މި ތިން މީހުންގެ ދުޢާ އަބަދުވެސް އިޖާބަވާނެއެވެ.

ދުޢާ އިޖާބަކުރެއްވުމަށް ހުރި ބައެއް ސަބަބުތައް، ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ އެކަލޭގެފާނުގެ އުންމަތަށް ބަޔާންކޮށްދެއްވައިފައެވެ. އަދި ހަމައެހެންމެ އެބައެއްގެ ދުޢާ އިޖާބަވުން ގަތްވެގެންވާ މީހުންގެ ކިބައިގައި ހުންނާނެ ސިފަތަކެއް ވެސް އެކަލޭގެފާނު ވަނީ އަންގަވައިފައެވެ.

އަބޫހުރައިރާ رضي الله عنهގެ އަރިހުން އިމާމް ތިރިމިޒީ ރިވާކުރެއްވިއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «ثلاثةٌ لا تُردُّ دعوتُهم الصَّائمُ حتَّى يُفطرَ والإمامُ العادلُ ودعوةُ المظلومِ يرفعُها اللهُ فوق الغمامِ وتُفتَّحُ لها أبوابُ السَّماءِ ويقولُ الرَّبُّ وعزَّتي لأنصُرنَّك ولو بعد حينٍ» [(أخرجه الترمذي: 3598) واللفظ له، (وابن ماجه: 1752)، (وأحمد: 8030).] މާނައީ: "ދުޢާ އިޖާބަނުކުރައްވައި ރައްދުނުކުރައްވާނޭ ތިން މީހެއް ވެއެވެ. އެއީ ރޯދަވެރިޔާ ރޯދަވީއްލައިފުމަށް ދާންދެން، އަދި އަދުލުވެރި ވެރިޔާއާއި، އަނިޔާ ލިބިފައިވާ މީހާ ކުރާ ދުޢާއެވެ. (ޢާލަމްތަކުގެ) ރައްބު ވަޙީކުރައްވާނެތެވެ. ތިމަން އިލާހުގެ ޢިއްޒަތް ގަންދެއްވައި ވަޙީކުރައްވަމެވެ. ފަހުން ވިޔަސް ތިބާއަށް ނަޞްރުދެއްވުމުގައި ތިމަން އިލާހު ދެމިވޮޑިގެންވާހުށީމެވެ. (އެބަހީ: ދުޢާކޮށް ތިޔަ އެދޭ ކަންކަން ފުއްދަވައި ދެއްވާނަމެވެ.)

ދުޢާ އިޖާބަކޮށްދެއްވުމަކީ ﷲގެ ޒާތީ ސިފަފުޅެކެވެ. އެއިލާހު ވަޙީކުރައްވައިފައި އޮތް ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާކޮށްފި ނަމަ ދުޢާ ކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ." (އަލްބަޤަރާ: 186) މިއީ އާންމުކޮށް ހުރިހާ އެންމެންނަށް އޮތް ޙުކުމެކެވެ. އޭގެތެރެއިން ޚާއްޞަވެގެން އަންނަ އެކިއެކި ޙާލަތްތަކާއި ވަގުތުތަށް ހުންނާނެއެވެ. އެފަދަ އެއް ހާލަތަކީ މި ލިޔުމުގައި ބަލައިލަމުން މި އަންނަ ޙަދީޘުގައި އެވާ ތިން މީހުންގެ ޙާލަތެވެ. މި ޙަދީޘުގައި އެ އަންގަވާ ތިން މީހުންނަކީ ތިން ޙާލަތެއްގައި ތިބި ތިން އިންސާނުންނެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް އެއިން ހާލަތެއް ދިމާވެދާނެއެވެ.

ބަޔާންވެ ދިޔަ ކޮންމެ ހާލަތަކީ ވެސް އެ ކަން ދިމާވާ މީހާގެ އިޚްތިޔާރުން ބޭރުގައި ކަންތައް ތަކެއް ހުރި ހާލަތްތަކެކެވެ. ކޮންމެ ވެސް ވަރެއްގެ މަޖުބޫރީއެއް ތަހައްމަލުކުރަން ޖެހޭ ހާލަތްތަކެކެވެ. ރޯދަވެރިޔާ ތަހަންމަލުކުރަނީ ހައިހޫނުކަމެވެ. އޭނާއަށް ކެއުމުގެ އިޚްތިޔާރު އޮވެމެ މާތް ﷲގެ ވަޖުހުފުޅު އަދައިގެން ކާނާއިން މަނާވެގެން ހުންނަނީއެވެ. ޢަދުލުވެރި ވެރިމީހާ ތަހައްމަލުކުރަނީ ޚިދުމަތްކުރުމުގެ ބުރައެވެ. އަމިއްލަ އެދުމާ އެއްގޮތަށް ކަންކަން ބަދަލުކުރުމުގެ އިޚްތިޔާރު އޭނާއަށް އޮވެމެ، މާތް ﷲގެ ވަޖުހުފުޅު އަދައިގެން ޢަދުލުވެރިކަން ޚިޔާރުކޮށްގެން ހުންނަނީއެވެ. އަނިޔާ ލިބިފައިހުރި މީހާ ތަހައްމަލުކުރަނީ ހިތްދަތިކަމެވެ. އޭނާއަށް ލިބެން ޖެހޭ ޙައްޤެއް ހޯދަން ކުރެވޭނޭ އިތުރު ކަމެއް ނެތަތީވެ ދަންނަވާނެ އިތުރު ފަރާތެއް ނެތި ހަމައެކަނި ﷲއަށް ދަންނަވަނީއެވެ.

މާތް ﷲގެ އަޅާ ތަހައްމަލުކުރާ ކޮންމެ ތަކުލީފެއް ތަހަންމަލު އެ ކުރަކީ އަމިއްލަ ނަފުސުގެ އެދުން ދޫކޮށް ހުރެގެންނެވެ. އޭނާގެ މަޤްޞަދަކީ ﷲގެ ހުރިވޮޑިގަތުން ހޯދުމެވެ. އޭނާ އެދެނީ އެއިލާހުގެ ކޯފާއިން މުއްތިވުމެވެ. ސަލާމަތާއި ރައްކާތެރިކަމުގެ ގޮވައްޗަށް ވަނުމަށެވެ. ވަރަށް ގިނަ މީހުން ސުންނަތް ރޯދަތައް ދޫކޮށްލައިގެން ތިބޭ އިރު، ސުންނަތް ރޯދަ ހިފާ މީހާ އެކުރަނީ މިދެންނެވި ޢަމަލެވެ. ﷲއާ ކުއްތަންވުމުގެ އަޅުކަމެކެވެ. އޭނާގެ ދުޢާ މާތް ﷲ އިޖާބަކޮށް ނުދޭނީ ދެން ކޮންފަދައަކުންތޯއެވެ؟

ވަރަށް ގިނަ ވެރިން މިއަދު ވެސް އިއްޔެވެސް ވެރިކަމުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކުރާކަމީ ދުނިޔެ ދަންނަ ޙަޤީޤަތެކެވެ. އޭގެތެރޭ މަދުން ނަމަވެސް ޢަދުލުވެރިވެރިން އުޅެއެވެ. ރައްޔިތުންގެ ޙައްޤުގައި އިހުމާލުނުވެ، ހަމަޔާއި އިންސާފުން ޚިދުމަތްތެރިވަނީ ހަމައެކަނި ﷲގެ ރުހުން އެދިގެންނެވެ. ޤިޔާމަތްދުވަހުން ކުރިމަތި ވެދާނެ އަޒާބަކުން ސަލާމަތްވުން އެދިގެންނެވެ. އެފަދަ ވެރިއެއްގެ ދުޢާ މާތް ﷲ އިޖާބަކޮށް ނުދޭނީ ދެން ކޮންފަދައަކުންތޯއެވެ؟

އަނިޔާ ލިބޭ މީހުން އެތިބީ ގޮތް ހުސްވެފައެވެ. އެ މީހުންނަށް އޮންނާނެ މަގަކީ ޚިޔާނާތުގެ މަގު އިޚްތިޔާރުކޮށްގެން، މަކަރާއި އޮޅުވައިލުމާއި ރިޝްވަތުގެ މަގުޚިޔާރުކޮށްގެން އަނިޔާއިން ސަލާމަތް ވުމެވެ. ނޫނީ ރިވެތި ގޮތުގައި ކެތްތެރިވުމެވެ. ހުތުރު މަގުތަށް އޭނާ ޚިޔާރުނުކުރަނީ މަޙުޝަރުދުވަހުން އޭނާއާ ކުރިމަތިވާނެ ސުވާލުތަކަށް ދޭނޭ ޖަވާބެއް ނޯންނާނެތީއެވެ. ރަޙުމާނުވަންތަ ރައްބުގެ ހިމާޔަތުން ބޭރުވެދާނެތީއެވެ. އާޚިރަތުގެ އުފަލާއި ސުވަރުގޭގެ ބާއްޖަވެރިކަން އެދޭތީއެވެ. އެފަދަ މީހަކަށް މާތް ﷲ އިޖާބަކޮށް ނުދޭނީ ދެން ކޮންފަދައަކުންތޯއެވެ؟

އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް މިއިން ކޮންމެސް އެއް ހާލަތެއް ދިމާވުން އެއީ ދުރުކަމެއް ނޫނެވެ. އެފަދަ ހާލަތަކަށް މީހާ ހިނގައްޖެއްޔާ މާތް ﷲއަށް ތަޤުވާވެރިވެ، ދުޢާކުރުން ގިނަކުރަން ވާނެއެވެ. ދުޢާ އިޖާބަވެވޭ މި ހާލަތުގެ ބޭނުން އެންމެ އެދެވޭ ގޮތަށް ހިފަންވާނެއެވެ.

comment ކޮމެންޓް