މިއަހަރުގެ ބާ އިމްތިހާނު 136 ފަރާތަކުން ފުރިހަމަކޮށްފައިވާ ކަމަށް، ބާ ކައުންސިލުން މިއަދު ބުނެފިއެވެ.
މިއީ ރާއްޖޭގައި ބާ އިމްތިހާނު ބާއްވާ ހަތަރުވަނަ އަހަރެވެ. އަދި މީގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު އެންމެ މަދުން ކެންޑިޑޭޓުން ބައިވެރިވި އަހަރަކީ ވެސް މިއީއެވެ.
ބާ ކައުންސިލުން ބުނީ، 2022ވަނަ އަހަރަށް ފަހު މިހާތަނަށް 644 ކެންޑިޑޭޓަކު ބާ އިމްތިހާނު ފުރިހަމަކޮށްފައިވާ ކަމަށެވެ. އެއީ މި އަހަރު ބައިވެރިވި 136 ކެންޑިޑޭޓުންގެ އިތުރުން 2022ގައި ބައިވެރިވި 176 ކެންޑިޑޭޓުންނާއި 2023ގައި ބައިވެރިވި 149 ކެންޑިޑޭޓުންނާއި މިދިޔަ އަހަރު ބައިވެރިވި 183 ކެންޑިޑޭޓުންނެވެ.
މިއަހަރުގެ ބާ އިމްތިހާނު ބާއްވާފައިވަނީ އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިއެކޭޝަން ހުންނަ އިމާރާތުގައެވެ.
ބާ އިމްތިހާނުން ފާސްވުމަކީ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ގާނޫނީ ވަކީލަކަށް ވުމަށް ކަނޑައަޅާފައިވަ ތިން ޝަރުތުގެ ތެރެއިން އެއް ޝަރުތެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދަން ބޭނުންވާ ފުރަތަމަ ޝަރުތާއި ދެވަނަ ޝަރުތަކީ:
- ބާ ކައުންސިލުން ގަބޫލުކުރާ، ގާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީއެއް ހާސިލްކުރުން
- ގާނޫނީ ދާއިރާގައި އަމަލީ ތަޖުރިބާ ހޯދުމަށް ފުރިހަމަކުރަން ޖެހޭ ލައިސަންސިން ތަމްރީނެއް ފުރިހަމަކުރުން
ބާ އިމްތިހާނަކީ ގާނޫނީ ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ އިލްމާއި ހުނަރު، ދާއިރާއަށް އަލަށް ނުކުންނަ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމަށް ދެވޭ އިމްތިހާނެކެވެ. މި އަހަރުގެ އިމްތިހާނުގައި މައިގަނޑު ހަ ދާއިރާއަކުން ސުވާލު ހިމަނައިފައި ވެއެވެ. އެއީ:
- ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް
- ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ
- ލޭންޑް ލޯ އެންޑް ޕްރެކްޓިސް
- ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ
- ޓޯޓް ލޯ
- މޯލްޑިވިއަން ލީގަލް ސިސްޓަމް
މި އިމްތިހާނުގައި އިނގިރޭސި ބަހުން އަދި ދިވެހި ބަހުން ތައްޔާރުކޮށްފައިވާ 120 މަލްޓިޕްލް ޗޮއިސް ސުވާލު ހިމަނާފައި ވެއެވެ.
ވަކީލު ކަމުގެ ހުއްދަ ހޯދުމަށް، ބާ އިމްތިހާނު ފުރިހަމަކުރަން ޖެހޭ ގޮތަށް ހަމަޖެއްސީ 2019ވަނަ އަހަރުގެ ތެރޭގައެވެ. ރާއްޖޭގައި ފުރަތަމަ ބާ އިމްތިހާނު ހެދީ 2022ވަނަ އަހަރެވެ.