ޔުނީފޯމަށް ގެނައި ބަދަލާ އެކު ބޮޑު ބަހުސެއް: އެއް ބަޔަކަށް ތަކުލީފެއް

ދަރިވަރުންތަކެއް އެމްއެންޔޫއަށް ޒިޔާރަތްކުރުމުގެ ތެރެއިން --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

ރާއްޖެފަދަ ހޫނު ގައުމެއްގައި ސްކާޓް ދަށުން ހަރުވާޅުލާން ޖެހުން ވާނީ ދަރިވަރުންނަށް ތަކުލީފަކަށް ކަަމަށް ބުނެ، ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފުތާ ސްކޫލު ދަރިވަރުންގެ ޔުނިފޯމު އެޅުމަށް ގެނައި ބަދަލުގެ ތެރޭގައި ވަނީ، ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ސްކާޓް ލާން ބޭނުން ނަމަ، ސްކާޓް ތެރެއިން ހަރުވާޅުލާން ޖެހޭގޮތަށް ކަނޑައަޅައިފައެވެ.

https://sun.mv/214858

އެ ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާ ތެރޭގައި ވަނީ ބެލެނިވެރިންނާއި، އެ ނިންމުމަށް ތާއީދުކުރާ ސިޔާސީ ފަރާތްތަކާއި، ނުކުރާ ފަރާތްތަކާ ދެމެދު ވަރަށް ބޮޑު ބަހުސެއް އުފެދިފައެެވެ.

އެގޮތުން، ސޯޝަލް މީޑިއާގައި މިޒްނާ ޝަރީފް ކިޔާ މީހަކު ލިޔެފައިވާ ގޮތުގައި ރާއްޖެ ފަދަ ހޫނު ގައުމެއްގައި ސްކާޓް ދަށުން ހަރުވާޅުލާން ޖެހުމަކީ ފަސޭހައެއްތޯއާއި އޭގެ ސަބަބުން ކުއްޖާ އުފުލަންޖެހޭ ތަކުލީފާ މެދު ވިސްނަންޖެހޭ ކަމެކެވެ.

އަދި، ޔުނިފޯމު އެޅުމުގެ އުސޫލުތަކުގައި އިސްކަން ދޭންވާނީ ކުދީންގެ ފަސޭހައަށް ކަމަށާއި، ވަކި ހެދުމެއް އެޅުމަށް މަޖުބޫރުކުރުވުމަށް ނޫންކަމަށް ވެސް ލިޔެފައިވެއެވެ. އަދި، ސިޔާސަތުތައް ކަނޑައަޅަންވާނީ އަންހެން ކުދީންނާއި، އަންހެނުން ލާ ހެދުން ކޮންޓްރޯލްކުރުމާ ދިމާއަށް ނޫންކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރަށް އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް އެކްސްގައި ކުރެއްވި ޕޯސްޓެއްްގައި ވަނީ މިހާރު ކަންކުރާ ގޮތުން "ހީވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅަންނަށް ސްކޫލަށް ދިއުމުގެ މަގުސަދު އޮޅިގެން އުޅުއްވާހެން" ކަމަށް ބުނެފައެވެ.

އަދި، މިފަދަ ކަންކަންކުރުމުގެ ބަދަލުގައި ކުދީންގެ ކިޔެވުން ރަނގަޅުކުރެވޭނެ ގޮތް ގޮތް ހޯދޭތޯ މަސައްކަތްކުރުމަށް ވެސް ވަނީ ގޮވައިލައްވައިފައެވެ.

"މި ގައުމުގެ މޫސުމާ އެއްގޮތަށް ފަސޭހަ ގޮތަކަށް ޔުނިފޯމް ލެއްވީމާ ނިމުނީ. ބައިވަރު ސްކޫލުތަކުގައި މިހާރު ވެސް ހަރުވާޅާއި މައްޗާ އެކަނި ލާ،" އޭނާ ބުންޏެވެ.

މީގެ އިތުރުން، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ޔުނިފޯމަށް ބަދަލު ގެނައިކަން އިއުލާނުކުރިއިރު ބެލެނިވެރިންނާ އެ ފަދަ ކަމެއްގެ މައުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށެވެ.

މި ކަމާ ގުޅިގެން މިނިސްޓްރީގެ އިސް ބޭފުޅުން ދެއްކެވި ވާހަކަތަކުގައި އޮޅުން އަރާ ގިނަ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ މިއީ ސާފު މަޤުޞަދެއް އޮތް ކަމެއްކަން ޤަބޫލުކުރަން ދަތިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

https://sun.mv/214858

މީގެ ކުރިން އެއްވެސް ގްރޭޑެއްގެ އަންހެން ދަރިވަރުން ސްކާޓް ލާނަމަ އެތެރެއިން ހަރުވާޅުލާންޖެހޭ އުސޫލެއް ނޯވެއެވެ. ނަމަވެސް، ކަކުލަށްވުރެ ތިރިއަށް ސްކާޓްގެ ދިގުމިން ހުންނަން ޖެހެއެވެ.

އަލަށް ތައާރަފްކުރި އުސޫލާއެކު އެއްބަޔަކު މި ކަމަށް ތާއީދުކުރާއިރު، އަނެއްބަޔަކު އެއީ ގޯސް ނިންމުމެއްގެ ގޮތުގައި އަންނަނީ ސިފަކުރަމުންނެެވެ.

އާ ގަވާއިދާ އެކު އެންމެ ބޮޑަށް ބަހުސްކުރެވޭ ބަދަލުތަކަކީ އަންހެން ދަރިވަރުން ސްކާޓް ލާނަމަ ހަރުވާޅު ލާންޖެހުމާއި، ގްރޭޑް ނުވައަކުން މަތީގެ ފިރިހެން ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭ ގޮތަށް ގެނައި އިސްލާހެވެ. ބައެއް މީހުން އެ ބަދަލުތަކަށް މަރުހަބާ ކިޔާއިރު، އަނެއް ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް