މިނިސްޓްރީއަކީ ހަމައެކަނި ޚުތުބާ ލިޔާ ތަނެއް ނޫން، މަސައްކަތްކުރަނީ ރައީސްގެ އިރުޝާދާ އެކު ގައުމު ސަލާމަތްކުރަން: ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޤައުމީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ މިނިސްޓްރީން މަސައްކަތްކުރަނީ ރައީސްގެ އިރުޝާދުގެ ދަށުން ރާއްޖެ "ސަލާމަތް"ކުރަން ކަމަށް --- ފޮޓޯ: ރައީސް އޮފީސް

އިސްލާމިކް މިނިސްޓްރީއަކީ ހަމައެކަނި ޚުތުބާ ލިޔާ މުއައްސަސާއެއް ނޫން ކަމަށާއި، އެ މިނިސްޓްރީން މަސައްކަތްކުރަމުން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ލަފާފުޅާއި އިރުޝާދުގެ ދަށުން ރާއްޖެ "ސަލާމަތްކުރުމަށް" ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޤުރުއާން ކިޔެވުމުގެ 37ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެ ސަލާމަތްކުރެވެން އޮތީ އެކަތިގަނޑެއްގެ ގޮތުގައި ދިވެހީން އޮވެ، މެދުމިންކަމުގެ އިސްލާމީ މަންހަޖުގެ މަތިން ދިވެހީން ތަރުބިއްޔަތުކޮށްގެން ކަމަށެވެ.

"މި ރާއްޖެ ސަލާމަތްކުރެވެން އޮތީ އަޅުގަނޑުމެން އެކަތިގަނޑެއްގެ ގޮތުގައި އޮވެ، މި ދުވަސްތައް ދަމަހައްޓައިގެން، މި ހެޔޮކަން ނަގަހައްޓައިގެން، ސުލްހަވެރިކަން ޤާއިމްކޮށްގެން، އަޅުގަނޑުމެންގެ ދަރީން އެކިއެކި ފިކުރުތަކުން ސަލާމަތްކޮށް، އަޅުގަނޑުމެން މެދުމިންކަމުގެ އިސްލާމީ މަންހަޖުގެ މަތިން ރާއްޖެ ތަރުބިއްޔަތުކޮށް[ގެން]،" ޝަހީމް ވިދާޅުވިއެވެ.

ނަމަވެސް، ރާއްޖެ ސަލާމަތްކުރުމަށް ކަމަށް ޝަހީމް ވިދާޅުވީ ސީދާ ކޮން މާނައެއްގައި ކަމެއް ނޭނގެއެވެ.

https://sun.mv/212542

މިނިސްޓަރު ވިދާޅުވީ، އިސްލާމީ ހިދާޔަތުގެ ތެރެއިން ރާއްޖެ ހެޔޮ ދުވަސްތަކެއް ވޭތުކުރަމުން ދާއިރު، މި ދުވަސްތައް ކޮންމެހެން ދެމެހެއްޓުމަށްޓަކައި ކީރިތި ޤުރުއާނުން ދޭ ހިދާޔަތުން އެންމެން ހިދާޔަތް ލިބިގަންނަން ޖެހޭ ކަމަށެވެ.

"ޤުރުއާން ހަމައެކަނި ރީތި ރާގަށް ކިޔެވުމަކުން ނުފުދޭނެ، މުޖުތަމައުގައި ސުލްހަވެރިކަމާއި ލޯތްބާއި އަމާންކަމާއި އިހްތިރާމާއި ގަދަރު ދެމެހެއްޓުމަށް ކީރިތި ޤުރުއާނުގެ ހިދާޔަތް އަޅުގަނޑުމެންނަށް ގޮވަނީ، މިއަދު އަޅުގަނޑުމެން ދެކެމުން މިދާ ހެޔޮ ދުވަސްތައް، ޤުރުއާން މަތިވެރިކުރެވޭ މި ދުވަސްތައް އަޅުގަނޑުމެންނާ އެކުގައި އަޅުގަނޑުމެން ދަމަހައްޓަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

https://sun.mv/212544

ރަސްމިއްޔާތުގައި އިތުރަށް ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، މިދިޔަ ރަމަޟާން މަހުގެ ނިޔަލަށް ވޭތުވެދިޔަ އަހަރުގައި 24 ދަރިވަރަކު ހާފިޒުކަމުގެ ސަނަދު ހާސިލުކުރިއިރު، އަންނަ ރަމަޟާން މަހު އެ އަދަދު 50އަށް ވުރެ އިތުރުވާނެ ކަމަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭ 500 ދަރިވަރުން ދަސްވެނިކުރުވުމާއި 1،000 ޚަތީބުން ތަމުރީނުކުރުމެވެ.

ސަރުކާރުން އަންނަނީ ޤުރުއާން މަތިވެރިކުރުމަށްޓަކައި ބައިވަރު މަސައްކަތްކުރަމުން ކަމަށާއި، އެގޮތުން ހާފިޒުންގެ އެލަވަންސް ބޮޑުކޮށް، ވަކި ޚާއްސަ ވަގުފު އިމާރާތެއް ބިނާކުރަމުން އަންނަ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ދުރުރާސްތާގަ ދިވެހިިރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ދަރިވަރުން ޤުރުއާން ކިޔަވަން ކްލާސްތަކަށް ދާއިރު އެއީ ލާރި ދައްކައިގެން ކުރެވޭ ކަމަކަށް ނަހަދައި ސަރުކާރުން މި ޤާއިމްކުރާ ފަންޑުތަކުގެ ތެރެއިން އަމިއްލަ ފަރާތްތަކުން ވެސް ހިންގާ ޤުރުއާން ކްލާސްތަކަށް އެހީވެ، ހިލޭ ޤުރުއާން ކިޔެވޭނެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމްކުރުން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް