ގްލޯބަލް ޕީސް އިންސްޓިޓިއުޓުގެ އެންމެ މަތީ ޝަރަފު ސިޔާމަށް

ގްލޯބަލް ޕީސް އިންސްޓިޓިއުޓުން ދޭ އެންމެ މަތީ ޝަރަފު، ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަޙްމަދު ސިޔާމް މުޙައްމަދަށްވަނީ އަރުވައިފައި --

ބައިނަލްއަގުވާމީ ސުލްހައަށް މަސައްކަތް ކުރާ، ގްލޯބަލް ޕީސް އިންސްޓިޓިއުޓުން ދޭ އެންމެ މަތީ ޝަރަފު، ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަޙްމަދު ސިޔާމް މުޙައްމަދަށް އަރުވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގްލޯބަލް ޕީސް އިންސްޓިޓިއުޓުން ޔޫއޭއީގެ ހަޔަތު ރީޖެންސީ ދުބާއީގައި ބޭއްވި، ގްލޯބަލް ޕީސް ހޮސްޕިޓާލިޓީ އެވޯޑްސް 2025ގައި، 10 ދާއިރާއަކުން 85 ބޭފުޅުންނާއި މުއައްސަސާއަކަށް އެވޯޑުތައް ދީފައިވެއެވެ.

އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ސިޔާމް، ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް ސުލްހައަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، އެ މަނިކުފާނަށް އެ ހަފުލާގައި ތިން ޝަރަފެއް އަރުވައިފައިވެއެވެ. އެއީ، އެ ހަފުލާގައި އެއް ބޭފުޅަކަށް އެރުވި އެންމެ ގިނަ ޝަރަފެވެ. އެގޮތުން ސިޔާމަށް އަރުވައިފައިވަނީ:

  • ލައިފްޓައިމް އެޗީވްމެންޓް އެވޯޑް އިން ހޮސްޕިޓާލިޓީ އެންޑް ސާވިސް އެކްސެލެންސް
  • ލައިފްޓައިމް އެޗީވްމެންޓް އެވޯޑް އިން އޯންޓްރޮޕްރޮނުއާޝިޕް އެންޑް ބިޒްނަސް އިނޮވޭޝަން
  • ގޯލްޑެން ސެއިލް އޮފް ޑިސްޓިންކްޝަން، ސަމިޓުގެ އެންމެ މަތީ ޝަރަފު

އެ ހަފުލާގައި ވަނީ، ލަގްޒަރީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އެންމެ މަގުބޫލު އެއް ގައުމަށް ހެދުމުގައި ސިޔާމް އަދާކުރެއްވި އިސް ދައުރު ފާހަގަކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅާގެ ހައިސިއްޔަތުން ވެސް، ސިޔާމް ކުރެއްވި މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ.

ގްލޯބަލް ޕީސް ހޮސްޕިޓާލިޓީ އެވޯޑްސް 2025ގައި ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަޙްމަދު ސިޔާމް މުޙައްމަދަށާއި ކުންފުންޏަށް ވެސް ޝަރަފުވެރި އެވޯޑުތަކެއް ލިބިފައިވޭ --

މީގެ އިތުރުން ޖީޕީއައިއިން ވަނީ، ރާއްޖޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށާއި، ޒުވާނުން ބާރުވެރިކުރުމުގެ އިތުރުން އެހީ ފޯރުކޮށްދެއްވުމުގައި ވެސް ސިޔާމް ކުރައްވައިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައިފައެވެ.

އެ ހަފުލާގައި 46 ގައުމަކުން 200 ބޭފުޅުން ބައިވެރިވިއިރު، އޭގެ ތެރޭގައި ޑިޕްލޮމެޓުންނާއި އިޖުތިމާއީ ލީޑަރުންނާއި އައު ވިޔަފާރިތައް ފަށައިފައިވާ ޒުވާނުން ވެސް ހިމެނެއެވެ. އެގޮތުން އެވޯޑުތައް ދީފައިވާ ދާއިރާތަކަކީ:

  • ހޮސްޕިޓާލިޓީ އެންޑް ސާވިސް އެކްސެލެންސް
  • ޕީސްބިލްޑިން އެންޑް ހިއުމެނިޓޭރިއަން ލީޑާޝިޕް
  • އެޑިއުކޭޝަން އެންޑް ތޯޓް ލީޑާޝިޕް
  • މީޑީއާ، އާޓްސް އެންޑް ކަލްޗަރަލް އިންފްލުއެންސް
  • ވިމެންސް ލީޑާޝިޕް އެންޑް ގްލޯބަލް ބިޒްނެސް

ގްލޯބަލް ޕީސް ހޮސްޕިޓާލިޓީ އެވޯޑްސް 2025ގެ ތެރެއިން ---

ބައިނަލްއަގުވާމީ ގިނަ އެވޯޑްތަކެއް މި އަހަރު އެކަނިވެސް ހާސިލުކޮށްފައިވާ ސަން ސިޔާމް ގުރޫޕުގެ ދަށުން, ރާއްޖޭގައި އަންނަނީ ވަރަށް ފެންވަރު ރަނގަޅު ފަސް ރިސޯޓެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާމް ވޯލްޑާއި, އިރުފުއްޓާއި ވިލުރީފުގެ އިތުރުން އިރުވެއްޔާއި އޮޅުވެއްޔެވެ. މީގެ އިތުރުން ސްރީ ލަންކާގައި ވެސް ރިސޯޓެއް ހިންގައެވެ.

comment ކޮމެންޓް