ދެމެހެއްޓެނިވި ތަރައްގީއާއި ތައުލީމާއި ބައިނަލްއަގުވާމީ ގުޅުންތައް ކުރިއެރުވުމަށް މަސައްކަތް ކުރާ ގްލޯބަލް ޕީސް އިންސްޓިއުޓާއި އިމްޕެކްޓް ހަބް ޔޫއޭއީން ބޭއްވި ގްލޯބަލް ޕީސް ހޮސްޕިޓާލިޓީ ސަމިޓުގައި، އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވެސް ބާނީއެއްގެ ގޮތުގައި ހިމެނިވަޑައިގެން، ގޯލްޑެން ވިންގް އޮފް ޕީސް މޫވްމެންޓް އިފުތިތާހުކޮށްފިއެވެ.
ގްލޯބަލް ޕީސް އިންސްޓިޓިއުޓް (ޖީޕީއައި)އާއި އިމްޕެކްޓް ހަބް ޔޫއޭއީ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ވަނީ، ގްލޯބަލް ޕީސް ހޮސްޕިޓާލިޓީ ސަމިޓް 2025، ހަޔަތު ރީޖެންސީ ދުބާއީގައި ބާއްވައިފައެވެ. މީގެ ކުރިން ލަންޑަނާއި ސްކޮޓްލެންޑާއި ސިންގަޕޫރާއި މެލޭޝިއާއާއި ތައިލެންޑުގައި މި ސަމިޓު ބާއްވައިފައިވާއިރު، މިއީ މެދުއިރުމަތީގައި މި ސަމިޓް ބޭއްވި ފުރަތަމަ ފަހަރެވެ.
މި އަހަރުގެ ސަމިޓުގައި، ސުލްހަވެރިކަން ކުރިއެރުވުމުގައި ހޮސްޕިޓާލިޓީގެ ދައުރާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް، 46އަށް ވުރެ ގިނަ ގައުމުން 200 ލީޑަރުންނާއި ޑިޕްލޮމެޓުންނާއި ވިޔަފާރިވެރިންނާއި އިންފްލުއެންސަރުން ބައިވެރިވިއެވެ.
ގްލޯބަލް ޕީސް ހޮސްޕިޓާލިޓީ ސަމިޓް 2025ގައި ސަން ސިޔާމް ގުރޫޕުގެ ޑިރެކްޓަރު، ޑރ. އާއިޝަތު ރަފިއްޔާ ވާހަކަ ދައްކަވަނީ --
މި އަހަރުގެ ސަމިޓުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެކި ގައުމުތަކުގެ ލީޑަރުންނާއި މުއައްސަސާތަކާއި ޑިޖިޓަލް ކްރިއޭޓަރުން ގުޅުވައިދޭ ގޯލްޑެން ވިންގް އޮފް ޕީސް މޫވްމެންޓް އިފުތިތާހުކުރުމެވެ.
އެންމެންނަށް ވެސް ހެޔޮ ގޮތްތައް ހޯދައިދިނުމުގެ ވިސްނުމާއެކު ހަރަކާތްތެރިވާ ލީޑާޝިޕާއި އެފަދަ ޚިދުމަތްތަކާއި އިޖުތިމާއީ ޒިންމާ އިސްކުރުމުގެ މަގުސަދުގައި އުފައްދާފައިވާ މި މޫވްމެންޓްގެ ތިން 'ފައުންޑިން އޮނަރަރީ ޕެޓްރަންސް' ފާހަގަކޮށްފައިވެއެވެ. އެއީ:
- ޑރ. އަލީ ރާޝިދު އަލް ނުއައިމީ - ޔޫއޭއީ ފެޑެރަލް ނެޝަނަލް ކައުންސިލްގެ ޑިފެންސް، އިންޓީރިއާ އެންޑް ފޮރިން އެފެއާޒް ކޮމިޓީގެ ޗެއާ، ހިޔާދާ - ދަ އިންޓަނޭޝަނަލް ސެންޓާ އޮފް އެކްސެލެންސް ފޯ ކައުންޓަރިން ވަޔޮލެންޓް އެކްސްޓްރީމިޒަމްގެ ޗެއާމަން، އަދި ވޯލްޑް ކައުންސިލް ފޯ މުސްލިމް ކޮމިއުނިޓީސްގެ ފައުންޑިން ޗެއާމަން
- ޕްރޮފެސާ ރޯހާން ގުނަރަތުނަ - ގްލޯބަލް ޕީސް އިންސްޓިޓިއުޓް ޔޫކޭގެ ޗެއާމަން، އަދި ސިންގަޕޫރުގެ އިންޓަނޭޝަނަލް ސެންޓާ ފޯ ޕޮލިޓިކަލް ވަޔޮލެންސް އެންޑް ޓެރަރިޒަމް ރިސާޗްގެ ބާނީ
- އަޙްމަދު ސިޔާމް މުޙައްމަދު - ސަން ސިޔާމް ގުރޫޕުގެ ބާނީ އަދި ޗެއާމަން، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީއާއި އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެވުމުގައި ވެސް ލީޑަރެއް. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅާގެ ހައިސިއްޔަތުން ގައުމީ ތަރައްގީއަށާއި ޒުވާނުން ބާރުވެރިކުރުވުމަށާއި އިޖުތިމާއީ އިގުތިސާދީ އިސްލާހަށް އަގުނުކުރެވޭ ޚިދުމަތްތަކެއް ކުރައްވާފައިވޭ
ޖީޕީއައިއިން ވަނީ، އެ ތިން ބޭފުޅުން އޮނަރަރީ ޕެޓްރަންސްގެ ގޮތުގައި ޚިޔާރުކޮށްފައިވަނީ، އެ ބޭފުޅުން ތައުލީމާއި އިޖުތިމާއީ ގުޅުމާއި އިގުތިސާދީ ގުޅުންތައް ވަރުގަދަ ކުރުމަށާއި ސުލްހައަށް ޓަކައި ކުރައްވާ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.
