ޕީއެޗްޑީ ޕްރޮގްރާމުތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިޔާ (އައިއައިޔޫއެމް)އާ މިއަދު މަޝްވަރާކުރައްވައިފިއެވެ.
ރައީސް އެ މަޝްވަރާކުރެއްވީ، އައިއައިޔޫއެމްގެ ރެކްޓަރު ޕްރޮފެސާ އެމެރިޔަސް ޑާތުކް ޑރ. އޮސްމާން ބަކާ، އެ މަނިކުފާނުގެ އަރިހަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިންނެވެ.
ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ރައީސް މުއިއްޒާއި ޕްރޮފެސަރު ވަނީ މަތީ ތަޢުލީމްގެ ދާއިރާއިން، ޚާއްޞަކޮށް ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރައްވާފައެވެ.

ރައީސް މުއިއްޒާއި އައިއައިޔޫއެމްގެ ޕްރޮފެސަރު ބައްދަލުކުރެއްވުން: ޕީއެޗްޑީ ޕްރޮގްރާމުތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އައިއައިޔޫއެމްއާއެކު މަޝްވަރާކޮށްފި ---- ފޮޓޯ/ ރައީސް އޮފީސް
އެ ބައްދަލުވުމުގައި ރައީސް ވަނީ، އައިއައިޔޫއެމުން ދިވެހި ދަރިވަރުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި، ދެ ގައުމުގެ މެދުގައި ތަޢުލީމީ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެ ބޭފުޅުން އުންމީދު އާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ މެލޭޝިއާއަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގެ ތެރެއިން އައިއައިޔޫއެމްއިން ވަނީ، ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ލީޑަޝިޕް އެންޑް ސިވިލް ޑިވެލޮޕްމަންޓުގެ ދާއިރާއިން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓްކަން އަރުވާފައެވެ.