"ދުނިޔެއިން ބޭނުންވާ ހުރިހާ އެއްޗެއް ނުލިބުނަސް ދެއްވި މިންވަރަށް ޝުކުރުވެރިވާށެވެ."

***

ފުރުގާން ހޮސްޕިޓަލަށް ވަދެގެން އައިއިރު އޭނަގެ ހަށިފާރަވެރިޔާވެސް އެކީގައި އައެވެ. މުޅި ހޮސްޕިޓަލް ތެރޭގައި އަގުބޮޑު ވަހެއް ހިފައިލިއެވެ. އެންމެ ރުލެއްވެސް ނެތް ސޫޓާއެކު އިސްތަށިގަނޑު އޮމާންކޮށްފައިވަނީ ޝަޚުސިއްޔަތުގެ ވަރުގަދަކަން އަންގައިދޭފަދަގޮތަކަށެވެ. އަތުގައި އޮތް ގަޑީގައި ފަސް އެމްއާރުއައި މެޝިނުގެ އަގު ހުންނާނެއެވެ. އޭނަގެ މިސްރާބުހުރީ ސީދާ އާރިކްގެ ކެބިންއަށެވެ. ހުއްދަ ހޯދުމެއްނެތި އެތެރެއަށް ވަނެވެ.

"ޢާރިކް...."ފުރުގާންގެ އަޑުގައިވީ ރުޅިވެރިކަމެވެ.

ކޮމްޕިއުޓަރ ކައިރީގައި މަސައްކަތަކަށް ގެއްލިފައި އިނދެ ހޭވެރިކަންވީ އޭނަގެ ބައްޕަގެ ނުރައްކާތެރި ދެލޯ ފެނުމުންނެވެ. ބޮޑުކަމެއްވެއްޖެކަން ދެނެގަންނަން އެ ނަޒަރު ފުދެއެވެ. އާރިކްވެސް މަސައްކަތް ހުއްޓާލާފައި ތެދުވުނެވެ. އޭނަގެ ބައްޕައަށްވުރެ އިސްކޮޅުން ދިގުވެފައި ޝަޚުސްވެސް ވަކި ކުޑައެއްނޫނެވެ.

"އަލާނާ ނިދާ ބޭސްކައިގެން ހޭނާރާ އޮތްކަން އެނގޭތަ؟ އޭނަގެ މަންމަ ބުނާގޮތުން ސަބަބަކީ އާރިކް...ކޮންމެވެސް ކަމަކާއި ޒުވާބެއްކޮށްފައި ދޯ....ކިހިނެއްވީ؟ އެކަން އެންމެ ރަގަޅަށް އެނގޭނެމީހަކީ ތިއީ..."

"ޕްލީޒް ކާމް ޑައުން...."އާރިކް ކިތަންމެވަރަކަށް ހައިރާންވެ ހިތް ތެޅޭގޮތްވިޔަސް ހަމަޖެހެން މަސައްކަތްކުރިއެވެ.

"އަމިއްލަ ދަރިއަކަށް ނުވިޔަސް އަންހެންދަރިއެއްފަދައިން ގެންގުޅުނުކުއްޖެއް އެއީ...އަލާނާ ފަދަ އުފާވެރި ހަލަނި ކުއްޖަކު ޑިޕްރެޝަންއަށްދާނީ ބޮޑުވަރުވީމަ...އެހާވަރުގެ އަނިޔާއެއް ދޭން ކެރޭނެ މިތާ ހުންނާނީ ދެން އެހެން ކާކުތަ؟"

"ޑެފިނިޓްލީ ނޮޓް މީ. ތަންކޮޅެއް އަގީދާ ބަލިކަށިވީމަ؟" އާރިކް ގަސްތުގައި ބުނެލީ އޭނަގެ ބައްޕަގެ ގޮތް އެނގޭތީއެވެ.

"ސައިކޭޓްރިސްޓަކަށްވެ ހުރެ ތިހެން ބުނަން ކެރުނީތީ ހަމަ ހައިރާންވެއްޖެ.."

