔާރުވެގެން ތިބި ބައެއް. ފޮޓޯ/ބީބީސީ
ދެ ގައުމުގެ ދެމެދުގައި ޖުލައި މަހު ހިނގި ހަމަނުޖެހުންތަކުގައި 48 މީހުން މަރުވެ ގާތްގަނޑަކަށް 300،000 މީހުން ވަގުތީ ގޮތުން ގެދޮރު ގެއްލިފައިވާ ކަމަށް ލަފާކުރެވޭއިރު، ދެ ގައުމުން ވެސް ވަނީ ރޮކެޓާއި ބޮޑެތި އާޓިލަރީ ހަތިޔާރުން ހަމަލާތައް ބަދަލުކޮށްފައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެވަޑައިގެން އެ ހަނގުރާމައަށް ނިމުމެއް ގެނެސް ސުލްހައިގެ އެއްބަސްވުމެއްވެސް އޭރު ގާއިމުކުރިއެވެ.
ނަމަވެސް މިދިޔަ މަހު ލޭންޑްމައިނެއް ގޮވައި ތައިލެންޑުގެ ސިފައިންގެ މީހަކު ޒަޚަމްވުމުން، އެއްބަސްވުން ތަންފީޒު ނުކުރާނެ ކަމަށް ތައިލެންޑުން ވަނީ ބުނެފައެވެ.
ދެ ގައުމުގެ މެދުގައި މައްސަލަ ބޮޑުވެފައި އޮންނަނީ ލާއޯސްއާ އެކު ބޯޑަރުން ގުޅޭ ހިސާބުގައި އޮންނަ އެމަރަލްޑް ޓްރައިއެންގަލް ނަމަކަށް ކިޔާ ސަރަހައްދަކާ މެދުގައެވެ. އެއީ، ކުރީ ޒަމާނުގެ ފައްޅިތަކާއި އާސާރީ ތަންތަން ގިނަ ހިސާބެކެވެ.