ކަސްޓަމްސްގެ ކުރީގެ އިސް މުވައްޒަފަކު، ސިނގިރޭޓު އެތެރެކުރާ ކުންފުންޏެއްގެ އަތުން ރިޝްވަތު ހޯދަން އުޅުމުގެ ތުހުމަތުގައި ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް މިދިޔަ ބުދަ ދުވަހު ފޮނުވައިފިއެވެ.
އޭސީސީން ބުނީ، އެ މައްސަލައިގައި ދަޢުވާ ކޮށްދިނުމަށް އެދި ފޮނުވައިފައިވަނީ، ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް، މުޢާޒު ޢަލީގެ މައްޗަށް ކަމަށެވެ.
އެ މައްސަލައިގައި މުއާޒުގެ މައްޗަށް އޭސީސީން ކޮށްދިނުމަށް އެދިފައި ވަނީ، އެނގިހުރެގެން މަންފާއަކަށް އެދުމާއި ގަބޫލުކުރުމާއި ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދަޢުވާއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އޭސީސީން ބުނީ، 2018ގައި އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް ކަސްޓަމްސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓި ކަމަށެވެ.
އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއަހައުސްއިން ދޫކޮށްފައިވީ ނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައި ނުވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ކަސްޓަމްސްއިން ބަލަމުންދިޔަ މައްސަލަ، ކުންފުންޏަށް ފަހިވާގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުޢާޒު ރިޝްވަތަށް އެދިފައިވާކަން، އޭސީސީގެ ތަހުގީގަށް އެނގިފައިވާ ކަމަށް އެ ކޮމިޝަނުން ބުންނެވެ.
ރާއްޖޭގެ އާބާދީގެ 27 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށް 2022 ވަނަ އަހަރުގެ ތަފާސްހިސާބުން ދައްކާއިރު، ސިނގިރޭޓު އެތެރެކުރުމާއި ވިއްކުމަކީ ވަރަށް ފުޅާ ވިޔަފާރިއެކެވެ. މި ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުން އަންނައިރު، އޭގެ ތެރޭގައި ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރުން ހިމެނެއެވެ.
އެ ފިޔަވަޅު އެޅި ފަހުން، ވަގަށް ގިނަ އަދަދަކަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެގޮތުން ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައި ހުރި، ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓު ގެއްލުނު މައްސަލައެއް ބަލަން ފަށައިފައިވާކަން މިދިޔަ ހަފުތާގައި ފުލުހުން ހާމަކޮށްފައިވެއެވެ.
އެ އެއްޗެހި ހުރީ ޕޯޓްސް ކުންފުނި، އެމްޕީއެލްގެ ހަވާލުގައެވެ.