އޭރުވެސް އޭނަގެ ސިކުނޑި އެދެމުން ދިޔައީ ތަފްސީލަކަށެވެ. އަލާނާއޮތީ ކޮން ހޮސްޕިޓަލެއްގައި ހެއްޔެވެ؟ އޭނަ ބޭނުންކުރީ ކޯނޗެއްހެއްޔެވެ؟ އަލާނާ އަމިއްލަ ފުރާނައިން އަތް ދޮވެލަން މަސައްކަތްކުރަން ޖެހުނީ އޭނަ ކީކޭ ބުނެގެން ހެއްޔެވެ؟ އޭނަ އަލާނާއާއި ދުރުވާން މަސައްކަތްކުރުމަކީ އަދި މަރުދަންޖެހެންވާވަރުގެ ކަމެއްކަމެއް އޭނަ ނުދެނެހުއްޓެވެ. އަލާނާ ނަފްސާނީގޮތުން އެހާ ބަލިކަށިކަމެއްވެސް ކުރިން އެނގިފައެއްނެތެވެ. އޭނަ ހުރިހާ ސުވާލުތައް ސިކުނޑިން ފޮޅައިލިއެވެ.

"އާރިކް..އަޑުއަހާ...ކެރިއާ ސަލާމަތްކުރަން ބޭނުމިއްޔާ އަހަރެން ބުނާގޮތަށް ހަދާ....ނޫނީ މިތަނުން ނިކުމޭ...މިހޮސްޕިޓަލް ކީއްކުރަން އެހެން ތަނަކުންވެސް ވަޒީފާއެއް ހޯދަން ލާހިކެއްނޫން..."ފުރުގާން އިންޒާރުދިނެވެ.

"ތިއީ ތްރެޓެއް؟ ތިކަހަލަ އެއްޗެހި ވޯކެއް ނުކުރާނެ..."

"ދުވަސްކޮޅަކުން އެކަން އެނގޭނެ...ބާރާއި ނުފޫޒު އަދި ފައިސާ ހުރިއްޔާ ނުވާނެ ކަމެއް ނޯންނާނެ..."

ފުރުގާން ދިޔަ މަންޒަރު ބަލަން ހުރެފައި ގޮނޑީގައި ލެނގިލަމުން އޭނަ ނިތްކުރިއަށް އިނގިލިތަކުން ފިތައިލިއެވެ. އޭނަގެ މައިންބަފައިން މިވީ ކުރިމަތިވި އެންމެ ބޮޑު އިމްތިހާނަށެވެ. ދެމީހުންގެ މިޒާޖު ހުންނަގޮތުން އޯގާތެރިވެ އިހުސާންތެރިވެވެންވެސް ނެތެވެ. އިންޒާރުދީ ބިރުދައްކާ ނުރުހޭ ކަންތައްތަކަށް މަޖުބޫރުކުރުވަނީއެވެ.

***

އާރިކް ކާރުގައި ފުރުގާންގެ ގެ "ސްކައި ގާޑެން"ކައިރީ އެތައް ބުރެއްޖެހިއެވެ. ހޮސްޕިޓަލްތައްވެސް ޗެކްކުރެވުނެވެ. އެއްވެސް ތަނެއްގައި އަލާނާ އެޑްމިޓްކޮށްފައިނުވާކަން އެނގުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެހާ ސީރިޔަސްނަމަ އަލާނާ އޮންނާނީ ކޮންމެވެސް ނަން މަޝްހޫރު ހޮސްޕިޓަލެއްގެ އައިސީޔޫގައި ނޫންހެއްޔެވެ؟ އޭނަ ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ. އޭނަގެ ސަބަބުން އެއްވެސް މީހެއްގެ ހިތަށް އަނިޔާއެއް ލިބެން ނޫނީ ފުރާނަ ނުރައްކަލަށް ހުށަހަޅަން އޭނަގެ ހިތާއި ރޫހުވެސް ނޭދެއެވެ.

އޭނަ ތަންކޮޅެއް ހިތްހަމަނުޖެހިފައި އިނދެ މެސެޖްކޮށްލިއެވެ.

"އަލާނާ...އަހަރެން ޔަގީނުންވެސް ނިދާ ބޭހެއް ނުދެން..އަހަރެން ކީއްކުރީމަތަ އެހާ ބޮޑު އިލްޒާމެއް އަޅުވަންވީ؟ ކިހިނެއްވެގެން ތިއުޅެނީ؟"

"އަދި ވީގޮތެއް ނޭގުނު.."އަލާނާ ވަގުތުން ގުޅިއެވެ. އާރިކް ބޯ ހޫރާލާފައިވެސް ފޯނުނެގިއެވެ.

"އަދި ނޭގުނު...ކީކޭ ބުނަން އާރިކް އުޅުނީ؟"

"އަހަންނާއިހެދި އަލާނާ ނިދާ ބޭސްކައިގެން ހޭނާރާ އޮތީ..އަހަރެން އެއްޗެއް ބުނެގެން ކަމެއް ކޮށްގެން ހެއްޔޭ؟ ހެލްތް މިނިސްޓަރ އެއްސެވި........"

އަލާނާ ހިނިގަނޑެއްޖަހައިލިއެވެ.

"ބައްޕައާއި ދިމާލަށް އާރިކް ތިހެން ކީމަ ހަމަ ހެވިއްޖެ.."

"އާނ އިންސޮމްނިއާ ހުރެގެން ޑޮކްޓަރ ލޫކް ކައިރީ ބުނެގެން ބޭހެއް ކެއިން...ޑޭޑް ދެން އޭތި ބޮޑުކޮށްފައި އާރިކްއާއި އެކަން ގުޅުވީކަމަށްވާނީ...އެންމެންގެ ފަރާތުން އާރިކް ގާތުން މާފަށް އެދެން....އެކަމާއިހެދި ދެން އަހަރެން އެހެން ގެލެކްސީއަކަށް ފޮނުވައިލާނީއެެއްނޫން...އާރިކް އަހަރެމެންގެ ގުޅުމާއި އަދި އެއްބަސްނުވިޔަސް ކުރިންހެން އުޅެވޭނެއްނު....ނޫނީ އަހަރެން ޑިޕްރެޝަން އެޕިސޯޑްސް ތައްވެސް އަނާނެ............."އަލާނާ ބުނެލިއެވެ.

"އަލާނާ..އަހަރެން ބޭނުމެއްނޫން ވަކި މަގުސަދެއް ހާސިލުކުރަން ތިކަމަށް އެއްބަސްވާން...އެކުވެރިކަމެއް ނޫން ކުރިން އޮތީ..އެއްތަނެއްގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ދޭތެރޭ އޮންނަ ރަސްމީ ގުޅުމަށް މަރުހަބާ.. "

"ފޮނި ލޯލި...."އަލާނާ ފޯނު ކަނޑައިލިއެވެ.

***

ޑޮކްޓަރ އާރިކް ފައިލެއްގައި ލިޔަން އިނދެފައި އިސްއުފުލައިލިއެވެ."މުރުތަސިމް....ވަރަށް ހިތްހަމަޖެހިއްޖެ ފެނުނީމަ..އަވަހަށް އިށީދޭ...."

މުރުތަސިމް ގޮނޑިއަށް ވެއްޓިގަތީ އެތައް މޭލަކަށް ހުސްފަޔާ ދުވެފައި އައިސް ވަރުބަލިވެފައިވާކަހަލަ ގޮތަކަށެވެ. އާރިކްއަށް ފާހަގަވީ އޭނަގެ އަތުގެ އިނގިލިތައްވެސް ތުރުތުރުލާކަމެވެ.

"ކުރީ ހަފްތާއަށްވުރެ ގޯސްވެއްޖެހެން ހީވޭ. އަނެއްކާ ކިހިނެއްވީ؟"

"އަހަންނާއި ދިމާވީ....މާޒީއިން އެކަކު..."އޭނަ ހިތިގޮތަކަށް ހީލިއެވެ.

"މުހިއްމު މީހެއްތަ؟"

"މާބޮޑަށްވެސް މުހިއްމު...."

އޭނަ މަޑުކޮށްލައިގެން އިނީ މުރުތަސިމް ހަމަޖެހިލައިގެން ބޭނުންއިރަކުން ވާހަކަދައްކަންދެނެވެ.

"އެއީ އަހެދް.."އޭނަގެ އަޑު ކިރިޔާ އިވުނުކަމެވެ. އެނަން ބާރަށް ކިޔައިފިއްޔާ އޭނަގެ މޭގައި ރިއްސާނެއެވެ."އަހަރެންގެ ފުރަތަމަ އަނބިމީހާ..."

"އޭނަ ފެނުމުން ކޮންކަހަލަ އިހުސާސެއްވީ؟"

"އަހަރެން ހަލާކުކޮށްލި ހުރިހާ އެއްޗެއް އެނބުރި އައިސް ކުރިމަތީގައި ހުއްޓުނު ފަދަގޮތެއް......."

"މުރުތަސިމް... ހުރިހާ ގިލްޓެއް ތި އުފުލަނީ؟ މަންމައާއި އަހެދްގެ...."

"އާނ.....ދެމީހުންގެ.."އޭނަގެ އަޑު ބެދޭގޮތްވިއެވެ.

"މަންމަ އަށް އެލީޒީ އެހާ ކަމުދިޔަކަމަކަށް ނުވޭ...އެކަމަކު އަހަރެން މަންމަގެ ވާހަކަ އަޑުއަހާކަށް ބޭނުމެއްނުވި...އަހަރެން އެލީޒީގެ ދިފާއުގައި ނުކުތީ..އޭނަގެ ސަބަބުން މަންމަގެ ހިތަށް އަނިޔާދެވުނީ..އަހަރެންގެ މަންމަގެ ލޮލުން ކަރުނަ އޮހުނީ މަގޭ ސަބަބުން..މަންމައާއިމެދު ފަރުވާކުޑަކޮށް އެލީޒީއަށް ހުރިހާ ވަގުތެއް ދެވުނީ...މަންމައާއި އޮތް ގުޅުން ހީނަރުވީ..ކުރިން އެއީ އެންމެ ގާތް އެކުވެރިޔާ..މަގޭ ދިރިއުޅުން...އެންމެ ލޯބިވާ މަންމަ..އެކަމަކު އެލީޒީގެ ސަބަބުން މަންމައާއިމެދު ފަރުވާކުޑަކުރެވި ހިތުގައިޖެހޭ ފަދަ ބަސްތައް ބުނެވި އެލީޒީއަށް އިސްކަން ދިނީ..މަންމަ ގުރުއާން އެޕް އަޅާދޭން ބުނީމަ ހަނދާން ނައްތައިލީ...އޭރު ހިތަށް ނާރާ މަންމަ ނެތް ދުވަހެއް އަންނާނެއޭ.....އޭރު ހިތަށް ނާރާ ﷲގެ ވަހީބަސްފުޅަކީ ކިހާ ބާރުގަދަ އެއްޗެއްކަން...ކަލާމްފުޅުގައި އަންގަވާފައިވޭ މަންމައަށް އިހުސާންތެރިވާން. އުފްވެސް ނުބުނަން...އެހުރިހާ ކަމެއް ހަނދާން ނައްތައިލީ.މަންމަގެ ހިތުގައި ޖެއްސުނީ ވަރަށް ބޮޑަށް...މަންމައާއި ނުލާ ދުނިޔޭގައި އުޅޭނެގޮތެއް ހަމަ ނޭގޭ...."

މުރުތަސިމްގެ އަޑު ކެނޑުނެވެ.

"މިހާރު މަންމައެއް ނެތް...އަބަދަށްޓަކާ ދިޔައީ....އަހަންނަށް ހުރިހާކަމެއް ރަގަޅުުނުކުރެވެނީސް މަންމަ ނިޔާވީ.."

އިރުކޮޅެއްވާންދެން މުރުތަސިމްއަށް ވާހަކަ ނުދެއްކިއިނެވެ. ނޭވާލާންވެސް ތަދުވިއެވެ.އޭނަ ލޮލުގައި އަތްއަޅާ އޮބައިލިއެވެ. އާރިކް ޓިޝޫތަކެއް ދިއްކޮށްލިއެވެ. އޭނަގެ ހިތަށްވެސް އަސަރުކުރިއެވެ.

"އަހެދް؟" އޭނަގެ އަޑުގައިވީ އޯގާތެރިކަމެވެ.

