ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން އެ ސަރަހައްދަށް ޚާއްސަކޮށް ރީނދޫ ސަމާލު ނެރުނުއިރު، ބާކީ ހިސާބުތަކަށް ހުދު ސަމާލެއް ނެރެފިއެވެ.
އެ އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ މިއަދުގެ 09:40 އިން ފެށިގެން 13:00 އަށް ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށެވެ.
މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
އެ އޮފީހުން ބުނީ, އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އެ އިދާރާއިން މިއަދުގެ މޫސުން ލަފާކުރާގޮތުގައި ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެއެވެ.
އެގޮތުން، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވެސް ވިއްސާރައިގެ އަސަރުކުރާނެ ކަމަށް ލަފާކޮށް އެ އޮފީހުން ވަނީ ހުދު ސަމާލެއް ނެރެފައެވެ. އެ ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށިގެންވާ ކަމަށް ސަމާލުގައިވެއެވެ.
އެ އޮފީހުން ބުނީ, މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި, ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެ އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ދެކުނުގެ ކަނޑުތައް ގަދަވެފައި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އަދި, ރާޅުތަކުގައި ހަތަރު ފޫޓާއި ހަތް ފޫޓުގެ އުސްމިނެއް ހުންނާނެ ކަމަށް ވެސް އެ އޮފީހުން ލަފާކުރެއެވެ.
އެހެންކަމުން މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.