ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވާ ފަރާތްތައް ފާހަގަކޮށް އަންނަ އަހަރުން ފެށިގެން އެވޯޑު ދޭން ފަށާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު ތޯރިޤު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ތިންވަނަ ފަތުރުވެރިކަމުގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތޯރިޤު ވަނީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ތަރައްގީކުރުމަށް، އެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެނަށް ގޮވާލައްވައިފައެވެ. ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެވޯޑު ހާސިލްކުރި ފަރާތްތަކާ އެކީ މިނިސްޓަރު ތޯރިޤު އިބްރާހީމް ފޮޓޮއަކަށް ހުއްޓިވަޑައިގެން --- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
އޭނާ ވިދާޅުވީ، އަންނަ އަހަރުން ފެށިގެން، އަންހެނުން ބާރުވެރިކުރުވުމާއި، ރާއްޖޭގެ ސަގާފީ އަދި އަތްތެރި މަސައްކަތްތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް، އެވޯޑު ދޭނެ ކަމަށާއި، ޕްރޮފެޝަނަލް ދާއިރާއިން ވަކިވަކި ފަރުދުން ހޯދާ ކާމިޔާބީއާއި ކުރާ މަސައްކަތް ފާހަގަކޮށް ވެސް އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ ފަތުރުވެރިކަމުގެ އެވޯޑަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ 43 ތަނަކުން ޖުމްލަ 84 ހުށަހެޅުން ހުށަހެޅި ކަމަށާއި، އޭގެ ތެރެއިން އެވޯޑު ލިބުނީ އަށް ފެސިލިޓީއަކަށް ޖުމްލަ 10 އެވޯޑު ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތަކަށް މިނިސްޓަރު ތޯރިޤު އެވޯޑު ހަވާލުކުރައްވަނީ --- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މިއަހަރު ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި އުޅަނދުތަކުގެ ކެޓަގަރީތަކުން ކޮންމެ ކެޓަގަރީއަކަށް ފަސް އެވޯޑާއި، ޓްރެވަލް އޭޖެންސީތަކާއި ރިސޯޓުތަކާއި ރަށްރަށުގައި ހުންނަ ޑައިވް ސެންޓަރުތަކަށް ޓޫރިޒަމް މިނިސްޓްރީން ދޭ އެކްސެލެންސް އެވޯޑު ދީފައިވާ ކަމަށް، އެ މިނިސްޓްރީން މައުލޫމާތު ދެއެެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ މަގްސަދުގައި 2022އިން ފެށިގެން ބާއްވަމުން އަންނަ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެވޯޑު މިއަހަރު ހަވާލުކޮށްފައިވަނީ 2023ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މިދިޔަ އަހަރުގެ މޭ މަހާ ހަމައަށް ފަތުރުވެރިކަމުގެ ޚިދުމަތްތަކުގެ މަސައްކަތްތަކަށް ބިނާކޮށް ކަމަށް، މިނިސްޓްރީން ބުންޏެވެ.