"އެހެދްއަކީ މަންމަ އަމިއްލަ ދަރިއެއްފަދައިން ލޯބިވި އަންހެންކުއްޖެއް. މަންމައަށް އިހުތިރާމްކުރި.އަޅައިލި..މަންމަގެ ހަޔާތުގެ ފަހު ދުވަސްކޮޅު އެހީތެރިވެދިން...އަހަންނަށްޓަކާ މަންމަ ބޭނުންވި ހުރިހާ ސިފައެއް އަހެދްގެ ހުރި..މިއަދު އަހަންނަށް އޭނަ ފެނުމުން އަހަންނަށް ހީވީ މަންމަ އަހަންނަށް ބަލާފައި ބުނާހެން ކީއްވެހެއްޔޭ އަހެދްގެ އަގު ވަޒަން ނުކުރީ؟"

މުރުތަސިމް ބަލައިލިއިރު އޭނަގެ ލޯވަނީ ރަތްވެފައެވެ."އަހަރެން...އަހަރެންގެ އަތުގައި ޖަވާބެއްނެތް......."

އާރިކް އިރުކޮޅެއްވާންދެން ވިސްނުމެއްގައި އިނެވެ."މުރުތަސިމް..ގްރީފްގެ ސަބަބުން އެ ރިގްރެޓް އިތުރަށް ބޮޑުކުރާނެ..އެކަމަކު މަންމައެއްގެ ލޯތްބަކީ އަންކޮންޑިޝަނަލް އެއްޗެއް ދޯ....އަދި އެހެދްއާއި ދެމީހުންގެ މާޒީގައި ހިނގާފައިވާ ކަންތައްތަކަކީ މުސްތަގުބަލް ހާމަކޮށްދޭކަމެއްވެސް ނޫނެއްނު.."

މުރުތަސިމް ބޯ ހޫރުވައިގަތެވެ."އެކަމަކު މިއަދު އަހެދް ފެނުމުން އިހުސާސްވީ އަހަރެންގެ ހުރިހާ އެއްޗެއް ގެއްލެން ހަމަ ހައްގޭ...މަންމަ..ކައިވެނި..މަގޭ ހިތުގެ ހަމަޖެހުން...."

"އޭނަ ފެނުމަކީ އަދަބެއްނޫން މުރުތަސިމް...އެއީ ހަމަ ހަނދުމަކޮށްދިނުމެއް....ހިގި ކަންތައްތައް ނިންމައިލުމަށް ފުރުސަތެއް..ޝިފާއެއް...އެކަމުން އިބުރަތެއް ލިބިގެން ކުރިމަގު އިސްލާހުކުރަންވީ..ﷲތައާލާގެ ނިޔާއަށް ރުހެންވާނެ ދޯ.....ދުނިޔެއަށް އުފަންވުމަށްފަހު އެމީހަކު މަރުވެގެންދާނެ ދުވަހާއި ސަބަބުވެސް ލިޔުއްވާފައިވަނީ. އެކަމަށް އިންސާނުންގެ ބާރެއް ނުފޯރާނެ....ވީމަ ހިތާމަކޮށް އަމިއްލަ ނަފުސް ހަލާކުކޮށްލުމުން އަމިއްލަ ނަފުސަށް އަދި ލޯބިވާ މީހުންނަށް އަނިޔާ ދެވެނީ...މަންމަ ދުނިޔޭގައި ނެތަސް ބޭނުމެއްނުވާނެ މުރުތަސިމް ހިތާމަކޮށް ހަލާކުވެގެން ދާން...މިއަދު ބޭނުންވާނީ ހެޔޮލަފާ ސާލިހު ދަރިއެއްގެ ދުޢާ...މަންމައަށް ދުޢާކޮށް ސަދަގާތްކުރުން..ސާލިހު ދަރިންގެ ދުޢާތަކުން މައިންބަފައިންގެ ދަރަޖަ މަތިވެރިވާނެ......" އޭނަގެ އަޑު ކުރިއަށްވުރެ މަޑުވިއެވެ.

މުރުތަސިމް ގޮނޑިއަށް އިތުރަށް ގެނބިގެން ދިޔައިރު ހިފެހެއްޓުމެއްނެތި ކަރުނަ ތިިކިތައް ކޯތާފަތްމަތިން ތިރިއަށް ދެމެމުން ދިޔައެވެ.

"އެކަމަކު ޝިފާ ލިބުނުހެނެއް ނޫން ހީވީ....ހަމަ އަދަބެއްހެން.."

ސެޝަން ނިމުމުން މުރުތަސިމް ބޭރަށް ނުކުތްއިރު ކޮރިޑޯ އޮތީ ފަޅަށެވެ. އޭނަ މިއަދު އައިއިރުވެސް އަހެދްއާއި ދިމާވިއެވެ. ނަމަވެސް މިހާރު އޭނަ ހިގައްޖެއެވެ. އަބަދަށްޓަކައެވެ.

ކޮންމެވެސް ސަބަބަކާއިހެދި އެކަމުން ހިތަށް އިތުރު އަނިޔާތަކެއް ލިބުނެވެ.

މަންމަ ނިޔާވިފަހުން އެކަނިވެރިކަން އޭގެ ފުރިހަމަ ބާރާއެކު އޭނަގެ ކޮނޑުގައި އެޅުނުހެން ހީވިއެވެ. އޭނަ ހޮސްޕިޓަލުން ނިކުންނަ ދޮރާއި ދިމާލަށް ދިޔައިރު ކޮންމެ ފިޔަވަޅަކުންވެސް ގުގުމަނީ ހަގީގަތެވެ. މަންމައާއެކު އަހެދްވެސް އޭނައަށް ގެއްލުނީއެވެ.

***

ބްރޭކްގަޑީގައި ކޮންމެވެސް މުވައްޒަފަކު އެ މަސައްކަތްކޮށްލިއެވެ. ނިކްސަންގެ ކަރުގައި އެ ލެމިނޭޓްކޮށްފައިވާ ކާޑެއް އެޅުވިއެވެ.

"ތެރަ ކެޓް....އެމޯޝަނަލް ސަޕޯޓް ސެޕެޝަލިސްޓް....ސްޓާފް ލެވެލް ސީނިއަރ ޕްރޮފެޝަނަލް" ނިކްސަން ފަޚުރުވެރިވުން ހައްގެވެ.

***

ބާބިލް ހޮސްޕިޓަލުގެ ބަގީޗާތެރޭގައި ހުރި ކުޑަގަހެއްގެ ދޮންވެފައިވާ ފަތްތައް ކަތުރުން ކޮށުމުގައި އަވަދިނެތި އުޅެނިކޮށް އާރިކް ކައިރިއަށް އައެވެ.

"ބާބިލްއަށް އެނގޭތަ؟ އަހަރެންނާއެކީ އުޅެފައި ވަރަށް ގިނަ މީހުން ދުރަށް ހިނގައްޖެ. އަދި ހުއްޓުވަން މަސައްކަތެއްވެސް ނުކުރަން...ދިޔަދިނީ..."

ބާބިލް އަޑުއަހަން ހުއްޓެވެ.

"އެކަމަކު ބާބިލް އަދިވެސް އަހަރެންގެ ދިރިއުޅުމަށް އައިގޮތަށް ދުރަކަށް ނުދޭ.. ހިމޭންކަމާއި ކެތްތެރިކަމާއެކީގައި އަހަންނާއެކު ތިވަނީ. ކުޑަ ކުޑަ ފަތެއް ގަސްދޫކޮށްފައި ނުދާން އިންކާރުކުރާފަދައިން..."

"އެންމެ ފަހު ޖުމްލަ ހަމަ ހީވީ ޅެންބަހުރުވަހެން..."ބާބިލް ހިނިތުންވެލިއެވެ.

"ޅެންވެސް ހަދަން މަސައްކަތްކުރަން އެކަމަކު ޓެލެންޓެއްނެތް..."އާރިކް ހީގަތެވެ.

"ތެންކިއު ސިސް...."އާރިކް މަޑުމަޑުން ބުނެލިއެވެ."ކުރިންވެސް މިހެން ބުނަން ބޭނުންވި އެކަމކު އޭރު ދެން އެހާ ރެޑީއެއްނޫން..."