ޖީޕީއައިއިން ސުލްހައިގެ މަސައްކަތަށް ގޯލްޑެން ވިންގް އޮފް ޕީސް އިފުތިތާހުކޮށް، ސިޔާމަށް ޚާއްސަ ޝަރަފެއް އަރުވައިފައިވޭ --
ގޯލްޑެން ވިންގް އޮފް ޕީސް މޫވްމެންޓް އިފުތިތާހުކުރުމަށް ފަހު، ސަމިޓުގައި ވަނީ، ގޯލްޑެން ވިންގް ޕީސް ޓްރީޓީގައި ސޮއިކޮށްފައެވެ. އެގޮތުން ޖުމްލަ 10 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބޭ، އެކި ގައުމުގެ 20 އިންފްލުއެންސަރުންނާއި ކޮންޓެންޓް ކްރިއޭޓަރުން ވަނީ އެ ޓްރީޓީގައި ސޮއިކޮށްފައެވެ. އަދި ސޮއިކުރި އެންމެން ވެސް ވަނީ، ޑިޖިޓަލް ޕްލެޓްފޯމްތަކަށް ކޮންޓެންޓް ދޫކުރާއިރު ޒިންމާދާރުވުމަށާއި، ސުލްހަވެރިކަން ކުރިއެރުވުމަށް ވައުދުވެފައެވެ.
ގޯލްޑެން ވިންގް އޮފް ޕީސް ޓްރީޓީއަކީ ރައީސުންނާއި ސިޔާސީ އެހެން ބޭފުޅުންގެ ބަދަލުގައި، ނުފޫޒުގަދަ އާންމު ރައްޔިތުންތަކެއް ސޮއިކުރި ފުރަތަމަ ގަރާރު ކަމަށްވުމުން، މިއީ ވަރަށް ތާރީޚީ ގަރާރެކެވެ. އެގޮތުން، ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ ޒުވާނުން ކަމަށްވާއިރު، މި ގަރާރުގައި ސޮއިކުރި އިންފްލުއެންސަރުންނަކީ ޒުވާނުން މާ ބޮޑަށް އިތުބާރު ކުރާނެ ބަޔަކަށް ވާނެކަން ޖީޕީއައިއިން ފާހަގަކުރެއެވެ.
ޖީޕީއައިގެ މި އަހަރުގެ ސަމިޓުގައި މަތީ ފަންތީގެ ހަ ޕެނަލެއް ބާއްވައިފައިވެއެވެ. އެއީ:
- ޕީސް ތުރޫ ހޮސްޕިޓާލިޓީ، ޓްރެވެލް އެންޑް ޓުއަރިޒަމް: ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް ސުލްހައަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުން
- އެންޔަރަމެންޓް، އެނާޖީ އެންޑް ސަސްޓެއިނެބުލް ޕީސްބިލްޑިން: ސުލްހައަށް ކުރާ މަސައްކަތުގައި، ތިމާވެއްޓާއި މޫސުމަށް ވިލުންތެރިވުމާ ގުޅޭ ގޮތުން ގައުމުތަކުން މަޝްވަރާކުރުމަށް އަލިއަޅުވައިލުން
- ވިމެންސް ލީޑާޝިޕް އެންޑް ބިޒްނަސް އިނޮވޭޝަން: ވިޔަފާރިއާއި ހަމަހަމަކަމަށް މަސައްކަތް ކުރުމުގައި ފާހަގަކޮށްލެވޭ އަންހެނުންނަށް އަލިއަޅުވައިލުން
- ޓެކް، އޭއައި އެންޑް ޑިޖިޓަލް އިމްޕެކްޓް ފޯ ހިއުމޭނިޓީ: އިޖާދީ މަސައްކަތް ކުރުމުގައި އެތިކަލް ޒިންމާތައް ވެސް އަދާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުން
- ގްލޯބަލް ހެލްތު، ވެލްނެސް އެންޑް މެޑިކަލް އެކްސެލެންސް: ސުލްހަވެރި މުޖުތަމައެއް ބިނާކުރުމުގައި މީހުންގެ ދުޅަހެޔޮކަމުގެ މުހިންމުކަމާ މެދު މަޝްވަރާކުރުން
- ޔޫތު އެމްޕަވާމެންޓް އެންޑް އެޑިއުކޭޝަން ފޯ ޕީސްބިލްޑިން: މުސްތަގުބަލަށް އަޅާ ފިޔަވަޅުތަކުގައި ޒުވާނުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރުން
މީގެ އިތުރުން އެ ސަމިޓުގައިވަނީ، ގްލޯބަލް ޕީސް އިންސްޓިޓިއުޓުން އަރުވާ އެންމެ މަތީ ޝަރަފު ކަމަށްވާ، ގޯލްޑެން ސެއިލް އޮފް ޑިސްޓިންކްޝަން، ސަމިޓުގެ ޝަރަފުވެރި މެހެމާނު ޑރ. އަލީ ރަޝީދު އަލް ނުއައިމީއަށް އަރުވައިފައެވެ. އެ ޝަރަފު އަރުވައިފައިވަނީ، އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން އުޅުމަށާއި ސުލްހަވެރި ވެރިކަމަކަށް ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ކަމަށް ޖީޕީއައިއިން ބުނެފައިވެއެވެ.