ޓޫ އޮފް އަސްއިން މެލޭޝިއާގެ ބާއްވާ ތާރީޚީ ކޮންސަޓް، އަންނަ މަހު ހަތެއްގައި

ޓޫ އޮފް އަސްގެ ހުށަހެޅުމެއް: ޓޫ އޮފް އަސްއިން މެލޭޝިއާގެ ބާއްވާ ތާރީޚީ ކޮންސަޓް، އަންނަ މަހު ހަތެއްގައި ބާއްވާނެކަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ/ ޓޫ އޮފް އަސް

ދިވެހީންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ މަޝްހޫރު ބޭންޑް ޓޫ އޮފް އަސްއިން، މެލޭޝިއާގައި "ޑްރީމް ބިޔޯންޑް ބޯޑާސް – ލައިވް އިން ކުއާލަލަމްޕޫރު"ގެ ނަމުގައި ތާރީޚީ ކޮންސަޓް ބާއްވާނީ އަންނަ މަހު ހަތެއްގައިކަން އިއުލާންކޮށްފިއެވެ.

އެ ބޭންޑުން ބުނި ގޮތުގައި މިއީ ރާއްޖެއިން ބޭރުގައި ދިވެހި ބޭންޑަކުން ރަސްމީ ގޮތެއްގައި ބާއްވާ ފުރަތަމަ ކޮންސަޓަށް ވާނެއެވެ.

ކޮންސިއާޖް ގްރޫޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިސްވެ އޮވެ ބާއްވާ މި ކޮންސަޓު އޮންނާނީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ހަރަކާތްތައް ބާއްވާ މަރުކަޒެއް ކަމަށްވާ، ޕެޓަލިން ޖަޔާ ޕާފޯމިން އާޓްސް ސެންޓަރުގެ ސްޓޭޖް ވަން ތިއޭޓަރުގައެވެ.

ޓޫ އޮފް އަސްއިން މި ކޮންސަޓް ހެޑްލައިންކޮށް، އެ ބޭންޑުގެ މަޝްހޫރު އަމިއްލަ އުފެއްދުންތައް ކަމަށްވާ ރިމެމްބާ މައި ނޭމް، ވިންޑިކްޓިވް އަދި އިޝާރޯ މޭ ހުށަހަޅައިދޭނެއެވެ. ހަމައެއާއެކު އެ ކޮންސަޓުން ރާއްޖޭގެ 'ރޮކް ލެޖެންޑް' އަހުމަދު ފަސީހު (ފަސީ)ގެ ފަސީ ލައިވް ބޭންޑު ވެސް ފެންނާނެއެވެ.

ޓޫ އޮފް އަސްގެ ތާރީޚީ ޝޯ އޮންނާނީ އަންނަ މަހު --

މީގެ އިތުރުން، ސްޕިޓްބޯލް، ޒޯލޯ، ޔޫސުފް އަދި ހޭވައްލާގެ ހުށަހެޅުންތައް ވެސް އެ ސްޓޭޖް މަތިން ދައްކުވައިދޭނެއެވެ.

އެ ކޮންސަޓުގެ ގެސްޓް މިއުޒީޝަނުންގެ ތެރޭގައި، ޓޫ އޮފް އަސްއާއެކު ފެންނާނެ ގިޓަރިސްޓް އަދި ވޯކަލިސްޓް ރާއިފް، ލަންކާގެ ޕާކަޝަނިސްޓެއް ކަމަށްވާ ހެޓް ޕަސަދު އަދި ތަބްލާގެ އަޑުތައް އިއްވައިދޭނެ ހަމްދާން ހިމެނެއެވެ.

ޓޫ އޮފް އަސްއިން ވަނީ، މި ކޮންސަޓަކީ އެ ބޭންޑުގެ އިތުރުން ރާއްޖޭގެ މިއުޒިކް ކޮމިއުނިޓީއަށް ވެސް ވަރަށް މުހިންމު ހަރަކާތެއްކަން ފާހަގަކޮށްފައެވެ. އެގޮތުން މި ކޮންސަޓުގެ މަގުސަދަކީ އެންމެން ގުޅިގެން، ރާއްޖޭގެ މިއުޒިކް ބޭރު ދުނިޔެއަށް އަޑުއިއްވައި ދިނުން ކަމަށް އެ ބޭންޑުން ބުންޏެވެ.

އެ ބޭންޑުން ވަނީ ކޮންސަޓުގެ ޓިކެޓުތައް ހަތަރު ޒޯނަކުން ލިބެން ހުންނާނެކަން ފާހަގަކޮށްފައެވެ. އެއީ ގްރީން، ބްލެކް، ރެޑް އަދި ވީއައިޕީ ޒޯނުންނެވެ. އެ ޓިކެޓުތަކުގެ އަގުތައް އުޅޭނީ 50 ރިންގިޓާއި (181.18 ރުފިޔާ) އާއި 120 ރިންގިޓް (434.84 ރުފިޔާ)އާ ދެމެދުގެ އަގަކަށެވެ.

ޓޫ އޮފް އަސްއިން ވަނީ، ކޮންސަޓާ ގުޅޭ މައުލޫމާތު، އެ ބޭންޑުންނާއި ކޮންސަޓްގެ ޕާޓްނަރުން ހާމަކުރާނެ ކަމަށް ބުނެފައެވެ.

ޓޫ އޮފް އަސްގެ ތާރީޚީ ޝޯގެ ރަސްމީ މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ.

މީގެ އިތުރުން އެ ކޮންސަޓުގެ ޕާޓްނަރުންގެ ތެރޭގައި ވިޒިޓް މޯލްޑިވްސްއާއި، މީ-2 ފިލްމްސްއާއި އައިލެންޑް ޕާފިއުމްސްއާއި އަޒިޑޮން އަދި މާލެ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ ކޮންސެޓެކެވެ.

comment ކޮމެންޓް