ޕީއެޗްޑީއާ ހަމައަށް ސްކޮލަޝިޕްގެ އިނާމު ހޯދައި، ޤުރުއާން މުބާރާތުން އެއްވަނަ ޝަބާއާއި ޝާޔާއާއި ޝައިމަށް

މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތުން ރަންވަނަ ހާސިލްކުރި ޝައިމާއި ޝާޔާއާއި ޝަބާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނާމު ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

ކީރިތި ޤުރުއާން ކިޔެވުމުގެ 37ވަނަ މުބާރާތުގެ މުޅި މުބާރާތުން އެއްވަނަ،، ހާފިޒުންގެ ކެޓަގަރީން ފާތިމަތު ޝާޔާ ޒާހިރު، ބަލައިގެން ކިޔެވުމުގެ ގޮފިން އަހްމަދު ޝައިމް ރިޟާ، އަދި ނުބަލައި ކިޔެވުމުގެ ގޮފިން އައިޝަތު ޝަބާ ހާސިލްކޮށްފިއެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން މިއަހަރު އެއްވަނަ ހާސިލްކުރި ދަރިވަރުންނަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި ފިލަޔާއި، އެއްލައްކަ ރުފިޔާއާއި، ބޭނުން ރޮނގަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ދެއްވާ ޚާއްސަ ސްކޯލާޝިޕާއި، އިސްލާމިކް މިނިސްޓްރީން 75،000 ރުފިޔާއާއި ހަނދާނީ ލިއުމާއި ހައްޖު ކޯޕަރޭޝަންގެ ފަރާތުން އުމްރާ ދަތުރެއް ދީފައެވެ.

މި ދަރިވަރުންނަށް އިނާމުތައް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި އަހަރުގެ ޤައުމީ މުބާރާތުން އެއްވަނަ ހާސިލްކުރި މުއައްސަސާއަކީ އަރަބިއްޔާ ސްކޫލެވެ. ދެވަނަ ނ. އަތޮޅު ކައުންސިލުން ހާސިލްކުރިއިރު ތިންވަނަ ހާސިލްކުރީ ޅ. އަތޮޅު ކައުންސިލެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 18އިން 26ގެ ނިޔަލަށް ބޭއްވި މި އަހަރުގެ ޤައުމީ މުބާރާތުގައި 119 މުއައްސަސާއަކުން 1037 ބައިވެރިން ވާދަކުރިއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ޙާފިޒުންގެ ގޮފީގައި 31 ޙާފިޒުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ މުބާރާތަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކާއެކު ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ހާފިޒުންގެ ބައިގައި 31 ބައިވެރިއަކު ވާދަކުރިއެވެ. އެއީ މިދިޔަ މުބާރާތުގައި ބައިވެރިވި ހާފިޒުންނަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.

comment ކޮމެންޓް