ބޮލީވުޑްގެ އެންމެ މަގުބޫލު ތިން ޚާނުން ކަމަށްވާ ސަލްމާން ޚާން، އާމިރު ޚާން އަދި ޝާހްރުކް ޚާން ސައުދީ އަރަބިއްޔާގައި ބާއްވާ އެންޓަޓެއިންމަންޓް ފޯރަމެއްގައި ބައިވެރިވާން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ތިން ޚާނުން އެކީގައި ބައިވެރިވުމަށް ހަމަޖެހިފައި ވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހު ސައުދީގައި ފަށާ "ޖޯއި ފޯރަމް: ދަ ނިއު އޭޖް އޮފް އެންޓަޓެއިންމަންޓް"ގެ މި އަހަރުގެ އެޑިޝަންގައެވެ.
އެގޮތުން ސަލްމާނާއި އާމިރާއި، ޝާހު ސްޕީކަރުންގެ ގޮތުގައި ބައިވެރިވާނީ ހުކުރު ދުވަހު ބާއްވާ ޕެނަލް ޑިސްކަޝަނެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. "ޖޯއި ފޯރަމް" ކުރިއަށްދާނީ ސައުދީގެ ވެރި ރަށް ރިޔާދުގެ ބޮލެވާޑްގެ އެސްއީއެފް އެރީނާގައެވެ.
ބޮލީވުޑްގެ ތިން ޚާނުން ވެސް މި ފޯރަމްގައި ބައިވެރިވާނެކަން ސައުދީ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ (ޖީއީއޭ)އިން ވެސް ވަނީ ކަށަވަރުކޮށްފައެވެ. ޖީއީއޭ އަކީ ސައުދީގައި ބާއްވާ މުނިފޫހިފިލުވުމުގެ ހުރިހާ ހަރަކާތްތަކެއް އިސްވެ ހިންގާ އޮތޯރިޓީއެވެ.

'ޖޯއި ފޯރަމް'ގައި ސަލްމާން އާއި އާމިރު އަދި ޝާހު ބައިވެރިވާ ކަމަށް ބުނެ ސައުދީން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
މީގެކުރިން ވެސް އެކްޓަރު ޝާހްރުކް ޚާން ވަނީ "ޖޯއި ފޯރަމް"ގައި ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެފައެވެ. 2019 ވަނަ އަހަރު ޝާހު ފޯރަމްގައި ބައިވެރިވެ ހޮލީވުޑް އެކްޓަރުން ކަމަށްވާ ޖެކީ ޗަން އަދި ޖޯން ކްލައުޑް ވެން ޑޭމްއާ އެކު ނެގި ސެލްފީ ވަނީ ވަރަށް ބޮޑަށް ވައިރަލްވެ އާއްމުންގެ ސަމާލުކަން ހޯދާފައެވެ.
ބޮލީވުޑްގެ ތިން ޚާނުން އެކީގައި ފިލްމަކުން ފެންނާނެ ކަމުގެ އުއްމީދުގައި ތިބި ސަޕޯޓަރުންނަށް މިއީ ވަރަށް ބޮޑު އުފަލެއް ލިބޭނެ ވަގުތުކޮޅަކަށްވާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.