ވަޒީފާ އަދާކުރާ އަންހެނުންނަށް އެ މީހުންގެ މައްސަރު ދުވަސްތަކާ ގުޅިގެން އޮފީހަށް ސަލާމް ބުނެވޭނެ އުސޫލެއް އިންޑިއާގެ ކަރުނާޓަކާ ސަރުކާރުން ފާސްކޮށްފިއެވެ.
'މެންސްޓުރަލް ލީވް ޕޮލިސީ"ގެ ނަމުގައި ފާސްކުރި މި އުސޫލުގެ ދަށުން ވަޒީފާ އަދާކުރާ ކޮންމެ އަންހެނަކަށް ވެސް މަހަކު އެއް ފަހަރު އޮފީހުން ޗުއްޓީ ނެގޭނެއެވެ.
މި އުސޫލުގެ ދަށުން 12 ދުވަސް އަހަރުތެރޭ ޗުއްޓީގެ ގޮތުގައި ލިބޭނެއިރު ކަރުނާޓަކާ ސްޓޭޓްގެ ސަރުކާރު އިދާރާތަކުގައި މަސައްކަތްކުރާ އަންހެނުންގެ އިތުރުން ޕްރައިވެޓް ސެކްޓާތަކުގައި މަސައްކަތްކުރާ ކޮންމެ އަންހެނަކަށް މި އުސޫލުގެ ދަށުން ޗުއްޓީ ނެގުމުގެ ހައްގު ލިބޭނެ ކަމަށް އެ ސްޓޭޓްގެ ސަރުކާރުން ވަނީ އަންގާފައެވެ.

އިންޑިއާގެ ކަރުނާޓާކާގެ ޗީފް މިނިސްޓަރު ސިއްދާރާމައިއާ--ފޮޓޯ/އެންޑީޓީވީ
މި އުސޫލަށް މިހާރު އަމަލުކުރަން ފަށާފައިވާއިރު މިއީ މިދިޔަ އަހަރުން ފެށިގެން މަސައްކަތް ކުރެވެމުން އައި ކަމެއް ކަމަށާއި އޭގެ އެންމެ ބޮޑު އެއް ބޭނުމަކީ މަސައްކަތުގެ މާހައުލުގައި އަންހެނުންގެ ދުޅަހެޔޮކަމަށް އިސްކަންދީ މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުކުރުން ކަމަށް ކަރުނާޓަކާ ސަރުކާރުން ވަނީ ބުނެފައެވެ.
މުވައްޒަފުން ބޭނުންވާނަމަ 12 ދުވަސް އެކީ އެއް މަހު ވެސް ނެގޭނެ ކަމަށާއި ބޭނުންވާ ގޮތަކަށް ދުވަސްތައް ބަހާލައިގެން ޗުއްޓީގެ ގޮތުގައި ނެގުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ކަރުނާޓަކާގެ ލޭބަ މިނިސްޓަރު ސަންތޯޝް ލަޑް ވަނީ މީޑިއާގައި ވިދާޅުވެފައެވެ.
ކަރުނާޓަކާ ޕޮލިސީގެ ނަމުގައި އެ ސަރުކާރުން ތައާރަފްކޮށްފައިވާ ޕޮލިސީއަކީ އިންޑިއާގެ ކުރިއަރަމުން އަންނަ އެކި ސްޓޭޓްތަކުގައި ވަރަށް މަޝްހޫރު ޓްރެންޑެކެވެ.
އިންޑިއާގެ ކެރެލާ ސްޓޭޓްގެ އިންޑަސްޓްރިއަލް ޓްރެއިނިންގް އިންސްޓިޓިއުޓްސް (އައިޓީއައިއެސް)ގައި މަސައްކަތްކުރާ އަންހެނުންނަށް 'މެންސްޓްރުއަލް ލީވް'ގެ ގޮތުގައި މިހާރު ވެސް ދެ ދުވަހުގެ ޗުއްޓީއެއް ނެގޭއިރު އިންޑިއާގެ ބިހާރު އަދި އޮޑީޝާގައި 12 ދުވަހުގެ ޗުއްޓީއެއް މުވައްޒަފުންނަށް ލިބެއެވެ.