ބާބިލްގެ ލޮލުން ކަރުނަ އޮހިގަތުމާއެކު ވިސްނާލުމަކާއި ނުލާ ގޮސް އާރިކްގެ ގައިގާ ބައްދައިލެވުނެވެ. ތަންކޮޅެއް ބާރަށެވެ. ދެބެންކަން ނޭގޭ މީހަކަށް އެއީ ޝައުގުކުރުވަނިވި އަދި ހައިރާންކުރުވަނިވި މަންޒަރެކެވެ. އަދި ބާބިލްގެ އަތުގައި އޮތް ކަތުރާއެކީގައި އޭނަ ބަައްދައިލިތަން ދުރުން ބަލައިލިމީހަކަށް ޔަގީނުންވެސް އޮޅުން އަރާނެއެވެ.

***

އަހެދްއާއި އަލާނާ ކެފޭގެ ބިއްލޫރި ދޮރުކައިރީގައި ތިބިއިރު ބަގީޗާގެ މަންޒަރު ރީއްޗަށް ފެނުނެވެ. އެދެމީހުންގެ ދޭތެރޭގައި ގުޅުމެއްއޮތްކަން އަލާނާއަށް ޔަގީންވުމާއެކު ހިތުގައި ނުބައި އޮއިވަރެއް ހިނގައިގަތެވެ. އާރިކްއަށް ހަމަ އެ ނޫން އަންހެނަކު މިއޮތް ބޮޑު ދުނިޔެއިން ނުފެނުނީހެއްޔެވެ؟

"ޖެލަސް މަޗް؟"އަހެދް ދިމާކޮށްލިއެވެ.

"އަޅެ ހެޔޮނުވާނެ...ތިހެން ނުބުނޭ...އަހަރެން މިއިނީ ދަތްޕިލަ އަތަށް ލައިގެން އެވަރުންވެސް ޖެލަސްވަނީ ޔޯ..."

"އެކަމަކު ތިހޮޅީގައި ދަތް އަޅާ ހަފަނީވެސް ތީތި ކާބަފައިންނަށް މަލާމާތްކޮށްގެން އަދަބުދޭން އުޅޭހެންވިއްޔަ..."

"ޢެންމެ ރަގަޅު،ކުޑަކޮށް ޖެލަސްވެއްޖެ.."

"އެއީ މައްސަލައެއްނޫނޭ. ޖަޒުބާތުތަކަކީ ހަރާމްކަމެއް ނޫން....އަމަލު ނުކުރަންޏާ.....އެހެންނޫނަސް އަހަރެން ހީކުރީ ޑޮކްޓަރ އާރިކްއާއި އަލާނާއަކީ ހަމަ ކަޕްލްއެކޭ؟އެކަމަކު އެހެނެއްނޫން ވީ..ދެމީހުން އެކަކު އަނެކަކާއި ތިއޮންނަ ގުޅުމެއް ދޭނެނަމެއްވެސް ނޭގޭ..ލޯބީގެ ފެށުން؟ އަހަރެންވެސް އެންމެ ހައިރާންވީ ފުރުގާންގެ ދޮންދަރިއާއި އަމިއްލަ ދަރީގެ މިއޮތް ރުޅިއާއި ލޯބި އެކުލެވޭ ގުޅުން...."

"ޖެނީފާ ނަންދޭން މޮޅުވާނެ...އަޑުއިވޭ ހިސާބުގައި ހުރިނަމަ ބުނާނެ ލޮއްލިބޮއްލި ގުޅެމެކޭ............"އަލާނާ ސިއްރު ނަޒަރަކުން ބޭރަށް ބަލައިލިއިރު އާރިކް އަދި ބާބިލްވެސް ފެންނާކަށް ނެތެވެ. އަނެއްކާ މި ފިނި ވައިޖެހޭ އަރާމު ދުވަހު ހިނގައިލަން ދިޔައީބާވައެވެ. ނޫނީ ކޮފީއަކަށް ދިޔައީހެއްޔެވެ؟ހިތުގައި ހުރިހާ ސިއްރެއް ފޮރުވައިގެން ހުރެ ނަފްސާނީ އަދި ޖަޒުބާތީ ދުޅަހެޔޮކަމަށް އަސަރުކުރާކަމަށް ދެކެގެން އަހެދްއާއި ހިއްސާކުރަން ނިންމިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު