މަޝްރޫއުތައް ނިންމަން ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓު ގެނެސްފި

ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ބޭނުންވާ ބޮޑުހިލައިގެ ތެރެއިން ބައިލައްކަ ޓަނުގެ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން މިއަދު ބުނެފިއެވެ.

އެމްޓީސީސީން ބުނީ، އެކި ރަށްރަށުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި އެ ކުންފުންޏާ ސަރުކާރުން ހަވާލުކުރި މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މިދިޔަ ހުކުރު ދުވަހު ލިބިފައިވާ ކަމަށާއި، އެ ޝިޕްމަންޓްގައި 56،450 ޓަނުގެ ބޮޑުހިލަ ރާއްޖެ އެތެރެކުރެވިފައިވާ ކަމަށެވެ.

މި އަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ޓަނުގެ ބޮޑުހިލަ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. އެއީ، ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލައިގެ އަދަދު ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ، ހުކުރު ދުވަހު ރާއްޖެ ގެނައި ޝިޕްމަންޓުން ގެނެވިފައިވާ ބޮޑުހިލަ އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ބ. މާޅޮހަށް، އެ ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ކަމަށެވެ.

އެމްޓީސީސީގެ ވެބްސައިޓުން ދައްކާގޮތުގައި މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 60 މަޝްރޫއެއް އެބަ ކުރިއަށް ދެއެވެ. އަދި، 48 މަޝްރޫއެއް ހުއްޓިފައިވާ ކަމަށް ދައްކާއިރު، އެ ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން 45 މަޝްރޫއުގެ އަމަލީ މަސައްކަތެއް އަދި ނުފަށައެވެ.

މިހާރު ވެސް ބައެއް ރަށްރަށުގައި އެމްޓީސީސީން އަންނަނީ ބަނދަރުތައް ތަރައްގީކުރުމާއި ބިންހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ. ނަމަވެސް، ބައެއް ރަށްރަށުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓި، މަޝްރޫއުތައް ކުރިއަށް ނުދާތީ އެ ރަށްރަށުގެ ރައްޔިތުން އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެއެވެ.

comment ކޮމެންޓް