ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި، ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓައިފިއެވެ.
ކަސްޓަމްސްއިން ބުނީ، ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި 1.2 ކިލޯގްރާމްގެ ކެނަބިސް ހިފެހެއްޓީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
އެ ތަކެތީގެ މަގުމަތީ އަގު 936،000 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ނަމަވެސް އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން އަދި ހާމަނުކުރެއެވެ.
ފާހަގަކުރެވޭ ގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސުޕްރީމް ކޯޓުގެ އިއްތިފާގާ އެކު މަރުގެ އަދަބުދޭން ފާސްކޮށް، ގާނޫނަކަށް ހަދަން މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހެވެ. އިއްޔެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ބަދަލު ތަސްދީގުކުރައްވައިފައެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހު ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހެޅުއްވި ބިލުގައިވާ ގޮތުން، ބިލުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް 500 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭ ގޮތަށެވެ. ބިލުގެ ޖަދުވަލު އެކެއްގައި ހިމެނެނީ، މަަނާކޮށްފައިވާ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް ނުވަތަ މާއްދާއެއް އެކުލެވޭ ނުވަތަ ހިމެނޭ އެއްޗިއްސެވެ.
ޖަދުވަލު ދޭއްގައި ހިމެނެނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް އެކުލެވިގެން ތައްޔާރުކުރާ އުފެއްދުންތަކެވެ. އަދި، ޖަދުވަލު ތިނެއްގައި ހިމެނެނީ، މަަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރެވިދާނެ އާލާތްތަކާއި އެއްޗެއްސާއި ކެމިކަލް ނުވަތަ މާއްދާތަކެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމެވެ. ނުވަތަ 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު އިތުރުވެ، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަށްޓަކައެވެ.
އަދި، މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ، ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ރުޖޫއަވެވޭނެ ފުރުސަތު ދިނުމަށްޓަކައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ނިޒާމު އިސްލާހުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އެއްވެސް ރަހުމެއް ނުވަތަ އިސްތިސްނާއެއް ނޯންނާނެ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިހުސާން މިދިޔަ ބުރާސްފަތި ލިޔުއްވާފައިވެއެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަދަލުކުރި ނަމަވެސް، މަރުގެ އަދަބު ރާއްޖޭގައި ދެވޭނެ ކަމާ މެދު ސުވާލު އުފައްދައި ސިޔާސީ ބައެއް ބޭފުޅުން ފާޑުވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ޢަބްދުالله ޔާމީނާއި އެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ހިމެނެއެވެ.