އެމްބަސީތަކަށް މަހަކު އެވްރެޖުކޮށް 32 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، ސިޔާސީ މުވައްޒަފުން އެންމެ ގިނައީ މެލޭޝިއާގައި ހުންނަ އެމްބަސީގައި ކަން ފޮރިން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ސަން"އިން ވަނީ މި ސަރުކާރު ހަވާލުވިފަހުން އެމްބަސީތަކަށް ކުރި ހޭދައާއި، އެ ތަންތަނުގައި މަަސައްކަތްކުރާ މުވައްޒަފުންނާއި، ސިިޔާސީ މުވައްޒަފުންގެ ތަފްސީލާއި، އެ މީހުންނަށް މަހަކު ކުރާ ޚަރަދާއި. މުޅި ޖުމްލަ މިހާތަނަށް ކުރި ޚަރަދު ހޯދަން އެދިފައެވެ.
ނަމަވެސް އެ މިނިސްޓްރީން ދީފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު އެކަކުން، މި އަހަރުގެ ޖެނުއަރީ 31ގެ ނިޔަލަށް ހިނގި ޚަރަދެވެ. އަދި އެހާތަނަށް ތިބި މުވައްޒަފުންގެ ތަފްސީލެވެ.
އެގޮތުން މިދިޔަ އަހަރުގެ އެކެއް އޮކްޓޯބަރުން މި އަހަރުގެ ޖެނުއަރީ 31ގެ ނިޔަލަށް ބޭރު ގައުމުތަކުގައި ގާއިމްކޮށްފައިވާ ޖުމްލަ 21 މިޝަނަކަށް:
- އޮޕަރޭޝަން ޚަރަދަށް ޖުމްލަ 21،655،475.30 ރުފިޔާ ޚަރަދުކުރި. މިއީ އެވްރެޖުކޮށް މަހަކަށް 7.2 މިލިއަން ރުފިޔާ.
- މުވައްޒަފުންގެ ޚަރަދުތަކަށް 74،278،670.94 ރުފިޔާ ޚަރަދުކުރި. މިއީ އެވްރެޖުކޮށް މަހަކަށް 24.8 މިލިއަން ރުފިޔާ.
މި ތިން މަސް ދުވަހަށް ބަލާއިރު، އެންމެ ގިނަ ސިޔާސީ މުވައްޒަފުން ތިބީ މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ހުންނަ އެމްބަސީގައެވެ. ޖުމްލަ 19 ސިޔާސީ މުވައްޒަފުން އެ ތަނުގައި ތިބިއިރު، އެ ތަނުގައި މަސައްކަތްކުރަނީ ފޮރިން ސާވިސްގެ އެންމެ ދެ މުވައްޒަފުންނެވެ. ތިން މަސް ތެރޭ، އެ އެމްބަސީގައި މުވައްޒަފުންގެ ޚަރަދަށް 10،747،915.50 ރުފިޔާ ޚަރަދުކުރިއެވެ. އޮޕަރޭޝަން ޚަރަދަށް ހިނގީ 1،068،627.91 ރުފިޔާއެވެ.
ދެވަނައަށް އެންމެ ސިޔާސީ މުވައްޒަފުން ގިނައީ ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ހައިކޮމިޝަނުގައެވެ. އެ ތަނުގައި 16 ސިޔާސީ މުވައްޒަފުން ތިބިއިރު ފޮރިން ސާވިސްގެ ދެ މުވައްޒަފުން ތިއްބެވެ. މުވައްޒަފުންގެ އަދަދު ގިނަ ނަމަވެސް މި ހައިކޮމިޝަންގައި މުވައްޒަފުންގެ ޚަރަދަށް ހިނގީ 6،699،829.03 މިިލިއަން ރުފިޔާއެވެ. އޮޕަރޭޝަން ޚަރަދަށް ހިނގީ 1،498،597.41 މިލިއަން ރުފިޔާއެވެ.
ތިންވަނައަށް ސިޔާސީ މުވައްޒަފުން އެންމެ ގިނައީ ބެންގްކޮކްގައި ހުންނަ އެމްބަސީގައެވެ. އެ ތަނުގައި އަށް ސިޔާސީ މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު، ފޮރިން ސާވިސްގެ ތިން މުވައްޒަފުން މަސައްކަތް ކުރެއެވެ. މުވައްޒަފުންގެ ޚަރަދަށް ހިނގީ 5،965،469 ރުފިޔާއެވެ. އޮޕަރޭޝަން ޚަރަދަށް ހިނގީ އެންމެ 524،287.33 ރުފިޔާއެވެ.
އެމްބަސީތަކުގައި ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވަމުން އަންނަކަމަށް ސަރުކާރާ ވާދަވެރި ބޭފުޅުން ތުހުމަތުކުރައްވައެވެ. އަދި ސަރުކާރުގެ އިސް ބޭފުޅުންގެ އާއިލީ ބޭފުޅުންނަށް އެމްބަސީތަކުން މަގާމުތައް ދޭކަމުގެ ތުހުމަތު ވެސް އިދިކޮޅު ފަރާތްތަކުން ކުރެއެވެ.