އިންޑިއާގައި ކުޑަކުދިން މަރުވި ބޭސް ރާއްޖޭގައެއް ނުވިއްކާ: އެމްއެފްޑީއޭ

އަވައްޓެރި އިންޑިއާގައި ކުޑަކުދިންތަކެއް މަރުވާން މެދުވެރިވި ބޭހަކީ ރާއްޖެ އެތެރެކޮށްގެން ވިއްކާ ބޭހެއް ނޫން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ)ން މިއަދު ބުނެފިއެވެ.

ވިހައެއްގެ ސަބަބުން އެ ބޭސް ބޭނުންކުރި ކުޑަކުދިންތަކެއް އިންޑިއާގައި ވަނީ މަރުވެފައެވެ.

އެ ކަމާ ގުޅިގެން އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ބޭހުގައި ވިހަ މާއްދާއެއް އެކުލެވޭތީ އެ ބޭސް ބޭނުންކޮށް، ވިއްކުން ސައުތު އީސްޓް އޭޝިއަން ރީޖަން ނެޓްވޯކުން އެލާޓްކޮށްފައިވާ ކަމަށެވެ. އެމްއެފްޑީއޭއިން ބުނީ، އެ ބޭސް އުފެއްދި ތިން ކުންފުންޏަކީ ވެސް އެ އިދާރާއިން ހުއްދަ ދީފައިވާ ކުންފުނިތަކެއް ނޫން ކަމަށެވެ.

އެ ތިން ކުންފުނިން އުފައްދާ ބޭސްތައް ރާއްޖެ އެތެރެކޮށްފައިނުވާކަން ކަށަވަރުކޮށްފައިވާކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އިންޑިއާއަކީ ބޭސް ފަރުވާގެ ކަންކަމަށާއި ޗުއްޓީ ހޭދަކޮށްލަން ވެސް ގިނަ އަދަދެއްގެ ދިވެހީން އާންމުކޮށް ގޮސް އުޅޭ ގައުމަކަށް ވުމުން އެ ކަމަށް ހުރިހާ އެންމެން ވެސް ސަމާލުވާން އެމްއެފްޑީއޭގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، އެ އިދާރާއިން ބުނީ ރާއްޖެ އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރަން އެ އިދާރާއިން އަބަދު ވެސް މަަސައްކަތްކުރާ ކަމަށެވެ. ޚާއްސަކޮށް ކުޑަކުދިންނަށް ދޭ ބޭސްތަކުގެ ރައްކާތެރިކަން ކަށަވަރުކުރާ ކަމަށް އެ އިދާރާގެ ބަޔާނުގައިވެއެވެ.

އެގޮތުން، ކުޑަކުދިންގެ ބޭސް އެތެރެކުރާއިރު ޑީއީޖީ އަދި އީޖީ ނުހިމެނޭކަން ކަށަވަރުކުރަން ލެބޯޓްރީ ތަހުލީލުތަކުން ކަށަވަރުކުރާ ކަމަށް އެ އިދާރާއިން ބުންޏެވެ.

https://sun.mv/212442

ނުރައްކާތެރި ކެމިކަލް ހުރި ބޭހެއް ބުއިމުގެ ސަބަބުން އިންޑިއާގެ މަދުޔަ ޕްރަދޭޝްގެ އުމުރުން ފަސް އަހަރުން ދަށުގެ 17 ކުއްޖަކު މަރުވެފައިވެއެވެ. އެ ބޭހުގައި، ކެމިކަލެއް ހުންނަން ޖެހޭ ވަރަށްވުރެ 500 ގުނަ އިތުރަށް ހުރި ކަމަށް ވަނީ ފާހަގަވެފައެވެ.

އެ މައްސަލައާ ގުޅިގެން ކުންފުނީގެ ވެރިޔާ އެސް.ރަންގަނާތަން ވަނީ ހައްޔަރުކޮށްފައެވެ. އަދި، އެ ބޭސް ލިޔެދިން ޑޮކްޓަރު ވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުގައިވެއެވެ.

comment ކޮމެންޓް